ޅަދަރިމައިންނަށް މަސައްކަތް ކުރުމަށް ލުއިދޭނީ ދަރިފުޅަށް ދެ އަހަރު ވަންދެން

D-QYeVpU8AARNVJ.jpeg

ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި އުނދަގޫވާ ސިވިލް ސާވިސް މުވައްޒަފުންނަށް ލުއިދޭނީ ދަރިފުޅަށް ދެ އަހަރު ވަންދެން ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ނިންމައިފިއެވެ.

ސީއެސްސީން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ އެ ކޮމިޝަނުން 2014 ވަނަ އަހަރު އެކުލަވާލާފައިވާ ގަވައިދުގެ 183 ވަނަ މާއްދާގެ ދަށުން ޅަދަރިމައިންނަށް ލުއި ގޮތަކަށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގައި އިދާރާތަކުގެ މެދުގައި ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް އެދޭ ކަމަށެވެ.

އެގޮތުން، އެފަދަ މުވައްޒަފުންނަށް ލުއި ގޮތްތައް ހަމަޖައްސައިދޭނެ އެންމެ ދިގު މުއްދަތަކީ ދަރިފުޅަ 24 މަސް ފުރުމާ ހަމައަށް ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އެފަދަ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް މަސައްކަތްކުރެވޭނެ ވަގުތުތައް ކަނޑައަޅަންވާނީ އިދާރާގެ މަސައްކަތަށް ދަތިނުވާނެ ގޮތުގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތުގެ ވަގުތުގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދުނުވާނެ ގޮތުގެ މަތިންކަމަށް ވެސް ސީއެސްސީން ބުނެފައިވެއެވެ.

އެ ލުއިތައް ދިން ނަމަވެސް، އެ އިންތިޒާމުތައް ހަމަޖައްސާފައިވާ މުއްދަތަށް އެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އުނިކޮށްގެން ނުވާނެކަމަށް ވެސް ސީއެސްސީން އަންގައިފައިވެއެވެ.

މީގެކުރިން އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ދެމުން އައީ ތިން މަސް ދުވަހުގެ ޗުއްޓީއެއް ނަމަވެސް މި ސަރުކާރުން 2019 ވަނަ އަހަރު އެ މުއްދަތު ހަ މަހަށް ވަނީ އިތުރުކޮށްފަ އެވެ. އޭގެ އިތުރުން ދަރިފުޅުގެ ބައްޕައަށް ލިބޭ ޕެޓާނިޓީ ލީވް ތިން ދުވަހުން އެއް މަހަށް ވަނީ އިތުރުކޮށްދީފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top