މުއިއްޒުގެ ކެމްޕޭނަށް މެޑަމް ފާތުން ނުކުންނަވަނީ

large_169382635619jr4N.jpeg

މެޑަމް ފާތިމަތު އިބްރާހިމާއި ޑރ. މުހައްމަދު މުއިއްޒު -- ސަން ފައިލް ފޮޓޯ

ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި، ބައިވެރިވެވަޑައިގަތުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ނިންމަވައިފިއެވެ.

ޕީޕީއެމްއިން ވިދާޅުވީ، މެޑަމް ފާތުން މިރޭ, ކާނިވަލުގައި ހުންނަ ޕީޕީއެމްގެ ކެމްޕޭން އޮފީހަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި، އެ ތަނުގައި އެ ޕާޓީގެ ކެމްޕޭން ޓީމުތަކާ އެކަމަނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ކަމަނާ ވަޑައިގަންނަވާތީ އެ ބައްދަލުވުންތަކަށް ދިއުމަށް ޕީޕީއެމްގެ އިސް ބައެއް އެކްޓިވިސްޓުން މިހާރު އަންނަނީ ދައުވަތު ވެސް ފޮނުވަމުންނެވެ.

މިއީ، މި އަހަރުގެ ރިޔާސީ ކެމްޕޭންގައި މެޑަމް ފާތުން ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މެޑަމް ފާތުން މުއިއްޒުގެ ކެމްޕޭނަށް ނިކުމެވަޑައިގަންނަވާއިރު ބައެއް ނޫސްތަކުން ގެންދަނީ ޑރ. މުއިއްޒާއި ރައީސް ޔާމީންގެ ގުޅުން ކުޑަކަމުގެ ޚަބަރުތައް ރިޕޯޓްކުރަމުންނެެވެ. އަދި ޖަލުގައި ހުންނެވި ރައީސް ޔާމީނާއި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް މައުމޫނާ ބައްދަލުކުރެއްވި ކަމަށްވެސް އިއްޔެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. ފާރިސް ގެންދަވަނީ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަމުންނެވެ.

މުއިއްޒުގެ ކެމްޕޭނާ ގުޅިވަޑައިގަންނަވަން އެ ކަމަނާ ނިންމަވާފައިވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ ތާއީދު މުއިއްޒަށް ނެތް ކަމަށް ދައްކަން އެހެން ޕާޓީތަކުން މަސައްކަތް ކުރާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރެވެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޕީޕީއެމްގެ ފަރާތުން ފުރަތަމަ ހުށަހެޅީ ޔާމީންގެ ކެންޑިޑެސީ ފޯމެވެ. އެކަމަކު، ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، އެ މަނިކުފާނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ދިޔައިރު، ޕީއެންސީން ވަނީ ޔާމީން ނެތް ހާލަތެއްގައި ވާދަކުރުމަށް ޕީއެންސީގެ ސެނެޓުގައި ޕްރައިމަރީއެއް ބާއްވައިފައެވެ. އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ މުއިއްޒެވެ.

ޔާމީންގެ ވެރިކަމުގައި އިޖުތިމާއީ އަދި ސިޔާސީ ބައެއް ކަންކަމުގައި ވެސް ވަރަށް އަމަލީ ގޮތުން އުޅުއްވި ފާތުން، މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކުން ނުފެންނާތީ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top