އޭދަފުށީ ކައުންސިލްގެ އިންޒާރު އަނެއްކާވެސް ކޮޕީގަސްތަކަށް!

P_20160329_113019.jpg

އޭދަފުށީގެ މަގެއް.

މިއީ ދޭތެރެ ދޭތެރެއިން އަންނަ އިންޒާރެކެވެ. އޭދަފުށީގެ ބައެއްމަގުތަކުގައި ހައްދާފައި ހުންނަ ކޮޕީގަސްތައް ނެގުމަށެވެ.

އޭދަފުށީގެ ބައެއް މަގުތަކުގެ އެއްފަރާތު ކައިރީގައި ކޮޕީގަސްހެއްދުމަކީ ކުރު މަޒީއަށް ބަލާއިރު ވަރަށް އާއްމު ކަމެކެވެ. އެގަސްތައް ހައްދަނީ މަގާ ގުޅިފައިވާގޭގެ މީހުންނެވެ. ގޯތި ތެރޭގައި އިންދައިގެން ހެއްދުމުގެ ބަދަލުގައި މަގގެ ކައިރީގައި ކޮޕީހައްދަނީ ފުރިހަމައަށް އަވި ލިބޭތީވެ ގަސް ރީއްޗަށް ހެދޭތީކަން ނޭގެއެވެ. މިއީ މިހާރު ރާއްޖޭގެ ބައެއްއަތޮޅުތަކުގެ ރަށްތަކުގައި އާއްމުކޮށް ކުރަމުން އަންނަ ކަމެއްވެސް މެއެވެ. ބައެއްރަށުރަށުގައި މިކަން ކުރަމުން އަންނަނީ ކައުންސިލުގެ ހުއްދައާއެކުވެސް އެކުގައެވެ.

އޭދަފުށީ ކައުންސިލުން ކުރިން ބުނެފައިވަނީ ރަށުގެ މަގުތަކާއި ރަށުތެރެ އަމާންތަނަކަށް ހެދުމަށް މަގުގެ ކައިރީގައި އިންދާ ހައްދާފައިހުރި ކޮޕީގަސްތައް ނެގުމަށް އިލްތިމާސްކޮށްފައެވެ. އިއްޔެގެ އިއުލާނަކީ އަނެއްކާވެސް އެކްން ހަނދާން ކޮށްދިނުމުގެ ގޮތުން ކޮށްފައިވާ ކަމެކެވެ. ރަށު ކައުންސިލުގެ އިއުލާނުގައި ކޮޕީގަހާއި އެހެނިހެން ގަސްގަސްވެސް އިންދަމުން ދާވާހަކަ ބުނެފައިއޮތީމާ އެއީ ކުޑަކޮށް ހައިރާންކުރުވަނިވި ވާހަކައެކެވެ. އެހެން ކަހަލަ ގަސްގަސް އިންދާފައި ހުރޭބާއެވެ. ނެތް ކަމެއްވެސް ޔަގީންކޮށްފާ ބުނާކަށް ނުކެރޭނެއެވެ. އެކަމަކު ޔަގީންކޮށްފާ ބުނަންކެރޭ ވާހަކައަކީ އެގޮތަށް އިންދާފައި ގަހެއް ހުރިކަމުގައި ވިޔަސް އެގަހެއްވެސް ވާނީ ކޮޕީގަސް ފަދަ މޫސުމީ ގަހަކަށެވެ. އެހެންކަމަށްވާނަމަ ސުވާލަކީ ރަށުގެ މަގުތަކުގެ އަމާންކަން ގެއްލުމާ މި ކޮޕީގަސްތަކާހުރީ ކޮން ގުޅުމެއް ބާއެވެ.

ރަށުގެ ކައުންސިލްގެ ފަރާތުން ރަށުތެރެ އަމާންތަނަކަށް ހެދުމުގެ ގޮތުންނޭ ބުނެ އެގަސްތައް ކުށްވެރި ކުރުމަކީ ހިނި އަންނަ ކަމެކެވެ. ޖޯކުވެސް ވާހަކައެކެވެ. އެއީ ކޮޕީގަސްތަކުން ރަށު ތެރޭގެ އަމާންކަން ގެއްލުމަށް ނުވަތަ އަމާންކަން ނަގާލުމަށް ކުރެވޭނެ ކަމެއްނޭނގޭތީއެވެ. އެ ގަސްތައް ބިޔަވެގެން ގަސްތަކުގެ ތެރޭގައި ބޮޑެތި ކުށްތަކާ ބޮޑެތިވެގެންވާ ޖަރީމާ ހިންގާ ހާއްޔަކަށް ބަދަލުވެދާނެކަމުގެ ބިރު، ރަށު ކައުންސިލަށް އޮތްކަމަށް ވަންޏާ ތިޔަގަސްތައް މިހާރުން މިހާރަށްވެސް އަވަހަސް ނައްތާލަންވީއެވެ.

މީގައި ހައިރާންވާން ޖެހޭ ކަމަކީ ރަށުގެ އަމާންކަމާ އެއްވެސް ގޮތަކުން ގުޅުމެއްނެތް ކަމެއްގެ ތެރެއަށް ކޮޕީގަސް ވެއްދުމުންނެވެ. އެއީ މަގުގެ އެންމެ ކައިރީގައި ހައްދާފައި ހުންނަ ކުދިކުދި ގަސްތަކެކެވެ. އޭގެ ސަބަބުން މީހުންނަށާއި ދުއްވާ އެއްޗިއްސަށް އުނދަގުލެއް ވާނެކަމަކަށް ބުއްދި ގަބޫލެއް ނުކުރެއެވެ. އޭގެ ބަދަލުގައި މަގުތަކުގެގެ ބޭރަށް ދާއިމީ ގޮތަށް ނެރެފައި ހުންނަ ޖޯލިފަތިތަކާ އުވައޮޑިތަކާ އެޅިގާތައްފަދަ ކިތަންމެ އެއްޗިއްސެއް އެތައް ދުވަހެއްވަންދެެން ނުނަގާ ހުންނަ ތަން އެބަފެނެއެވެ. މި ގޮތަށް ހުންނަ ތަކެތީގެ ސަބަބުން ދުއްވާ އެއްޗިއްސަށާ ހިނގާ މީހުންނަށް އުދަނގޫ ވާނެއެވެ. އެހެންކަމަށްވާނަމަ މި ތަކެތީގެ ސަބަބުން މަގުގެ އަމާންކަން ގެއްލުމަކީވެސް ވެދާނެގޮތެކެވެ. އެހެންނޫނަސް މިކަހަލަ ރަށެއްގައި މިއީ ފެންނަންވާނެ މަންޒަރެއްވެސް ނޫނެވެ.

މިކަމާ ގުޅިގެން ރަށު ކައުންސިލުގެ ފަރާތުން މިތަކެތި ނެގުމަށް ތަންކޮޅެއްކުރިން އާއްމު އިއުލާނެއްވެސް ކުރިއެވެ. އެއިއުލާނާ ގުޅިގެން މުޅި ރަށުން ކަހަލަ ގޮތަކަށް މަގުތަކުން އެބާވަތުގެ ހުރިހާ އެއްޗެއް ނަގާ ހުސް ކުރިއެވެ. ފޫކަހާފައި ނުނަގަން އުޅުން ވަރަށް މަދު ބަޔަކު ބަހައްޓާފައި ހުރި މަދު އެއްޗެއް ޕޮލިހުން ނުކުމެ ސާފުކުރާ ތަންވެސް ފެނިގެން ދިޔައެވެ. އެހެންވީމާ ރަށުގެ މަގުތަކާއި ރަށު ތެރެ އަމާންތަނަކަށް ހެދުމުގެ ގޮތުން ކުރަން އޮތް އެންމެ މުހިއްމު ކަމަކީ މި ގޮތަށް މަގުމަތީގައި ހުންނަ އެއްޗެތި ނެގުމެވެ. އެކަމަށް އިސްކަންނުދީ ކޮޕީގަސްތަކަށް އިންޒާރު ދިނުމަކީ އިންސާފެއްނޫނެވެ. ރަށުގެ މަގުތަކާއި ރަށުތެރެ އަމަންތަނަކަސް ހެދުމަސް ފުރަތަމަ ކުރަންޖެހޭ ކަމަކީ މިއެވެ. އޭގެ ފަހުން ކޮޕީގަސްތަކަށް އިންޒާރު ދެއްވާށެވެ.

މަގުތަކުގެ ރީތިކަމާއި މަގުތަކަށް ދޭންޖެހޭ ހައްގުތައް ނުލިބުމުގައި ކޮޕީގަސް ހުރަހަކަށް ވާނަމަ މިއީވެސް ކުރަންޖެހޭނެކަމެކޭ ކިޔަމާ ހިނގާށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top