ކަރަންޓީނުގައި ތިބޭ މީހުންގެ އަމަލުތައް މޮނިޓަރ ކުރެވެނީ ކިހާވަރަކަށް؟

DSCN9143.jpg

އޭދަފުށި

ކޮންޓްރޯލެއްނެތި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް 19ގެ ބަލިމަޑުކަމާ ރާއްޖެއާވެސް މިހާރުވަނީ ކުރިމަތިލާން ޖެހިފައެވެ. މި ނުރައްކާތެރި ރޯގާ މާލެއަށް އައުމާއެކު ސަރުކާރުން އެންމެ ބޮޑު ސަމާލު ކަމެއް ދިނީ އަވަހަށް ކޮންޓްރޯލް ކުރެވޭތޯއެވެ. އެެހެން ނަމަވެސް ދެވަނަ ރާޅެއްގެ ނުރައްކާތެރިކަން އައިސް މިހާރު މިވަނީ އަތޮޅުތެރެއަށް ވެސް ފެތުރެން ފަށާފައެވެ.

ކޮވިޑްގެ ކަންކަމާ ގުޅިގެން އަމުރު މައުރޫފް ހިންގުމަށް ގާނޫނުން މަތިކޮށްފައި އޮންނަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެވެ. އެޗްޕީއޭ އިން އަންގާ އެންގުންތައް ތަންފީޒު ކުރުން އޮންނަނީ އަތޮޅުތެރޭގައި ނަމަ ރަށު ކައުންސިލް ތަކަށެވެ.

އެޗްޕީއޭގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން މާލެއިން ރަށަކަށް އަންނަން ބޭނުންވާ މީހުންނަށް އޮންނަ ގޮތަކީ އެކަން ފުރަތަމަ ރަށު ކައުންސިލަށް ހުށައަޅައިގެން ކައުންސިލުގެ ލަފާއާއި އެއްގޮތަށް ހުއްދަ ހޯދުމެވެ.  އެހެންނަމަވެސް އޭދަފުށީގައި މި އުސޫލާ ފުށުއަރާ ގޮތަށް ކަންތައް ތަކެއް ހިނގަމުން ދާކަމަށް ވެއެވެ.ރަށު ކައުންސިލަށް ނޭނގި ރަށަށް މީހުން އައިސް އުޅޭ ކަމުގެ އަޑުތަކެއް އެބައުޅެއެވެ.

ރަށުގައި ކަރަންޓީނުވެފައި ތިބޭ މީހުންގެ ފުށުންވެސް ރޯގާ ފެތުރިގެން ހިނގައިދާނެ ފަދަ އަމަލު ތަކެއްވެސް ހިނގަމުން އަންނަ އަޑުތަކެއް އިވެއެވެ. މިހާ ނުރައްކާތެރި ރޯގާ އާ ބެހޭ ވާހަކަތަކެއް ރައްޔިތުން އެކި ގޮތަށް ވާހަކަ ދައްކަމުން ދާއިރު އެކަމުގެ ތެދު ދޮގަކީ ކޮބައިކަން އެނގުން ކޮންމެ މީހަކުވެސް ބޭނުންވާނެ އެވެ. އެހެނީ ފެތުރޭ ކޮންމެ އަޑަކީ ތެދަކަށް ނުވެވެސް ހިނގައިދެއެވެ.

އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ ރަށު ކައުންސިލަށް ނޭނގި މާލެއިން އައިސް އަމިއްލަ އަށް ގެއެއްގައި ކަރަންޓީނު ވެގެން ހުރި މީހެއްގެ ވާހަކައެވެ. އެކަން ހިނގާފައިވާ ގޮތް ނޭގި ތިބެ ވަކި ބައެއް ބަދުނާމު ވާގޮތަށް ބަޔަކާ ދިމާއަށް އިނގިލި ދިއްކުރުމަކީވެސް މުޖްތަމައުގެ ސަލާމަތާއި މަސްލަހަތަށް ހުރި ނުރައްކަލެކެވެ.

” އޭދަފުށީގެ ގެއެއްގައި (ގޭގެ ނަން ސިއްރު ކުރެވިފައި) ރަށު ކައުންސިލަށް ނޭނގި މާލެއިން އައިސް ހުރި މީހަކު ކަރަންޓީނު ވެގެން އެބަހުރި. އެއީ ޔަގީން ކަމެއް. މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫންް. ކައުންސިލް ކޮބާ؟ ކީއްވެ އެމީހުންނަށް ފިޔަވަޅު ނޭޅުނީ.؟” އީވީއާ ވާހަކަ ދައްކަމުން ކަރަންޓީނު ވެފައި ހުރި ގެއާ ކައިރީގައި ދިރިއުޅޭ މީހަކު ޝަކުވާ ކުރިއެވެ.

ކަން ހިނގާފައިވާ ގޮތެއް ސާފުކޮށްލުމަށް ރަށު ކައުންސިލަށް ގުޅާލީމެވެ. ކައުންސިލުން ވިދާޅުވީ އެއީ ހިނގާފައިވާ ކަމެއް ކަމުގައެވެ.

“އެކަން އަޅުގަނޑުމެންނަށް އެނގުނީ އެމީހާ އަމިއްލައަށް އެގޭގައި ކަރަންޓީނުވެގެން ހުންނަތާ އެއްދުވަސް ފަހުން. ހަމަ އެނގުމާއެކު އަޅުގަނޑުމެން ވާނީ އެކަން ހިނގާފައި އޮތް ގޮތް ބަލާފައި.” އޭދަފުށީ ކައުންސިލްގެ ނާއިބު ރައީސް ހައްވާ ސަމީހާ ވިދާޅުވި އެވެ.

އެކަމަކު މިހިސާބުން އަދި މިކަން ނުނިމެއެވެ. އެ އެއްދުވަސް ތެރޭގައި އެގެއަށް ވަދެ ނުކުމެވާނީ ކިތައް މީހުން ބާއެވެ.

ހައްވަ ވިދާޅުވީ އެއީ ޚާއްސަ އިމްތިޔާޒެއް ލިބިފައިވާ ފަރާތެއްކަމަށް ވާތީ އެކަން އެގޮތަށް ހިނގާފައިވަނީ ހުއްދަ އޮންނަ ސަރުކާރުގެ މުވައްސަސާއެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އެކަމަކު ކައުންސިލަށް ނޭނގިއެވެ.

އަތޮޅު ހޮސްޕިޓަލުގެ ވާހަކަވެސް ހުރީ މިކަހަލަ ގޮތަކަށެވެ.

“ކޮވިޑްގެ ކަންތަކުގައި އެޗްޕީއޭ އާއި މޯލްޑިވް ޕޮލިސް ސާވިސްއަކީ ސީދާ އެކްޝަން ނެގޭނެ ދެ މުވައްސަސާ. އެއީ ޕޮލިސް މެދުވެރިވެގެން ހިނގާފައި އޮތް މުއާމަލާތެއް. އެއަކު ނެތް ނުބައެއް.” އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އެކަން އެއީ އޮންނަ ގޮތްކަމަށް ވިޔަސް ރައްޔިތުންނާ ޖަވާބުދާރީ ވާން ޖެހޭ ރަށު ކައުންސިލަށް އެކަމުގެ މައުލޫމާތު އެންގުމަކީ ރީތި ގޮތެކެވެ. އެހެންނޫނީ ރައްޔިތުންް ތިބޭނީ ވާނުވާގައި ނޫންތޯއެވެ.

އެހެން މައްސަލައެކެވެ. އޭދަފުށީގައި ގަވާއިދުން ކަރަންޓީނު ވެގެން ގެއެއްގައި ހުރި މީހެއްގެ ޚަބަރެއް ނުވެގެން އެ އާއިލާއިން ރަށު ކައުންސިލަށް ގުޅީއެވެ. ރަށު ކައުންސިލުން އެއާއިލާއަށް ހުއްދަ ދިނީ މާސްކް އަޅައިގެން އެގެއަށް ވަދެ އެމީހާގެ ހާލު ބަލާލުމަށް ފަހު އަވަހަށް ނުކުތުމަށެވެ. އެމީހުން ކަންކުރީ އެގޮތަށެވެ.

އެކަމަކު ރަށު ކައުންސިލަށް، ކަރަންޓީނުގައި ހުރި މީހެއްގެ ހާލު ބަލަން ގެއަކަށް ވަނުމުގެ ހުއްދަ ދެވިދާނެ ހެއްޔެވެ؟

ކޮވިޑް ގެ ކަންކަމުގައި ބ.އަތޮޅަށް ކަނޑައަޅާފައި ހުންނަ ފޯކަލް ޕޮއިންޓް، ސިދްގީ އަބްދުﷲ ވިދާޅުވީ ރަށު ކައުންސިލަށް އެހުއްދަ ނުދެވޭނެ ކަމަށެވެ.

ހައްވަ ވިދާޅުވީ އެ ގެއަށް ވަނުމަށް ހުއްދަދިނީ އަތޮޅު ހޮސްޕިޓަލުން ހުއްދަ ދިނުމުން ކަމަށެވެ.

“ކަރަންޓީނުގައި ހުރި މީހާގެ އާއިލާއިން ކައުންސިލަށް ގުޅާފައި މި ބުނަނީ ހެނދުނުން ފެށިގެން އޭނާއާ ގުޅުމުން ފޯނު ނުނަގާ ވާހަކަ. އެހެންވީމާ އަޅުގަނޑުމެން ގުޅީ ހޮސްޕިޓަލަށް ކޮވިޑް އާބެހޭ ކަންކަމުގައި ކުރިންވެސް ގުޅަމުން ގެންދާ ފަރާތާ. އެފަރާތުން ހުއްދަދިނީ އިތުރު މީހަކާއެކު ކަރަންޓީނުގައި ހުރި މީހާގެ ގެއަށް ވަދެ ހާލު ބަލާލުމަށް ފަހު ވަގުތުން ނުކުތުމަށް.” ހައްވަ ވިދާޅުވިއެވެ.

ސިދްގީ ވިދާޅުވީ ކަރަންޓީނުގައި ހުރި މީހަކާ ބައްދަލު ކުރަން އޭނާ އުޅޭ ތަނަކަށް ވަނުމުގެ ހުއްދަ ކައުންސިލަށް ދިނުމަކީ މިކަމުގައި އޮންނަ އުސޫލު ނޫންކަމަށެވެ. އެހުއްދަ އެގޮތަށް ރަށުގެ ފޯކަލް ޕޮއިންޓަކަށް ކަނޑައަޅާފައި ހުންނަ ފަރާތުން ވިޔަސް ނުދޭނެ ކަމަށާ ނުވެސް ދެވޭނެ ކަމަށް  ޔަގީން ކަމާއެކު ސިދްގީ ވިދާޅުވި އެވެ.

“ކަރަންޓީނު ވެގެން ތިބޭމީހުންގެ ހާލު ބެލުމާ އެމީހުން ބަލިވެއްޖެ ނަމަ ބޭސް ފަރުވާގެ ކަންތައް ބެލެހެއްޓުމާ އެމީހުންގެ ކަންކަން މޮނީޓަރު ކުރަމުން ގެންދަނީ ހޮސްޕިޓަލުން. އެމީހާ ފޯނު ނުނަގައިގެން ނުވަތަ އެހެން ސަބަބެއް މެދުވެރިވިޔަސް އޭދަފުށީގައި ކަރަންޓީނު ވެގެން ތިބޭ މީހުންގެ ހުރިހާ ކަމެއް ބެލެހެއްޓުމަކީ އަތޮޅު ހޮސްޕިޓަލާ މަތިކޮށްފައި އޮންނަ ޒިންމާއެއް.” ސިދުގީ ވިދާޅުވިއެެވެ.

ހެސްކިޔާފައި އަތޮޅު ތެރެއަށް ކޮވިޑް ފެތުރެމުން ދާއިރު އިސްވެ ދެންނެވުނު ފަދަ ކަންކަަމަކީ ރައްޔިތުންނަށް އެކަމުގައި އޮޅުންތަކެއް ހުރި ކަންތަކެއްކަމަށް ގަބޫލު ކުރެވެއެވެ. ކަރަންޓީނުގައި ތިބޭ މީހުންގެ އަމަލުތައް މޮނިޓަރ ކުރެވެނީ ކިހާ ވަރަކަށް ކަމާމެދު ސުވާލު އުފެދެއެވެ. އަމުދުން އަތޮޅު ތެރޭގެ ކުދިކުދި ރަށްރަށުގައި އެއްއޮފީހުން ކުރަންޖެހޭ ކަމެއް އަނެއް އޮފީހުން ކޮށް އެކަމުގައި ރައްޔިތުންނަށް އޮޅޭނެ ގޮތަށް ކަންތައް ކުރުމަކީ ދެރަކަމެކެވެ. ހުރިހާ ގެއްލުމެއް އޮތީ އެރަށެއްގެ ރައްޔިތުންނަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top