ވޯޓު ލެވޭނީ ކަޅު ނުވަތަ ނޫ ގަލަމުން

Screenshot-2023-09-04-at-11.40.31.png

އީސީގެ ނައިބު ރައީސް، އިސްމާއީލް ހަބީބު

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނުވަތަ ނޫކުލައިގެ ދެލި ހިނގާ ގަލަަމަކުން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައިސް އިސްމާއިލް ހަބީބް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވޯޓުގެ ސިއްރުކަން ގެއްލިދާނެ ހާލަތްތަކެއް އަތުވެދާނެ ކަމަށް ބުނެ ބައެއް ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މައްސަލަތަކާ ބެހޭ ގޮތުން ކޮމިޝަންގެ ގާނޫނީ ޓީމާއެކު އިއްޔެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

ހަބީބް ވިދާޅުވީ އިންތިޚާބުތަކާ ބެހޭ ގާނޫނާއި ގަވާއިދުގައި އޮންނަނީ، ވޯޓުލާންދާ މީހަކަށް ވޯޓުލާ މަރުކަޒަށް ވެއްދޭނީ އާދައިގެ ގަލަމެއް އެކަނި ކަމަށެވެ. އެހެންވެ، އާދައިގެ ގަލަމެއް ކަމަށް ބަލައިގަންނާނީ ކޮން ކަހަލަ ގަލަމެއްކަން އެ ކޮމިޝަންގެ ބައްދަލުވުމުގައި އިއްޔެ ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“އާދައިގެ ގަލަމެއް ކަމަށް ކޮމިޝަނުން ނިންމި ނިންމުމުގައި މި އޮންނަނީ، އާދައިގެ ގަލަމެއް ކަމުގައި ކޮމިޝަނުން މި ބަލަނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށް،” ހަބީބް ވިދާޅުވިއެވެ.

އަދި ރަނގަޅު އެއް ފާހަގައަށްވުރެއް ގިނަ ފާހަގަ ނުވަތަ ނިޝާން ނުވަތަ ކުރެހުމެއް ފަދަ އެއްވެސް އެއްޗެއް އޮވެއްޖެނަމަ އެ ވޯޓަކީ ބާތިލު ވޯޓެއް ކަމަށް ކަނޑައަޅާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އަމިއްލަ ގަލަމެއް މީހަކު ގެނެސްފިނަމަ، އެ ގަލަމެއް އޮފިޝަލުން ޗެކް ކުރާނެ ކަމަށާއި އެގޮތުން އެއީ ކޮން ކުލައަކުން ލިޔެވޭ ގަލަމެއްތޯ ބަލައި އެގޮތަކަށް ޗެކުކުރާއިރު އެ ގަލަމަކީ ކަޅު ނުވަތަ ނޫ ކުލައިގެ ދެލިން ލިޔެވޭ ގަލަމަކަށް ނުވާނަމަ އެ ގަލަމެއް ވޯޓުލާ މަރުކަޒަކަށް ނުވެއްދޭނެ ކަމަށެވެ. އިތުރު ކުލައެއްގެ ގަލަމަކުން ވޯޓު ލައިފިނަމަ އެ ވޯޓެއް ބާތިލުވާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ވޯޓިން ބޫތުގައި ގަލަން އޮންނާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެ ގަލަމެއް ބޭނުންކުރުން ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުގައި ފާހަގަޖަހާ ބޫތު ހުންނާނީ، ބޫތުގަ ފާހަގަ ޖަހާ މީހާގެ ފުރަގަސް ފެންނަ ގޮތަށް ކަމަށާއި މީގެ ބޭނުމަކީ ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ފޮޓޯ ނެގުންފަދަ މައްސަލަތައް ދިމާވާތީ އެމީހާގެ ހަރަކާތްތައް އޮފިޝަލުންނަށް ފެންނާނެ ގޮތަށް ހެދުންކަމަށް ހަބީބު ވިދާޅުވިއެވެ. އެގޮތަށް މީހާ ހުރުމުން ޖީބުން އެއްޗެއް ނެގިނަމަވެސް ނުވަތަ ފާހަގަލުން ފިޔަވާ އިތުރު ކަމެއް ކުރާނަމަ އެކަމެއް ފާހަގަވާނެ ކަމަށެވެ.

އީސީން ނިންމާފައިވާ މި ތިން ނިންމުމަކީވެސް ވޯޓުގެ ސިއްރުކަން ޔަގީންކުރުމަށްޓަކައި ނިންމި ނިންމުންތަކެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top