ހިޖުރަކުރާ ދޫނިތައް ހިފުމަކީ މަނާކަމެއްކަން ހަނދާންކޮށްދީފި

b_4WDSnCrydxs3bYAdxAxr1K2ZJ-1.jpg

ދަށްފަޅުގައި ތިބި ފްލެމިންގޯތައް --- ފޮޓޯ: ޖަވާ

އިރުވައި މޫސުމާ ދިމާކޮށް ރާއްޖެއަށް ހިޖުރަކުރާ ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ ގެންގުޅުން އެންވަޔަރަންމަންޓަލް ޕޮރްޓެކްޝަން އެޖެންސީ (އީޕީއޭ) އިން މަނާކޮށްފި އެވެ.

އީޕީއޭ އިން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ އިރުވައި މޫސުމާ ދިމާކޮށް ކޮންމެ އަހަރަކުވެސް ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެ ހިޖުރަކުރަމުންދާ ކަމަށެވެ. އެހެންކަމުން ހިމާޔަތް ކޮށްފައިވާ އެފަދަ ދޫނިތައް ހިފާ ގެންގުޅުމަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން މަނާ ކޮށްފައިވާ ކަމެއް ކަމަށް ހަނދާންކޮށްދީފައިވެ އެވެ.

އީޕީއޭ އިން ބުނީ އެގޮތަށް ހިޖުރާ ކުރާ ދޫނިތައް ރައްކާތެރި ކުރުމަކީ ރާއްޖޭގެ ގުދުރަތީ ވެށީގެ މުއްސަނދިކަން އިތުރުވާ ކަމެއް ކަމަށެވެ. އެހެންކަމުން އެ ދޫނިތައް ހިމާޔަތް ކުރުމަށް ހެދިފައިވާ ގަވާއިދުތަކަށް ބޯލަނބައި، އެ ދޫނިތަކަށް ހިމާޔަތް ދިނުމަށް އެ އެޖެންސީއަށް އެއްބާރުލުން ދިނުމަށް އާންމުންގެ އަރިހުން އެދިފައި ވެއެވެ.

މި ދުވަސްވަރު ރާއްޖެ އަންނަ ދޫނިތައް ހިފައި، ގެންގުޅޭ މީހުންގެ މައުލޫމަތު އެނގޭނަމަ، އީޕީއޭގެ ހޮޓްލައިން 7980379 އަށް ގުޅައި އެންގުމަށް އީޕީއޭއިން ވަނި އެދިފައެވެ.

ރާއްޖެއަށް ހިޖުރަކުރާ މިފަދަ ދޫނިތައް ރައްކާ ތެރިކުރުމަކީ ދިވެހިރައްޖޭގެ ދިރުންތަކުގެ މުއްސަނދިކަން އިތުރުކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އެހެންނަމަވެސް މިދުވަސްވަރާ ދިމާކޮށް ރާއްޖެ އަންނަ ދޫނިތައް ހިފައިގެން ވިޔަފާރިކުރުމަށާއި މުނިފޫހި ފިލުވުމަށް ގެންގުޅޭތީ އެގޮތަށް އެކަން ނުކުރުމަށްވެސް އީޕީއޭ އިން އެދިފައިވެ އެވެ.

ގަވާއިދާ ހިލާފަށް ދޫނި ހިފާ ގެންގުޅޭނަމަ އެ މައުލޫމާތު ލަސްނުކޮށް އީޕީއޭ އަށް ހިއްސާކުރުމަށްވެސް ސާކިއުލާގައި އެދިފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top