އޭދަފުށީގައި 1000 ހައުސިން ޔުނިޓްގެ މަޝްރޫއެއް ފަށަނީ

389761_3_7eb21b976d19bc089723a743309ba88f9ed56b9e_large.jpeg

އޭދަފުށީ ދާއިރާ އަހުމަދު ސަލީމްގެ ކެމްޕެއިން ވެބްސައިޓް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ސަލީމްއާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާ އަށް ވާދަކުރައްވާ އޭދަފުށީ ދާއިރާގެ މިހާރުގެވެސް މެންބަރު އަހުމަދު ސަލީމްގެ ކެމްޕޭން ވެބްސައިޓް އިފްތިތާހު ކުރުމަށް ރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއަކީ ސަލީމްގެ އިސްނެންގެވުމުގެ މަތީން ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އެގޮތުން އެ މަޝްރޫއު ސަރުކާރަށް ގެނައުމުގައްޔާއި، އެ މަޝްރޫއަށް ސަރުކާރުގެ ފަރާތުން ބޭނުންވާ ހުއްދަތައް ހޯދުމުގައި ވެސް ސަލީމް ވަނީ އިސް ނަންގަވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

“ސަރުކާރުން އެ ހުރިހާ ކަމެއް ކުރިއަށް ގެންގޮސް ހުރިހާ ހުއްދަތަކެއް ނަގައި އިނީޝިއަލް މަރުހަލާގެ ތެރެއިން ހުރިހާ ކަމެއްގައި ވެސް އިސް ނެންގެވީ ތިބޭފުޅުންގެ މަޖިލިސް މެމްބަރު.” ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ސަރުކާރުން ރާވާފައި ހުރި ކަމަށެވެ.

އޭގެ ތެރެއިން ވެސް އޭދަފުށީ ދާއިރާއަށް އެންމެ މުހިންމީ ގެދޮރުވެރިކަން ކަމަށް ރައީސް ވިދާޅުވި އެވެ.

“ސަލީމްގެ އިސްނެންގެވުމުގެ މަތިން މިހާރު އިނީޝިއަލް މަސައްކަތްތައް ހިނގަމުންދާ ގޮތަށް ބަލާއިރު، ދާދި އަވަހަށް ސަރުކާރުން ހުރިހާ ހުއްދައެއް އަޅުގަނޑުމެން ދީ، ވަރަށް އަވަހަށް އޭދަފުށީގައި 1000 ހައުންސިން ޔުނިޓްގެ މަޝްރޫއުއެއް ފަށާނަން،” ރައީސް ވިދާޅުވި އެވެ.

އެކަން ކުރިއަށް ދަނީ އެ ދާއިރާގެ މިހާރުގެ މެންބަރު ސަލީމްގެ ބުރަ މަސައްކަތުން ކަމަށާއި އެކަމަށް އެއްބާރުލުން ދެއްވުމަށް ޓަކައި އޭދަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

މި ހައުސިން ޔުނިޓުގެ ފައިދާ އޭދަފުށީގެ އިތުރުން ބ. އަތޮޅަށް ވެސް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ މަޝްރޫއުގެ ސަބަބުން އެ ދާއިރާއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް މި މަޝްރޫއުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ވަރަށް ގިނަ ވައުދުތަކެއްވެ ވަޑައިގެންނެވިކަން ރައީސް ފާހަގަ ކުރައްވައި އެ މަނިކުފާނު ވިދާޅުވީ އެ ވައުދުތައްވީ، އެ ހުރިހާ ވައުދެއް ވެެސް ފަސް އަހަރު ތެރޭގައި ފުއްދޭނެކަން ގަބޫލުފުޅު ކުރެއްވޭތީއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ހުންނެވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ. އެހެން ކަމުން އެކަންކަން ހާސިލްކުރުމަށް ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top