އޭދަފުށީގެ ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ

climate-ministry-00015-1536x1024-1.jpg

19 ރަށެއްގައި ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން-- ވަގުތު އިމޭޖަސް

އޭދަފުށި ހިމެނޭހެން ރާއްޖޭގެ 19 ރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކޮށް ޒަމާނީ ފެންަވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފި އެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާ އިން ވާރލްޑް ބޭންކުގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ އެކްސެލަރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓަރގްރޭޝަން އެންޑް ސަސްޓެއިންބަލް އެނަރޖީ – އެރައިސް މަޝްރޫއުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އޭދަފުށި ހިމެނެނީ ލޮޓް ދޭއް (ފިޔަވަހި2) ގައެވެ.

ލޮޓް އެކެއްގައި ހިމެނޭ ރަށްރަށަކީ އައްޑޫ ސިޓީ ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫ، ހުޅުދޫ، މީދޫ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީ އެވެ.

ލޮޓް ދޭއްގައި އޭދަފުށީގެ އިތުރުން ހިމެނެނީ ޅ. ހިންނަވަރާއި ކުޅުދުއްފުށި ސިޓީއެވެ.

ލޮޓް ދޭކާއި ތިނެއްގައި ހިމެނޭ ރަށްތަކުގެ ގްރިޑް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ޗައިނާ ނެޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން އާއި ޝީޖަޒްހުއަންގ ކެލިން ކޯ ލިމިޓެޑާއި އެކު ހަދާފައިވާ ޖޮއިންޓް ވެންޗަރަކުންނެވެ.

މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޔިން ގިންގއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ތާރިގު އިބްރާހިމެވެ.

މި މަޝްރޫއަކީ ވޯލްޑް ބޭންކުގެ އިންޓަރނޭޝަނަލް ޑިވޮލޮޕްމެންޓް އެސޯސިއޭޝަން – އައިޑާގެ 6.2 މިލިއަން ޑޮލަރުގެ ހިލޭއެހީއާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކުން ލިބިފައިވާ 20 މިލިއަން ޑޮލަރުގެ ލޯން އެހީއިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތަކެކެވެ.

މި ރަށްރަށުގެ ކަރަންޓު ވިއުގަތައް ތަރައްގީ ކުރުމާއެކު، މި މަސައްކަތަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އިތުރުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަރަންޓު ޚިދުމަތް ފޯރޮކޮށްދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަގުފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް ހަކަތަ އާއި ބެހޭ ވުޒާރާއިން ބުނެއެވެ. އަދި އެރައިސް މަޝްރޫއުން ރާއްޖޭގެ އެކިރަށްރަށުގައި 36 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށް މި ނިޒާމުތަކަށް ބޭނުންވާ ސްޓޯރޭޖްއަށް ގާތްގަނޑަކަށް 40 މެގަވޮޓްއަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމަށްވެސް މަސައްކަތްކުރަމުދާ ކަމަށްބުންޏެވެ.

ރަށްރަށުގެ ކަރަންޓު ވިއުގައިގެ ހާލަތު ރަގަޅުކޮށް، ކަރަންޓުގެ ނިސްބަތުގައި ހިމެނޭ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން މި މަޝްރޫއިން ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރޭގައި، މިހާރު ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯރކްގެ ކޭބަލް އަޕްގްރޭޑްކުރުމާއި، ރަށްރަށުން އަލަށް ހިއްކާފައިވާ ސަރަހައްދުތަކާއި މީހުން އަލަށް އާބާދުވާ އެނޫންވެސް ސަރަހައްދުތަކަށް ކަރަންޓު ނެޓްވަރކް ފުޅާކުރުމާއި، ދުވަސްވެފައިވާ ޓްރާންސްފޯމަރތައް ބަދަލުކުރުމާއި ނެޓްވަރކްގެ ޓްރާންސްމިޝަން ކެޕޭސިޓީ އިތުރުކުރުމަށް އާ ސަބްސްޓޭޝަން ގާއިމުކުރުމާއި، ޒަމާނީ ފެންވަރަށް ވިއުގަ ތަރައްޤީކުރުމުގެ ގޮތުން ކޮމިއުނިކޭޝަން ނެޓްވާކް އެޅުމާއި ނެޓްވާކަށް އޮޓޮމޭޓެޑް ފީޗަސްތައް އިންޓެގްރޭޓް ކުރުން ހިމެނެއެވެ.

މިނިސްޓްރީން ބުނީ ޕްރޮޖެކްޓް ނިމުމުން ކުރިއަށް އޮތް 15 އަހަރަށް ބޭނުންވާ ކަރަންޓު ނެޓްވޯކް އިންފްރާސްޓްރަކްޗާ ކަށަވަރުވެ، ގިނަ ރަށްތަކުގައި ދިމާވެފައިވާ ވޮލްޓޭޖްޑްރޮޕް މައްސަލަތައް ހައްލުވާނެ ކަމަށެވެ. އަދި ބައެއް ކަހަލަ ކަރަންޓު އާލާތްތައް ބޭނުންކުރުމަށް ރައްޔިތުންނަށް ހުރި އެކި ހުރަސްތަކުން ސަލާމަތްވެ ކަރަންޓު ކެނޑުމުގެ މައްސަލަތަކަށް ލުޔެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top