ހއ.އިހަވަންދޫ މަސްޖިދުއް ތަޢާވުން އަށް ޖެހިޖެހިގެން 40 ދުވަސް ވަންދެން ޖަމާއަތަށް ފަތިސްނަމާދަށް ހާޒިރުވި 38 ކުއްޖަކަށް ބައިސްކަލް ދީފިއެވެ.
މި ޕްރޮގްރާމް ހިންގީ އިހަވަންދޫ ސްކޫލުގެ ގްރޭޑު 7 އިން ދަށުގެ ދަރިވަރުންނަށެވެ.
މިއީ 2023 ވަނަ އަހަރުގެ މެއިމަހު، އެމިސްކިތުގެ އިމާމު، ޙުސައިން ރަޝީދު އިސްނަންގަވައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތް ފުރިހަމަކުރި ކުދިންނަށް ބައިސްކަލް ހަވާލުކޮށްފައިވަނީ ރޭ އިޝާ ނަމާދަށްފަހު މަސްޖިދުއް ތަޢާވުންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމާމު ހުސައިން ރަޝީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ދީނީ ކަންތައްތަކަށް ދަރިވަރުން ލޯބި ޖެއްސުމަށް މިފަދަ ޕްރޮގްރާމްތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ. ރޭގެ ރަސްމިއްޔާތުގައި އިހަވަންދޫ ކައުންސިލުގެ ފަރާތުން ބައިސްކަލް ހާސިލްކުރި ދަރިވަރުންނަށް ހިތްވަރުދެއްވައި ކުރިޔަށް އޮތްތަނުގައިވެސް މިފަދަ ހަރަކާތްތަކަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.
މިޕްރޮގްރާމުގެ ތެރެއިން ނަމާދުގައި ކިޔާތަކެތި ހިތުދަސްކޮށް ކިޔައިދިން ކޮންމެ ކުއްޖަކަށް 500 ރުފިޔާ ދީފައިވާއިރު، 30 ވަނަ ފޮތް ހިތުދަސްކޮށް ކިޔައިދިން ކޮންމެ ކުއްޖަކަށް 500 ރުފިޔާވެސް ދީފައިވެ އެވެ. އަދި ނަމާދުގެ ފަރުޟުތަކާއި ރުކުންތަކާއި ސުންނަތްތައް ދަސްކޮށްދީ ނަމާދު ކުރާނޭ ގޮތް ކުދިންނަށް ދަސްކޮށްދިން ކަމަށް ކައުންސިލުން ވިދާޅުވިއެވެ.
1 މެއި 2023 ގައި ފެށި މި ޕްރޮގްރާމުގައި 64 ކުދިން ބައިވެރިވި ނަމަވެސް ޖެހިޖެހިގެން 40 ދުވަސް ވަންދެން ޖަމާއަތުގައި ފަތިސް ނަމާދު ފުރިހަމަ ކުރެވުނީ 38 ކުއްޖަކަށެވެ.
ޖަމާއަތުގައި ފަތިސް ނަމާދަށް އައުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ކުދިންނަށްނަށް ނަމާދުކުރަން ދަސްކޮށްދިނުމުގެ އިތުރުން ދީނީ މަޢުލޫމާތު ދިނުންވެސް ހިމެނެއެވެ.