ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާކުރައްވައިފި

large_17168708522463SZ.jpg

އާ މަޖިލިސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބުވެވަޑައިގަތް މެންބަރުން، މެންބަރުކަމުގެ ގާނޫނީ ހުވާ މިއަދު ކުރައްވައިފިއެވެ.

އާ މަޖިލީހަށް މެންބަރުން އިންތިޚާބުކޮށްފައިވަނީ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައެވެ.

އަލަށް އިންތިޚާބުވެވަޑައިގަތް 93 މެންބަރުން، މެންބަރުކަމުގެ ހުވާ ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ބޭފުޅުންނަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންއެވެ.

ވިހިވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 10:15 ގައެވެ. އެ ޖަލްސާގައި އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރަން ސިއްރު ވޯޓު ނެގުމެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރެވެންދެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީއެއް އޮތް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ އެ ޕާޓީގެ ލީޑަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ގޮތަށް މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަދި ނައިބު ރައީސްއަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިޚާބުކުރަން ފާސްކޮށްފައެވެ. މީގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ލީޑަރެއްގެ ގޮތުގައި ހުންނަވާނީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ކަމަށް ވެސް ޕީއެންސީން ވަނީ ނިންމައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީން ވަނީ މަޖިލީހުގެ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އިންތިޚާބަށްފަހު، އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކޮށް ކާމިޔާބު ކުރި ބައެއް ބޭފުޅުން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެހެންކަމުން މިހާރު މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިއްބަވާނެއެވެ.

މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިއްބަވާނީ 12 މެންބަރުންނެވެ. އަދި އެމްޑީއޭގެ 2 މެންބަރުން، ޖުމްހޫރީ ޕާޓީގެ އަދި އެމްއެންޕީގެ އެންމެ މެންބަރަކާއި އަމިއްލަ ދެ މެންބަރުންނެވެ.

އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރަކީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top