މިއަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން އޭދަފުށީ ކައުންސިލުން އޭދަފުށީގައި 60 ރުއް އިންދައިފި އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފަސްވަނަ ދުވަހެވެ.
އޭދަފުށީ ކައުންސިލުން އިސް ނަގައިގެން ހިންގި މި ޕްރޮގްރާމްގައި އުރީދޫގެ ސީސީއޯ ހުސެން ނިޔާޒާއި އޭދަފުށީގައި ހުންނަ ސަރުކާރުގެ މުވައްސަސާ ތަކާއި ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.
ކައުންސިލްގެ ނައިބު ރައީސް، އަލީ ޝަފީގު ވިދާޅުވީ މި ރުއްތައް އިންދުމަށްފަހު ރަނގަޅަށް ހެދިގަންނަން ދެން ކައުންސިލުން ފެންދީ ބަލަހައްޓާނެ ކަމުގައެވެ.
އޭދަފުށީ ކައުންސިލުން މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހުވެސް 100 ކިނބި ގަސް ރަށުގެ އެކި ސަރަހައްދުގައި އިންދި އެވެ. ނަމަވެސް އިންދުމަށްފަހު ގަސްތަކަށް އަޅާނުލައި ދިއުމުން އެހުރިހާ ގަހެއް ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ވަނީ މަރުވެފައެވެ.