ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަތުލިއުމުގެ މުބާރާތެއް ބާއްވަން ދިވެހި ބަހުގެ އެކެޑަމީއިން ނިންމައިފި އެވެ.
މި މުބާރާތުގައި ސަރުކާރުގެ އިދާރާތަކުގް އިތުރުން މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކުގެ މުވައްޒަފުންނަށް ބައިވެރިވެވޭނެ އެވެ.
ބަހުގެ އެކެޑަމީން އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވާ ގޮތުގައި އެ މުބާރާތުގައި ބައިވެރިވެވޭނީ މި މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ. އެގޮތުން ކޮންމެ އޮފީހަކުން ވެސް ފަސް މުވައްޒަފަކަށް ބައިވެރިވެވޭނެ ކަމަށް ސާކިއުލާގައި ބުނެފައި ވެއެވެ.
މިމުބާރާތް ކުރިއަށް ގެންދާާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ރީތިކޮށް ތާނަ ލިޔުމުގެ ބަޔާއި އަވަސް ތާނަ ލިޔުމުގެ ބައެވެ.
އެކެޑަމީން ބުނީ ރީތިކޮށް ތާނަ ލިޔުމުގެ ބަޔާއި އަވަސް ތާނައިގެ ބައިގައި އޮފީސްތަކުން ބައިވެރިކުރާ މުވައްޒަފުން، އަތުން ލިޔަންވާނީ އެކެޑަމީން އެ ކަމަށް ޚާއްޞަކޮށް ފޮނުވާ ލިޔުން ކަމަށާއި، އެ ލިޔުން ލިޔަންވާނީ އެކެޑަމީން ދޭ ޚާއްޞަ ކަރުދާހެއްގައި ކަމަށެވެ.
މި މުބާރާތަށް އިންސާފުކުރުމަށް ހަމަޖެހިފައިވަނީ އެކެޑަމީން ކަނޑައަޅާ ފަނޑިޔާރުންގެ ކޮމިޓީއަކުންނެވެ.
އެންމެ ފަހުން ބޭއްވި އަތުލިއުމުގެ މުބާރާތަށް ވެސް ހޫނު ތަރުހީބެއް ލިބުނުއިރު އެ ފަހަރު 300 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
ބައިނަލްއަގްވާމީ މާދަރީބަހުގެ ދުވަހުގެ އިތުރުން، ދިވެހިބަހުގެ ދުވަހެއް ފާހަގަ ކުރުމަށް ސަރުކާރުން ނިންމީ ޖެނުއަރީ 21، 2015ގައެވެ. ދިވެހިބަހުގެ ދުވަހަކީ 14 އެޕްރީލް ކަމަށް ސަރުކާރުން ކަނޑައެޅީ، އެ ދުވަހަކީ ރާއްޖޭގެ މަޝްހޫރު އަދީބު އަލްމަރްހޫމް ހުސެން ސަލާހުއްދީން އުފަންވެވަޑައިގެންނެވި ދުވަސް ކަމުގައިވާތީއެވެ.
މިއީ ދިވެހިބަހުގެ ދުވަސް ފާހަގަ ކުރާ 10ވަނަ ފަހަރެވެ.