އޭދަފުށީގައި އެމްޓީސީސީ އިން ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަސައްކަތް، ދެއަހަރަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު އަލުން ފަށައި މަޝްރޫއު ނިންމަން ހިފައިފި އެވެ.
އޭދަފުށީގެ 17 މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ފަށާފައިވަނީ 2015 ވަނަ އަހަރު، ރައީސް ޔާމީންގެ ސަރުކާރުންނެވެ. އެސަރުކާރު ނިމުނު އިރު އެމަޝްރޫއުގެ 90 އިންސައްތަ އޮތީ ނިމި ތާރު އެޅުމާ ހަމައިގައެވެ.
ސަރުކާރު ބަދަލުވެ ރައީސް ސޯލިހުގެ ސަރުކާރުން އޭދަފުށީގައި ނުނިމި އޮތް މަގު ހެދުމުގެ މަޝްރޫއު ނިންމަން ހަވާލުވީ ”ރޮކެޓް ސްޕީޑުގައި“ މަސައްކަތް ކުރާ އެމްޓީސީސީ އާއެވެ. އެއީ މި ދައުރުގެ ރައްޔިތުންގެ މަޖިލީހުގެ ވޯޓާ ދިމާކޮށް 2019ވަނަ އަހަރުގެ އެޕްރީލް މަހު އެވެ. ބޮޑު ރަސްމިއްޔާތަކާވެސް އެކު އޭދަފުށީ ސަލްސާ ރީޓްރީޓް ރެސްޓޯރެންޓު ގައެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ އޭރުގެ ސީއީއޯ، ހަސަން ޝާހް އާއި ރައީސުލް ޖުމްހޫރިޔާގެ އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަހުމަދު ނަސީމާއި އެމްޓީސީސީގެ އިސްވެރިންގެ އިތުރުން އޭދަފުށީގައި ގާއިމްކޮށްފައިވާ ބައެއް އޮފީސްތަކުގެ ވެރިންނާއި މުވައްޒަފުންވެސް ބައިވެރި ވަޑައިގެންނެވިއެެވެ.
މަސައްކަތް ހަވާލުކުރީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 19،184،857 ރުފިޔާއަށެވެ.
އެރަސްމިއްޔާތުގައި ޝާހު ޔަގީންކަމާއެކު ވިދާޅުވީ މުއްދަތުގައި މަސައްކަތް ނިންމައި ހަވާލު ކުރާނެ ކަމުގައެވެ. އެތާރީޚު ފަހަނައަޅައިގޮސް މިއަދާ ހަމައަށް ހަތަރު އަހަރުވެގެން ދަނީއެވެ. ރޮކެޓް ސްޕީޑް ދައްކައެއް ނުލެވުނެވެ. ފެނިގެން ދިޔައީ ބަރަވެލި ސްޕީޑެވެ. އަދިވެސް މަސައްކަތް އެކުގައި ނިންމައި ހަވާލު ކުރެވިފައެއް ނުވެއެވެ. އާއެކެވެ. މަގުތަކުގައި އޮތީ ތާރުއަޅާފައެވެ. އެކަމަކު އެހެން ކަންކަން އޮތީ ފުރިހަމަ ނުކޮށެވެ. ތާރު އެޅިތާ އަދި ތިން އަހަރު ނުވެ އުޅެނިކޮށް ބައެއް މަގުތަކުގައި އަޅާފައި ހުރި ތާރުގަނޑުން ބައެއް ތަންތަން ނެއްޓި މަރާމާތު ކުރަން ޖެހިފަ އެވެ.
ދިގު މެދުކެނޑުމަކަށް ފަހު އަނެއްކާވެސް ވޯޓު މޫސުމާއެކު އެމްޓީސީސީގެ ޓީމެއް އޭދަފުށީގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ. މައުލޫމާތު ހޯދާލުމަށް އީވީ ގެ ފަރާތުން އޭދަފުށި ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު އާއި ގުޅާލުމުން ވިދާޅުވީ އެޓީމް މަސައްކަތް ކުރާނީ މި ޕްރޮޖެކްޓްގެ ނުނިމިހުރި ކަންތައްތައް ނިންމުމަށް ކަމުގައެވެ.
”މަގުތަކުގައި ތާރު އަޅައި ނިމުމަށް ފަހު އެބޭފުޅުން ބެއްލެވީ މި ޕްރޮޖެކްޓް ނިމުނީ ކަމަށް. މައިގަނޑު މަސައްކަތަކީ އެއީ ކަމަށް ވިޔަސް ޕްރޮޖެކްޓްގައި ހިމެނޭ ބައެއް ކަންކަން ހުރީ ފުރިހަމަ ނުކޮށް. އަޅުގަނޑުމެން ދެންނެވިން އެކަންކަން ފުރިހަމަ ކުރުމަށް. އެމަސައްކަތް ކުރަމުން މިހާރު އެގެންދަނީ. “ފާތިހު ވިދާޅުވި އެވެ.
ފާތިހު ފާހަގަކުރެއްވި އެއްކަމަކީ މަގުބައްތިތައް ހަރުކޮށްފައި ހުރި ހޮޅިތައް ނުނަގާ ހުރުމެވެ. އަދި ކާނުތައް ސާފުކުރުމާއި ހަލާކުވެފައިހުރި ކާނުތައް މަރާމާތު ކުރުމުގެ އިތުރުން ހޮޅި ލައިން ރަނގަޅު ކުރުމަކީވެސް މި ޕްރޮޖެކްޓްގެ ތެރެއިން ނުނިމި ހުރި ކަންތައްކަން ފާތިހު ފާހަގަ ކުރެއްވި އެވެ. ތާރު އަޅާފައިހުރި ބައެއް މަގުތައް ހަލާކުވެގެން މަގުތަކުގައި ހެދިފައި ހުރި ވަޅުގަނޑުތައް ވެސް ރަނގަޅު ކުރަން ޖެހެއެވެ
ފާތިހު ވިދާޅުވި ގޮތުގައި މަގުތައް މުޅިން ނިންމައި ހަވާލު ކުރުމަށް އެމްޓީސީސީގެ ޓީމެއް އޭދަފުއްޓަށް އައިސް އެއުޅެނީ ހަތަރު މަސްދުވަހުގެ މުއްދަތަށެވެ.
އެމްޓީސީސީގެ ފަރާތުން މި މަސައްކަތް ނިންމުމަށް އޭދަފުށީގައި ހަރަކާތްތެރިވާ ޓީމުގެ ސުޕަވައިޒަރު، މުހައްމަދު ޖަލީލު ވިދާޅުވީ އެޓީމުން އޭދަފުށީގައި ކުރަމުން އަންނަ މަސައްކަތަކީ ފާތިހު ވިދާޅުވި ފަދައިން ނުނިމިހުރި މަސައްކަތްތައް ނިންމުން ކަމުގައެވެ.
”ކައުންސިލުން ފާހަގަކޮށްފައި ހުރި މައްސަލަތައް ބަލައިގެން އެކަންކަން ފުރިހަމަ މިގެންދަނީ. އޭގެ ތެރެއިން މިހާރު އެންމެ ބާރަށް ކުރަމުން މިގެންދަނީ ކާނުތައް ރަނގަޅު ކުރުމުގެ މަސައްކަތް.“ސުޕަވައިޒަރު، ޖަލީލު ވިދާޅުވި އެވެ.
ޖަލީލު ވިދާޅުވީ މަސައްކަތް ކުރިއަށް ގެންދިއުމުގައި ރަށު ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުން ވަރަށް ރަނގަޅަށް ލިބެމުން ދާ ކަމުގައެވެ.
”ޓާގެޓަކީ ތިން މަސް ދުވަސް“ މަސައްކަތް ނިންމޭނެ ތާރީޚު ޖަލީލު ލަފާކުރެއްވި އެވެ.
އޭދަފުށީގެ 17 މަގު ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްގީ ކުރުމުގެ މަޝްރޫއު ނުނިމި ދިގުލައިގެންދާތާ ޖުމްލަ އަށް އަހަރުވީ އެވެ މިސަރުކާރުން، އެމްޓީސީސީ އިން 8 މަސްދުވަހުގެ ތެރޭގައި މަސައްކަތް މުޅިން ނިންމައި ހަވާލު ކުރަން ބުނިތާވެސް ހަތަރު އަހަރުވެގެން ދަނީ އެވެ.
ރިޔާސީ އިންތިކާބު ބޯމަތީގައި އޮއްވާ މިހާރު އަނެއްކާވެސް މަގުތައް ނިންމަން އުޅޭ އަޑު ގަދަވެއްޖެ އެވެ. ގަބޫލުކުރެވެނީ މިއީސަމާސާ ފަހަރަކަށް ނުވާނެ ކަމުގަ އެވެ.