ބ. ހިތާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ރަށު ކައުންސިލް ގުޅިގެން މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ”އޯޕަލް މަސްރޭސް- ހިތާދޫ 2023“ގެނަމުގައި މަސްވެރިކަމުގެ މުބާރާތެއް ބާއްވައިފިއެވެ.
މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ މެންދުރުފަހު 2:30އިން ފެށިގެން ރޭ 8:30 އާއިހަމައަށެވެ.
ހިތާދޫގެ ދެޖިންސު މީހުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ހިތާދުއަށާއި ބ.އަތޮޅަށް ގިނަ އަހަރު ތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހިތާދޫ އަބްދުއްސައްތާރު އިބްރާހީމްގެ އާއިލީ މަސްލަހަތު އޮންނަ ”އެމް7 “އަށް ނިސްބަތްވާ ”ވައިޓް އޯޕަލް މޯލްޑިވްސް“ ކުންފުންޏެވެ.
ހިތާދޫ ކައުންސިލް މެންބަރު އައިޝަތު ރީޝާ ވިދާޅުވީ ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ މުބާރާތަށްވެސް ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމުގައެވެ.
”ޖުމްލަ 11 ޓީމް މުބާރާތުގައި ބައިވެރިވެފައިވާއިރު ބައެއް ޓީމްތަކުގައި ނަގާކިޔަން ތިބީ އަންހެނުން. އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. “ރީޝާ ވިދާޅުވި އެވެ.
ވައިޓް އޯޕަލް ކުންފުނީގެ އެމްޑީ. ސައްތާރު ވިދާޅުވީ ”އޯޕަލް މަސް ރޭސް“ ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މަސްވެރިކަމަށް އަންހެނުން މޯޓިވޭޓް ކުރުމާއެކު ހިތާދުއަކީ ބ.އަތޮޅަށް ބަލާއިރު މަސްވެރިކަމުގެ އެންމެ ބޮޑު އެއްރަށް ކަމަށްވެފައި މަސްވެރިންގެ މެދުގައި އިހު އޮތް މަސްވެރިކަމުގެ ވަރުގަދަ ރޫހު ދިރުވުމާއެކު އެކުވެރިކަން އުފެއްދުން ކަމަށެވެ.
”މިރޭހުގައި ބައިވެރިވާ ކޮންމެ ޓީމެއްގައިވެސް އަންހެނަކު ހުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރުއަޅާކަމެއް.“ އެމްޑީ ވިދާޅުވިއެވެ.
މި މުބާރާތުގެ 1ވަނަ ޓީމަކީ ”ރެޑް ސްނެޕާ“ އެވެ. 1 ވަނަޓީމްގެ އިތުރުން މިޓީމަށްވަނީ މުބާރާތުގައި އެންމ ބޮޑު މަސް ބޭނި ޝަރަފްވެރިކަމުގެ އިނާމުވެސް ހޯދާފައެވެ. މިމުބާރާތުގެ ދެވަނައާއި ތިންވަނަ ޓީމަށް ވެސް ފައިސާގެ އިނާމު ހުށައެޅިފައިވެއެވެ.