އޭދަފުށި އާ ބަނދަރުގެ މަސައްކަތް ފަށައިފި

DSCN3504.jpg

އޭދަފުށީ ހުޅަނގު ފަރާތުގައި ސަރުކާރުން އަލަށް ހެދުމަށް ނިންމާފައިވާ ބަނދަރުގެ އަމަލީ މަސައްކަތް މިއަދު މެންދުރު ފަށައިފި އެވެ.

ކުލަ މަޑު ރަސްމިއްޔާތަކާ އެކު މިމަސައްކަތް ފެށުން ޝަރަފްވެރި ކޮށްދެއްވީ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމްގެ ބަދަލުގައި އޭނާގެ ދަރިކަލުން އަލީ ނާއިލް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭދަފުށި ކައުންސިލްގެ ރައީސް، މުހައްމަދު ފާތިހު ވިދާޅުވީ އާ ސަރުކާރުން މި މަސައްކަތް މިހާ އަވަހަށް ފެށިގެން މިދިޔައީ މި ދާއިރާގެ މެންބަރު އެމްޕީ ސަލީމްގެ ވަރަށް ބުރަ މަސައްކަތުން ކަމުގައެވެ. އެކަމަށްޓަކާ އޭނާވަނީ އެމްޕީއަށް ވަރަށް އިޚްލާސްތެރިކަމާއެކު ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފަ އެވެ.ފާތިހު ވިދާޅުވީ މިމަސައްކަތް އަވަހަށް ފެށުމުގެ ގޮތުން އެމްޕީ ކުރެއްވި މަސައްކަތްތައްވެސް ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ.

”މި ސަރުކާރުގެ ފާއިތުވި ކޮންމެ ދުވަހަކުހެން އެމަނިކުފާނު އުޅުއްވީ މިކަން އަވަސް ކުރުމުގެ ގޮތުން މިކަމާ ގުޅުންހުރި މުވައްސަސާ ތަކުގައި. އެހެން ވެގެން މިހާ އަވަހަށް މަސައްކަތް ފެށިގެން މިދިޔައީ.“ފާތިހު ވިދާޅުވިއެވެ.

ފާތިހު ވިދާޅުވީ މިރަސްމިއްޔާތުގައި އެމްޕީ ބައިވެރިވެވަޑައިނުގަތުމަކީ ލިބުނު ފަޅުކަމެއް ކަމަށާއި އެމަނިކުފާނު ހުންނެވީ ފަހު ވަގުތާ ހަމައަށް ވެސް މި ރަސްމިއްޔާތުގައި އަޅުގަނޑުމެންނާއެކު ބައިވެރިވުމަށް ނިންމަވައިގެން ކަމުގައެވެ. ނަމަވެސް ކުއްލި ކަމެއް ދިމާވެގެން ވަޑައިގެންނެވޭ ގޮތް ނުވީ ކަމަށް ފާތިހު ވިދާޅުވިއެވެ.

އޭދަފުށީގެ ހުޅަނގު ފަރާތުގައި އާ ބަނދަރެއް ހެދުމަށް އެމްޓީސީސި އާ ހަވާލުކުރި މިދިޔަ އަހަރު ޖޫން މަހުއެވެ.

މި މަޝްރޫއުގެ ދަށުން 303 މީޓަރުގެ ވާޓަރު ބަނދަރާއިއެކު 371 މީޓަރު ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 18 މީޓަރު ކޮންކުރީޓު ބްރިޖާއި، 119 މީޓަރުގެ ބޮޑުހިލަ ބޭރުތޮއްޓެއް ހެދުން ހިމެނެއެވެ. އަދި 63 މީޓަރުގެ ނެރުފައިކަށި ޖެހުމާއި، 5490 އަކަމީޓަރުގެ ސަރަހައްދެއް ހިއްކުމާއި، ވާޓަރުގައި ރޭމްޕެއް ހިމެނުމާއި، ވާޓަރާއި އިންވެގެން ޕޭވްމަންޓާއި، ބަނދަރު ބައްތި އަދި ނެރުބައްތި ގާއިމް ކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ 64.67 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top