ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލަން ބޮޑު އޮޕަރޭޝަނެއް

Bangladeshis-regularisation-.jpg

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް އިމިގްރޭޝަނުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިއަދު އިމިގްރޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ މި އޮޕަރޭޝަން ތަކުގައި ބިދޭސީންގެ އައިޑެންޓިޓީއާއި ވިސާ ޗެކް ކުރުމަށްފަހު އިމިގްރޭޝަން ގާނޫނާ ޚިލާފުވާ ބިދޭސީންނަށް ފިޔަވަޅު އަޅައި، އަދި ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި ހާއްސަ އޮޕަރޭޝަން ކުރިއަށްދާއިރު، އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، ސައްހަ ހުއްދައެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްޗަށް އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރަމުންދާނެ ކަމުގައި ބަޔާނުގައި ބުނެފައި ވެއެވެ.

މިކަމުގެ މަގްސަދަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރުމާއި މަސައްކަތް ކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ގަވައިދާ އެއްގޮތަށް ބައްޓަން ކުރުން ކަމުގައި އިމިގްރޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އާބާދީ އިތުރުވަމުންދާ މައްްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. މިފަދަ ބިދޭސީން މަދުކުރުމަށް ހުރިހާ ސަރުކާރަކުންވެސް މަސައްކަތްތަކެއް ކުރިއިރު، އަދި މިހާތަނަށް މި މައްސަލައަށް އެދެވޭ ހައްލެއް އައިސްފައެއް ނުވެއެވެ.

ކޮވިޑް ބަލިމަޑުކަަމަށްފަހު ރައީސް ސޯލިހުގެ ސަރުކާރުން ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމަށް ހިންގި ޕްރޮގްރާމުގައި 24،000 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ. އަދި އިތުރު 13،000 މީހުން ގަވާއިދަށް ފައްތައި އެމީހުނަށް އަލުން ރާއްޖޭގައި މަސައްކަތްކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.

ސަރުކާރުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި 130،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން އުޅެމުން ދެއެވެެ. މީގެ ތެރެއިން ގިނަ މީހުން އުޅެނީ މާލެ ސަރަހައްދުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top