ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަން ޖެހޭ ލޯނުތައް ނުދެއްކުމުން ނަގާ ޖޫރިމަނާގެ އިންސައްތަ 0.5 އަށް ކުޑަކޮށްފިއެވެ.
ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، އެ ބޭންކުން ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ނުދެއްކުމުން ދައްކަން ޖެހޭ ޖޫރިމަނާ ނުވަތަ އޯވަޑިއު އިންޓަރެސްޓު ރޭޓު އަނެއްކާވެސް ދަށް ކޮށްފައިވާ ކަމަށެވެ.
އެގޮތުން މިފަހަރު މި ރޭޓް ދަށްކޮށްފައިވަނީ މަހަކަށް %2 އިން %0.5 އަށް ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މި ބަދަލުގެނައީ، މި މަހުގެ 24 ވަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމެއްގައި ކަމަށެވެ.
އޯވަޑިއު އިންޓަރެސްޓަކީ ލޯނަށް ފައިސާ ދައްކަންޖެހޭ ތާރީޚުގައި ފައިސާ ނުދައްކާނަމަ އެ ފާއިތުވާ މުއްދަތަށް ނަގާ ޖޫރިމަނާ އެކެވެ.
އޯވަޑިއު އިންޓްރެސްޓް އެރިޔަ ނުދިނުމަށް ގަވައިދުން ހުރިހާ ފަރާތްތަކުން ވެސް ލޯނު އަނބުރާ ދެއްކުމަށް ބީއެމްއެލުން އިލްތިމާސް ކުރެއެވެ.