ކުރަންކުރާކަށް ނުތިބޭނަން. ތުޅާދޫގައި އެއާޕޯޓު އަޅާފައި ދައްކާނަން: މުއިއްޒު

large_169346486346oGks.jpg

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒު ތުޅާދޫއަށް ވަޑައިގެންނެވުން --

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ތުޅާދޫ އެއާޕޮޓުގެ އެއާޕޯޓުގެ މަސައްކަތް ކުރަން ކުރާކަށް ނުތިބޭނެ ކަމަށާއި މި ރަށުގައި އެއާޕޯޓު އަޅައި ރައްޔިތުންނަށް ދައްކަވައި ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ.ތުޅާދުއަށް ވަޑައިގެން ބޭއްވެވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ތުޅާދޫ އެއާޕޯޓަކީ މި ސަރުކާރުން ”ކުރަން، ނުކުރަން އުޅޭ“ އެއާޕޯޓެއް ކަމަށެވެ.

”އަޅުގަނޑުމެންނަކީ ކުރަންކުރަން ތިބޭ ބައެެއް ނޫންކަން ފަސް އަހަރުގެ ރައީސް [އަބްދުﷲ] ޔާމީންގެ ދައުރުގައި ފެނިވަޑައިގެންފައިވާނީ ދިވެހި ރައްޔިތުންނަށް،“ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެއާޕޯޓު އަޅާ އިރު، އެކަމުގެ ފައިސާ ހޯދޭނެ ގޮތާއި ޓެކްނިކަލް މައުލޫމާތު ހުންނާނެ ކަމަށެވެ. އެހެންވެ، ތުޅާދޫ އެއާޕޯޓު އެޅުމަކީ ކުރައްވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

އެއާޕޯޓާ އެކީގައި އިގްތިސާދީ ތަރައްގީ އަށް ކުރަން ޖެހޭ ކަންކަން ހުންނާނެ އިރު، މިއީ ރަށަށް ވެސް ލިބޭ ކުރިއެރުމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރަށަށް ބޭނުން ވަނީ 100 ހައުސިން ޔުނިޓް ނޫން ކަމަށާއި އެއަށް ވުރެ ގިނަ ހައުސިން ޔުނިޓް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަން ކުރުމަށް މި ރަށުގައި ބިން ހިއްކައި ހައުސިންގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ގެދޮރާ އެކީގައި ފަސޭހަ އިން ލޯން ލިބޭނެ ގޮތް ހަދައި ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މި ރަށު ހޮސްޕިޓަލް އަޅަން ނިންމި ބިން އޮތީ ރައްޔިތުން ބޭނުންވާ ތަނެއްގައި ނޫން ކަމަަށެވެ.

”ރައްޔިތުންނަކާ ސަރުކާރަކާ ނެތް ކަނެކްޝަނެއް. ކަނެކްޝަން ކެނޑިފައި ހުރީ،“ މުއިއްޒު ވިދާޅުވިއެވެ.

އެހެން ނަމަވެސް، އޭނާ ކުރައްވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ވެރިކަމެއް ކަމަށާއި އެ ފަދަ ވެރިކަމެއް ނޫންނަމަ ރައްޔިތުންގެ ފަރާތުން ވެރިކަމެއް ހޮވުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ތުޅާދޫ ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު އަތީފް ވިދާޅުވީ 2018 ގެ ކުރިއަށް ބަލާ އިރު، ޕީޕީއެމަށް ލިބިފައި ވަނީ %15 ވޯޓު ކަމަށާއި އޭރު ރަސްކަން ކުރަމުން ދިޔައީ އެމްޑީޕީ ކަމަށެވެ. އެކަމަކު، 2018 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމަށް %42 ހޯދި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް އިންތިހާބުގައި އެމްޑީޕީން ކުރަމުން އައި ރަސްކަން ނިންމައި، ޕީޕީއެމުން ކާމިޔާބު ހޯދައި ރަށުގައި ރަސްކަން ކުރާނީ ޕީޕީއެމް ކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top