މަޖިލިސް އިންތިޚާބު ރޯދައިގެ ފަހަށް

b_VnZ1Ndrp2O30Zc3YmzhniUiWq.jpg

އިލެކްޝަންސް ކޮމިޝަންގެ އިސް ބޭފުޅުން-- ފޮޓޯ: މަޖިލިސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ ރޯދަ މަހުގެ ފަހުން ބާއްވަން ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން، އެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގަން ނިންމައިފިއެވެ.

ކޮމިޓީން އެގޮތަށް ނިންމީ، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، އަންނަ ރޯދަ މަހުގެ ފަހު ދިހަޔަކާ ދިމާވުމާއި ގްރޭޑް ދިހައެއްގެ އިމްތިހާނާ ދިމާވާތީ އެކަމަށް ހައްލު ގެނަސްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކޮމިޓީއަށް ހުށަހެޅުމުންނެވެ.

ކޮމިޓީއަށް ހުށަހަޅުއްވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ގާނޫނުގައި ކަނޑައަޅާފައިވާ ދުވަސްތަކަށް ބަލައިގެން ޓައިމްޓޭބަލް ރާވައިލީމަ އިންތިހާބު ބާއްވަން ޖެހޭ ދުވަހުގެ ގޮތުގައި 30 މާޗް 2024، ދިމާވަނީ ރަމަލާން މަހުގެ 20 ވަނަ ދުވަހަށް، ކަމަށެވެ.

”އަޅުގަނޑުމެންގެ ކަންބޮޑުވުމެއް އެއީ އެދުވަސްވަރާ ދިމާކޮށް، ރޯދަ މަހުގެ ފަހުދިހައެއް ފެށެން އެއް ދުވަހަށް ވެފައި އޮއްވައި މި ބޭއްވުން. ރަމަލާން މަހުގައި ކެމްޕެއިން ކުރުމާއި ކަންތައްތައްވެސް ވަރަށް އުނދަގޫ، ތަކުލީފިތަކެއް ލިބިގެންދާނެކަން ޔަގީން،“ފުއާދު ވިދާޅުވިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ގާނޫނުގައި ބަޔާންކުރާ މުއްދަތަށް އިންތިހާބަށް ތައްޔާރުވާ ނަމަ، އަންނަ ޖެނުއަރީ މަހުގެ 30، އިން ފެށިގެން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަންޖެހޭ ކަމަށެވެ. އެއަށްފަހު 14 ދުވަހުގެ މުއްދަތެއްދީ ކެންޑިޑޭޓު ނަމްބަރު ތަރުތީބުކޮށް، ލިސްޓު ތަރުތީބުކޮށް އިއުލާނު ކުރެވޭވަރު ވާނީ އަންނަ ފެބްރުއަރީ މަހުގެ 17 ގައި ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވޯޓުނަގަން ޖެހޭ ތާރީޚަކީ އިންތިޚާބަށް ކުރިމަތިލާ މީހުންގެ ނަންތައް ކޮމިޝަނުން އިއުލާން ކުރާ ދުވަހުން ފެށިގެން ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ދިނުމަށްފަހު އޮންނަ ތާރީހު ކަމަށެވެ. އެހެންކަމުން ފެބްރުއަރީ 17 ވަނަ ދުވަހު ގުރުއަތުލައި 18 ވަނަ ދުވަހު ނަންތައް އިއުލާން ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން ހޮވުމަށް ހަމަޖެހިފައިވެ އެވެ. އަދި މިހާރުވެސް ބައެއް ފަރާތްތަކުން މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ.

ކަލަންޑަރުގައި ވާގޮތުން އަންނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗު 10 ވަނަ ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top