އަންނަ ދައުރު އޭދަފުށީ ދާއިރާއަށް ކުރިމަތި ލައްވާނެކަން ސަލީމް އިއުލާން ކުރައްވައިފި

IMG_5779-850x548-1.jpg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު، އަހުމަދު ސަލީމް

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ 20ވަނަ ދައުރުގެ އިންތިޚާބުގައި އޭދަފުށީ ދާއިރާއަށް ވާދަކުރެއްވުމަށް މިހާރުވެސް މިދާއިރާގައި ހުންނެވި އޭދަފުށީ ދެވިނަގޭ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ނިންމަވައިފި އެވެ.

މަޖިލީހުގެ އޭދަފުށީ ދާއިރާގައި ދެ ދައުރު ފުރިހަމަކުރައްވައި ތިންވަނަ ދައުރަކަށް ކުރިމަތި ލައްވަން ނިންމެވިކަން ސަލީމް ހާމަ ކުރެއްވީ އީވީ އަށް ދެއްވި ޚާއްސަ ބަސްދީ ގަތުމެއްގައެވެ.

ސަލީމް ވިދާޅުވީ އޭދަފުށީ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމާއި އެއްގޮތަށް ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރަން ޝައުގުވެރިވާ ކަމަށެވެ.

ސަލީމް ފާހަގަ ކުރެވިފައިވަނީ މަޖިލީހުގައި ކުރެވޭ ބަހުސް ތަކާއި ދާއިރާގެ ބޭނުންތަކާމެދު މަޖިލީހުގެ ތަޅުމުގައި ހޫނު ކަމާއެކު ވާހަކަފުޅު ދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ބޭނުންފުޅުވާ ވާހަކައެއް ޖެހިލުން ވުމެއްނެތި ވިދާލުވުމުގެ ގާބިލުކަން ލިބިފައިވާ މަދު މެންބަރުންގެ ތެރޭގައެވެ. ހަމައެހެންމެ އޭނާއަކީ ދާއިރާގެ ރައްޔިތުންގެ ބޭނުންތައް ފުއްދަވައި ޚާއްސަކޮށް އެކިއެކި ޖަމާއަތްތައް ކުރިއެރުވުމަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެއްވައި ޒުވާނުންނާއި ކުޅިވަރުތަކަށް ދީލަތިކަމާއެކު ފަންޑުކޮށްދޭ ދީލަތި ހިތެއްގެ ވެރިއެކެވެ

މަޖިލީހުގެ އޭދަފުށީ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިކަން އިއުލާން ކުރައްވާފައި މިވަނީ މިހިނގާ ދައުރު ސަލީމާއި ވާދަކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ މއ.އެވާ ގްލޯރީ އަހުމަދު އާރިފް (އާއްޓޭ )ވެސް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ.

އާއްޓޭއަކީ އެހެން މީހުންނާ ތަފާތުކޮށް އިންތިޚާބުން ނާކާމިޔާބުވިޔަސް ރައްޔިތުންނާ ދުރަށް ނުގޮސް ރައްޔިތުންނާ ވަރަށް ގާތުން ހާލު ބައްލަވައި ދާއިރާއަށް ބޭނުންވާ އެހީތެރިކަން ދެއްވަމުން ގެންދަވާ އެކުވެރި ބޭފުޅެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. މިއެހީތެރިކަމާއި ދޭތެރެއަކުން ދާއިރާއަށް ވަޑައިގެން ރައްޔިތުންގެ ހާލުބައްލަވައި އުޅުއްވުމުން ރައްޔިތުންވެސް ހީކުރަމުން އައީ އާއްޓޭ މިފަހަރުވެސް އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށެވެ.

އެހެންނަމަވެސް އާއްޓޭ ވިދާޅުވީ އޭދަފުށީ ދާއިރާއަށް އެންމެ ރަނގަޅުވާނީ އޭދަފުއްޓަށް އުފަން ބޭފުޅެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން މިފަހަރު އޭނާ ހުންނަވާނީ ސަލީމަށް އިތުރު ދައުރެއް ހޯއްދަވައިދެއްވުމަށް ސަލީމުގެ ފަހަތުގައި ކަމަށެވެ.

”އަޅުގަނޑު ދެކެނީ އޭދަފުށި ދާއިރާއަށް އެންމެ އެކަށީގެންވަނީ ސަލީމް ކަމަށް. އެހެންވެ އަޅުގަނޑު ނިންމީ ސަލީމްގެ ފަހަތަށް އަރަން. މިދާއިރާއަށް ސަލީމް އިންތިޚާބު ކުރުމަށް އަޅުގަނޑުގެ ހުރިހާ ހަކަތައެއް ހުސްކުރާނަން. މިވާހަކަ އަޅުގަނޑު އޮންނާނީ ސަލީމަށް ދަންނަވާފައި. އެހެންކަމުން އަޅުގަނޑުގެ މިނިންމުމަށް ދާއިރާގެ ރައްޔިތުން އިހުތިރާމް ކުރެއްވުން އެދެން.“އާއްޓޭ ވިދާޅުވިއެވެ.

އާއްޓޭ ވިދާޅުވީ އޭނާ އާއި އޭދަފުއްޓާ އޮތީ ވަކި ނުކުރެވޭ ފަދަ ގާތް ގުޅުމެއްކަމަށާއި އިންތިޚާބާށް ވާދަ ނުކުރެއްވުމުގެ މާނައަކީ އޭދަފުއްޓާ އޮތް ގާތްކަމަށް ބަދަލު އައުން ނޫންކަމަށެވެ.

އާއްޓޭގެ މި ނިންމުމަށް ސަލީމް ވަނީ މަރުހަބާ ކިއުއްވާފައެވެ.

”އާއްޓޭއަކީ މަދުން ނޫނީ ނުދެކޭ ފަދަ ވަރުގަދަ ޝަޚްސިއްޔަތެއް.އޭނާ އަޅުގަނދާމެދު ވިދާޅުވެފައިވާ ހިތްހެޔޮ ބަސްތަކާއި  އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް އަޅުގަނޑާއެކު ހުންނެވުމަކީ އަޅުގަނޑުގެ ހެޔޮ ނަސީބު.އަދި އެއީ ކުރިއަސް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްވެސް މެ.“ ސަލީމް ވިދާޅުވި އެވެ.

ޖުމްލަ 87 މެމްބަރުން މިހާރު ހިމެނޭ މަޖިލީހުގައި އޭދަފުށި ދާއިރާގައި އޭދަފުށީ ދާއިރާގައި މާޅޮސް، ހިތާދޫ ހިމެނު ކަމަށް ވިޔަސް އަންނަ ދައުރުގައި ހަ ދާއިރާ އިތުރުވެ އޭދަފުށި ދާއިރާގައި އޮންނާނީ އޭދަފުށި އެކަންޏެވެ. އެއާއެކު މެމްބަރުންގެ އަދަދު އަންނަ އަހަރު 93 އަށް އަރާނެ އެވެ.

އާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ހުޅުމާލެ މެދު ދާއިރާ އާއި ހުޅުމާލެ އުތުރު ދާއިރާ އާއި ހިތާދޫ ދާއިރާ (ބ. ހިތާދޫ، މާޅޮސް، ދަރަވަންދޫ) ދާއިރާ އާއި ހުރާ ދާއިރާ (ކ. ހުރާ، ހިންމަފުށި، ގުޅީ) އަދި ކޮލަމާފުށި ދާއިރާ (ގއ. ކޮލަމާފުށި، ދެއްވަދޫ) ދާއިރާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top