ދެކޭ ހިތްވަނީ ތަރައްގީވެފައި ހުރި ގައުމުތަކުން އުފައްދާ ބޭސް ވިއްކޭނެ ނިޒާމެއް ގާއިމްވެފައި އޮތުން: ނަޒީރު

366235_3_320e68ff03e53f78e58620bd942bc18dbb02bd73_large.jpg

ފާޓިލިޓީ ސެންޓަރު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޓްރީޓޮޕް ހެލްތުގެ މެނޭޖިން ޑިރެކްޓާ އަހުމަދު ނަޒީރު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންމެ ދެކޭ ހިތްވަނީ ދުނިޔޭގައި ތަރައްގީވެފައި ހުރި ގައުމުތަކުން އުފައްދާ ބޭސް ވެސް ރާއްޖެއަށް އެތެރެކޮށް، ވިއްކޭނެ ނިޒާމެއް ގާއިމްވެފައި އޮތުންކަމަށް އޭދަފުއްޓަށް އުފަން އަދި ޓްރީ ޓޮޕް ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރު  ވިދާޅުވެއްޖެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި ހެދި ފާޓިލިޓީ ސެންޓަރު ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ނަޒީރު ވިދާޅުވީ ބައެއް އުސޫލުތަކާ ހެދި ސިއްހީ ޚިދުމަތް ދިނުމުގައި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ބޭސް އެތެރެ ކުރުމުގެ ނިޒާމް ނަޒީރު ފާހަގަ ކުރެއްވި އެވެ

”އަޅުގަނޑުމެން ނުލާހިކު ފެންވަރު ރަނގަޅު ހޮސްޕިޓަލް ހަދައިގެން ޚިދުމަތް ދޭއިރު މި ތަނުގައި ބޭހުގެ ގޮތުގައި ދޭން ޖެހެނީ ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާނުގައި ހަދާ ބޭސް. ޔޫރަޕްގެ ތަރައްގީ ވެފައިވާ ގައުމުތަކުން ބޭސް ގެނެވޭނެ ނިޒާމެއް ނޯވޭ. “ނަޒީރު ވިދާޅުވި އެވެ.

ކަމާބެހޭ ފަރާތްތަކުގެ ވާހަކަތަކަށް ބަލައި، ޔޫރަޕްގެ ހިސާބުތަކުން ރާއްޖެ އަށް ފެންވަރު ރަނގަޅު ބޭސް ގެނެވޭނެ އިންތިޒާމުތައް ހަމަޖެހޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ މީގެ ފަސް އަހަރު ކުރިން، މާޗު 1، 2018 ގައި ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވީ ދުނިޔޭގެ ފެންވަރުގެ ފަރުވާ ދިނުމަށް އަމާޒުކޮށް، އެ ފެންވަރުގެ ބަޔަކާ އެކު ކަމަށެވެ.

ނަމަވެސް، އެ ފޯމިއުލާ ފެއިލްވުމުން އެއްބަސްވުން ބާތިލްކޮށް 2019 ވަނަ އަހަރުން ފެށިގެން ޓްރީޓޮޕް ހެލްތުން އަމިއްލަ އަށް ހޮސްޕިޓަލް ހިންގަން ފެށިތަނާ ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވީ ކަމަށާއި އޭގެ ސަބަބުން އޮޕަރޭޝަނަށް ނުރަނގަޅު އަސަރުތަކެއް ކޮށްފައިވާ ކަމަށް ނަޒީރު ވިދާޅުވި އެވެ.

ނަމަވެސް، އެކަންކަމުން އަރައިގަނެ ރަނގަޅު މަގުން ހޮސްޕިޓަލް މިހާރު ހިނގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވި ގޮތުގައި ރަނގަޅު ފަރުވާ ދިނުމަށް ކުރާ މަސައްކަތް ފުރިހަމަވާނީ ސަރުކާރުގެ އެއްބާރުލުން ލިބިގެންނެވެ. އެކަމަކު، ބައެއް ރެގިއުލޭޝަންތަކާ ހެދި ސިއްހީ ޚިދުމަތް ދިނުމުގައި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި މި ވަގުތު ވެސް 24 ގައުމަކުން 800 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެ އެވެ. އެ މުވައްޒަފުންގެ މުސާރަ އަށް މަހަކު 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާ ކަމަށް ނަޒީރު ވިދާޅުވިއެވެ.

ޓްރީޓޮޕްގައި ހުޅުވި ފާޓިލިޓީ ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.

ޓްރީޓޮޕް އިން އަންނަނީ އެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅަކުރަމުންނެވެ. އެގޮތުން ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ މަސައްކަތްވެސް އެ ހޮސްޕިޓަލުން އަންނަނީ ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top