މިއަދަކީ ދިވެހިރާއްޖޭގެ 80 ވަނަ ގައުމީ ދުވަސް

Gaumee-dhuvasss-1.jpg

މިއަދަކީ ދިވެހި ރާއްޖޭގެ 80ވަނަ ގައުމީ ދުވަހެވެ. ގައުމީ ބަތަލުންނަށް އަޅުގަނޑުމެން ދަރާފައިވާ ދަރަނި އަދާކުރުމުގެ އަޒުމު އާކޮށް ގައުމީ ބަތަލުންގެ ހިތްވަރުން ހިތްވަރު ލިބިގަންނަންވީ ދުވަހެވެ. ގައުމު އަޅުގަނޑުމެންނަށް ކޮށްދެނީ ކޮންކަމެއްތޯ ނުބަލައި ގައުމަށް އަޅުގަނޑުމެން ކޮށްދެންވީ ކޮން ކަންތައްތައްތޯ ބަލައި އެކަމަށް ވިސްނަންވީ ދުވަހެވެ. ގައުމީ ރޫހު އާލާކޮށް ދިރުވަންވީ ދުވަހެވެ.

ދިވެހިރާއްޖޭގެ ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެވުނު ދުވަހެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ 1ވަނަ ދުވަހެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީ އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމެވެ.

ގައުމީ ދުވަސް ނިސްބަތްވަނީ ޕޯޗްގީޒުންގެ އަނިޔާވެރި ވަކިތަކުން މުހައްމަދު ތަކުރުފާނު ދިވެހިރާއްޖެ ސަލާމަތް ކުރެއްވި ދުވަހާއެވެ. ”ކަނޑުގެ ބާޒު“ގެ ނަންދެވުނު އޭރުގެ ދުނިޔޭގެ ގަދަބާރުގެ ތެރޭގައި ހިމެނުނު ދުޝްމަނުންނަށް އުނދަގޫތަކާއި ދުއަތުރާތައް މެދުވެރިކުރައްވައި އެންމެފަހުން މާލޭގައި ހުރި ފުށެތިކާލުންގެ މަރުކަޒަށް ހަމަލާ ދެއްވިއެވެ. އިސްލާމްދީނާއި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު އަނބުރާ ހޯއްދަވައި ދެއްވިއެވެ.

މުހައްމަދު ތަކުރުފާނު ދިވެހީންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ ބޮޑުތަކުރުފާނުގެ ނަންފުޅުންނެވެ. ގައުމީ ދުވަހުގެ ގޮތުގައި ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަސް ފާހަގަކުރައްވަން ފެއްޓެވީ ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މި ދުވަސް ފުރަތަމަ ފާހަގަކުރެވުނީ 1 ރަބީއުލްއައްވަލް 1365 ގައެވެ.

މި މަތިވެރި ކާމިޔާބީގެ ހަނދާންތައް އާކުރަން ޖެހެނީ އެކަމަށް ޝުކުރުވުމުގެ ގޮތުން އަޅުގަނޑުމެންނާއި ހަމައަށް ވާރުތަވަމުން އައި މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ރައްދު ކޮށްދިނުމަށް އަޒުމު ކަނޑައަޅަމުންނެވެ.

މިނިވަންކަން ދެމެހެއްޓުމަކީ ފަސޭހަ ކަމެއްނޫނެވެ. އެތެރެއިންނާއި ބޭރުން އަންނަ ހަމަލާތަކަކަށް ފާރަވެރިވުމަކީ ހަމައެކަނި ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށް ދެކިގެން ނުވާނެ އެވެ. އެއީ ކޮންމެ ދަރިއެއްގެވެސް މަސްއޫލިއްޔަތެކެވެ. ބަވަނަ ވަމުން މިދާ ދުނިޔޭގައި ގައުމުތައް އަޅުވެތި ކުރަން ކަނޑިބަޑި ހިފައިގެން އައި ދުވަސް ފަސްދީ ހިނގައްޖެ އެވެ. މިއަދު ގައުމުތަކުގެ މިނިވަން ކަމާކުޅެން ގެންގުޅޭ ހަތިޔާރަކީ ފިކުރީ ހަނގުރާމައެވެ. ދުނިޔެ ބަދަލުވަމުން މިދާ ހަލުވި ބާރުމިނުގައި މާއްދީ ކަންތަކަށް ހިތްތައް އެނބުރުނު އެނބުރުނުހެން މާއްދިއްޔަތަށް ދަހިވެތިވާ ދަހިވެތިވުން ދަނީ ހައްދުފަހަނައި ދަމުންނެވެ.

ޤައުމެއްގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓޭނީ ހަމަޖެހުން ގާއިމުވެގެންނެވެ. ހަމަޖެހުން ގާއިމްކުރުމަށްޓަކައި އަޅުގަނޑުމެންގެ ގުޅުން ކަނޑައަޅަން ޖެހޭ ކަމެކެވެ. މިކަން ކަނޑައެޅާނީ އެކިއެކި ފަރުފަދުންގެ ފެންވަރުގައެވެ. އާއިލާތަކުގެ ފެންވަރުގައެވެ. ޖަމާއަތުގެ ފެންވަރުގައެވެ. އަދި މުޅި މުޖުތަމައުގެ ފެންވަރުގައެވެ. އެހެނީ ހަމަޖެހުމަކީ ޙަޤީޤަތުގައި ވެސް ތަރައްޤީގެ ތަޅުދަނޑިއެވެ. ތަރައްޤީއަށްޓަކައި ކުރެވޭ ކަންތައްތަކުގައި އެއްހިތުން އެއްބާރުލާ ރައްޔިތަކީ މުހިންމު ބަހާއެކެވެ.

ދިވެހިރާއްޖެއަކީ އަމަން އަމާންކަމާއި ސުލްހަ މަސްލަހަތަށް ލޯބިކުރާ މިނިވަން ގައުމެއްގެ ގޮތުގައި ލަހައްޓަވާށިއެވެ. މި ކުޑަކުޑަ ރާއްޖެއަށް އަބަދު ވެސް ކުރިއެރުމުގެ އާރޯކަމާއި ފެހިކަން މިންވަރު ކުރެއްވާށިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top