ހުޅުމާލޭ ފޭސް އެކެއްގައި ދަރިއަކު މަންމައަށް ތޫނު އެއްޗަކުން ހަމަލާދީފި އެވެ.
ފުލުހުން މިރޭ ބުނީ ހުޅުމާލޭ ފޭސް އެކެއްގެ ފުލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން އަންހެނަކަށް ހަމަލާދީފައިވާ މައްސަލައެއް މިރޭ 6:50 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 51 އަހަރުގެ ދިވެހި އަންހެނަކަށެވެ. އެމީހާގެ ހާލު ސީރިއަސް ކަމަށް ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ހަމަލާ ދީފައިވަނީ އާއިލީ މައްސަލައެއްގައި ދަރިއަކު އޭނާގެ މަންމަ އަށް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.