އޭދަފުށީގައި 1000 ފްލެޓް. މިނިސްޓަރު ހައިދަރާއި އެމްޕީ ސަލީމް، މަޝްވަރާގައި

EYD-AERIAL-4.jpg

default

އޭދަފުށީގައި 1000 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް އަވަހަށް ފެށުމާމެދު ހައުސިން މިނިސްޓަރު ޑރ ހައިދަރާއި، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އިއްޔެ މަޝްވަރާ ކޮށްފިއެވެ.

އޭދަފުއްޓަށް ދިމާވެފައިވާ ގޯތިގެދޮރުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމާމެދު އިއްޔެ ކުރިޔަށް ދިޔަ މިމަޝްވަރާގައި، 1000 ހައުސިން ޔުނިޓް އޭދަފުށީގައި އެޅުމުގެ ގޮތުން ކުރަންޖެހޭ ސާވޭތައް ކުރުމާއި، ނިންމަންޖެހޭ ލިޔެކިޔުންތައް ވީހާ އަވަހަކަށް ނިންމުމަށް ބާރު އެޅުނުކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވި ގޮތުގައި ޗައިނާ ސަރުކާރުގެ އެހީގައި އިމާރާތް ކުރަންނިންމާފައިވާ މިޔުނިޓްތައް ގާއިމު ކުރެވިގެންދާނީ ބޮޑެތި ޓަވަރުތަކެއް ގޮތުގައެވެ. މީގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނޭކަމަށް އުއްމީދުކުރެވޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

”ދިހަ ބާރަ ބުރީގެ ބޮޑެތި ޓަވަރުތަކެއް ހަދަން ހަމަޖެހިފައި މިއޮތީ. 1000 ހައުސިންގް ޔުނިޓް އެޅުނީމާ، އޭދަފުށީ ރައްޔިތުންނާއި، ރަށުން ބޭރުން ހިޖުރަކުރަން ތިބި ބަޔަކަށްވެސް ފުރުސަތުތައް ލިބިގެންދާނެ. އެހެންވީމާ، މަދުނުވާ ވަރަށް މިކަން ކުރާނީ އިރާދަކުރެއްވިއްޔާ“ ސަލީމް އީވީއަށް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އޭދަފުށިން ގޯތި ދޫކުރުމަށް އެކުލަވާލި އުސޫލު އަވަހަށް ފާސްކުރުމާމެދު ވެސް މިނިސްޓަރާއެކު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެކަން ދެ ދުވަހެއްގެ ތެރޭގައި ހަމަޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިކަމަށް ސަލީމް ވިދާޅުވި އެވެ.

”ގޯތިދޫކުރުމުގެ ކަންކަންވެސް ބާރަށް ކުރިޔަށް ގެންދަން އަޅުގަނޑު ވަރަށް ބާރުއެޅިން. ހައިދަރަށް ދެންނެވިން މިއަދުން މިއަދަށް އުސޫލު ފާސްކޮށް ފޮނުއްވާދެއްވާށޭ. އަންނަ ހަފްތާތެރޭގައި ގޯއްޗަށް އިއުލާން ކުރަން އޭދަފުށީ ކައުންސިލާވެސް އަޅުގަނޑު ވާހަކަ ދައްކާނަން“

1000 ހައުސިންގް ޔުނިޓް އޭދަފުށީގައި އެޅުމަށް މިނިސްޓަރާއި، ސަލީމް މަޝްވަރާ ކުރެއްވިއިރު، އޭދަފުށީގައި ގިނަ އަދަދަކަށް ހައުސިންގް ޔުނިޓް އަޅުއްވައި ދެއްވާނެކަމަށް މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އޭދަފުއްޓަށް ވަޑައިގެން ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު