ރަންތަރިންގެ ހަނދާންތަކާއެކު ބޮޑުމެޗަށް އޭދަފުށި ފައްކާވެއްޖެ

fg.jpg

އޭދަފުށިގެ ކުރީގެ ފުޓްބޯޅަ ބައެއް ތަރިން(ކ-ވ) ކެޕްޓަން މަޖީދު، ވާހިދު، މުހައްމަދު އިމްރާން، ބައްޓޭ. ހާއްސަމެޗްގައި މިކުޅުންތެރިން ފެންނާނެކަމަށްވޭ / ފޮޓޯ: ރާއިފް ޔޫސުފް

އަންނަ ހޮނިހިރު ދުވަހަކީ އެދުވަހެވެ. އޭދަފުށި އުފެއްދި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންނާ ވެރިރަށް މާލޭގެ އޭރުގެ ފުޓްބޯޅަ ލެޖެންޑުންނާ ކުރިމަތިލާއިރު މިއީ ހުރިހާ ގޮތަކުންވެސް ޚާއްސަ މެޗެކެވެ. މިއަދު އޭދަފުށީ ދަނޑަށް ބަލާލައިފިނަމަ މިކަމުގެ ޖަވާބު ލިބޭނެއެވެ.

އެކުވެރިކަމުގެ މި މެޗް ރާވާއި އިންތިޒާމްކުރި ސަލްސާ ކުންފުނީގެ ޗެއަރމަން އިބްރާހީމް އާމިރުއަށް ނިކަން ބާރަށް ޝުކުރިއްޔާއޭ ބުނެނުލާ ކުރިއަށް ގެންދިއުމަކީ އެހާ ފަސޭހަކަމަކަށް ނުވާތީ އެންމެ ފުރަތަމަވެސް މި ފަދަ ތާރީޚި އަދި ޚާއްސަ ކަމަކަށް އިސްނެންގެވީތީ އާމިރުގެ މިމަސައްކަތަށް ތައުރީފުގެ ބަސް ރައްދު ކުރަމެވެ.

އޭދަފުށްޓާ ފުޓްބޯޅައަކީ ވަކި ނުކުރެވޭނެ ބާރެކެވެ. މިއަދާ އިއްޔެވެސް އެކަން އޮތީ އެގޮތަށެވެ. މާލޭގެ މަޝްހޫރު ރާނީ ކްލަބް “ތަޅާލި” މުބާރާތް ނިމުނުފަހުން 50 އަހަރަށްވުރެ ގިނަދުވަސް ވުމީ ފުޓްބޯޅައިގެ ދިގު ތާރީޚެއް އޭދަފުށީގައި އޮތްކަން އަންގައިދޭ ހެއްކެކެވެ. އޭރުން ފެށިގެންވެސް އޭދަފުށީގައި ފުޓްބޯޅަ އަކީ އެއްވަނަ ކުޅިވަރެވެ. އޭދަފުށީ ފަސްގަނޑުގައި ޒުވާނުންގެ ލެއިން ލިޔެފައިވާ ހަމައެކަނި ކުޅިވަރެވެ.

މާ ދުރަށް ނުގޮސް ކެޕްޓަން އަލީ ވަހީދުގެ ވާހަކައިން ފަށަމާހިނގާށެވެ. އޭނާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އެކެކެވެ. އޭގެ ހެއްކަކީ 1972ގައި އިނގިރޭސި ރާނީ ކްއީން އެލިޒަބަތު ރާއްޖެވަޑައިގެން އެކަމަނާގެ ޝަރަފްގައި އޮތް ޚާއްސަ ފުޓްބޯޅަ މެޗަށް އެކަމަނާގެ މަނަވަރު ޓީމާ ވާދަ ކުރުމަށް މުޅި ރާއްޖެއިން ހޮވާލެވުނު ޓީމުގެ ފުރަތަމަ 11 އިން އަލީވަހީދުއަށް ޖާގަ ލިބުމެވެ.

ތާރީޚް ކިޔައިދޭ ގޮތުގައި އަލީވަހީދު ފާހަގަ ކުރެވިފައިވަނި ރާއްޖޭގައި އެދުވަސްވަރު ފުޓްބޯޅައިގެ އެންމެ ހުނަރުވެރި އަދި އެންމެ ބާރަށް ބޯޅަޖަހާ ބޯޅަ ފަޅާލުމުގެ ކުޅަދާނަކަން ލިބިފައިވާ ކުޅުންތެރިއެއްގެ ގޮތުގައެވެ.

މިހާރު ބަލި ހާލުގައި އުމުރުގެ ފަހުގެ ދުވަސްތައް ގުނަގުނާ އޮތް ކެޕްޓަން އަލީވަހީދުގެ ކެޕްޓަން ކަމުގެ ދަށުން ބސމދ ޖަމިއްޔާ ރާއްޖޭގެ ފުޓްބޯޅަ މުބާރާތް ތަކުގައި ވާދަކޮށްފައިވާއިރު ފުދޭވަރެއްގެ ކާމިޔާބުތަކެއް ހޯދާފައިވެއެވެ. އޭނާގެ ކެޕްޓަންކަމުގެ ބޭންޑް ބާލައި ފުޓްބޯޅަ ދަނޑުން ފޭބިފަހުން އެ ބޭންޑް އެޅީ ކެޕްޓަން މަޖީދުއެވެ. އޭދަފުށި ޒުވާނުންގެ ޖަމިއްޔާގެ އެންމެ ޒުވާންދުވަސްވަރު ރާއްޖޭގެ ފުޓްބޯައިގެ ދަނޑުގައި އެންމެ ވިދުންގަދަ ކުޅުންތެރިޔާއެވެ. ޒުވާނުންގެ ޖަމިއްޔާ އަށް އެހާބޮޑު މަޝްހޫރު ކަމެއް ލިބިގެންދިޔައީ މަޖީދުމެންކަހަަލަ ވަރަށް ޒުވާން ޓީމެއް ވަރަށް ރީތިކޮށް ކުޅެ ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދުމާއި ގުޅިގެންނެވެ.

އަންނަ ހުކުރު ދުވަހު މިޓީމްގެ ރަން ހަނދާންތަކާއެކު އަނެއްކާވެސް އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދޭނެއެވެ. އެޓީމާ އޭރު އެންމެ ވާދަވެރި މާލޭގެ ޓީމްތަކުގެ ތެރެއިން އަޑުކިޔާލާފައި ގަލޮޅު ދަނޑު ކައްކުވާލި ހ.މޯނިންގސަން މޫސާ މަނިކުއާއި، އަންދަރުސަވާ އިބްރާހިމް ރަޝީދު (އަންދަރޭ) އާއި އިސްމާއިލް އާސިފް (ކުޑަހީނާ) އާއި މުހައްމަދު ކަލީމާއި މިފަދަ މަޝްހޫރު އެތައްކުޅުންތެރިންނާއެކު ކުޅެވޭ ވާދަވެރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗަށް ތައްޔާރުވާއިރު އޭދަފުށީ ވެޓެރަންސް ޓީމްގައި ހިމެނޭ ބައެއް ކުޅުންތެރިންގެ އުސްއަލިތަކަށް ބަލައިލަމާ ހިނގާށެވެ.

ކެޕްޓަން މަޖީދު

އެންމެ ބޮޑަށް ފާހަގަކުރެވެނީ ދަނޑުގައާއި ދަނޑުން ބޭރުގައި އަޚްލާގު ރަނގަޅު ކުޅުން ތެރިއެއްގެ ގޮތުގައެވެ. އިތުބާރާއެކު ގަލޮޅު ދަނޑުގައި އުދުހެމުން ދިޔަ ދުވަސްވަރު ކުޅެމުން މާލޭގެ ނަން މަޝްހޫރު ހުރިހާ ކްލަބްތަކެއްވެސް އޭނާއާމެދު ޝައުގުވެރިކަން ފާޅު ކުރިއެވެ. އެހެންނަމަވެސް އޭރު ރާއްޖޭގައި ޓްރާންސްފަރ ބާޒާރެއް އުފެދިފައި ނެތުމާ ފުޓްބޯޅައަކީ ވަތަނީ ކުޅިވަރެއްކަމަށް ދެކޭތީ ގަލޮޅު ދަނޑަށް އަލްވަދާއު ކީއިރުވެސް އޭނާ ހުރީ 8 ނަންބަރު ޖާޒީގައެވެ.

ކާމިޔާބު ދުވަސްތަކެއް ފުޓްބޯޅަ ދަނޑުގައި ހޭދަކުރުމަށްފަހުވެސް މަޖީދު ދަނޑުން ފޭބުމުގެ ޚިޔާލު ނުގެންގުޅޭކަން އެނގުނީ ރެފްރީގެ ކަށިގަނޑާއެކު ދަނޑުމަތިން ފެންނަން ފެށުމުންނެވެ.. ޒޯން މުބާރާތުގައާއި އޭދަފުށީގައި ކުޅޭ އެކި އެކި މުބާރާތް ތައް އިންސާފުކުރުމަށް ރެފްރީއެއްގެ ގޮތުގައި މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ކެޕްޓަން މަޖީދުއަކީ އޭދަފުށީގެ ފުޓްބޯޅަ ކުރިއެރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ އެކެއް ކަމުގައި ބުނެވިދާނެއެވެ. މިނިވަން 50 ފުރަތަމަ ޗެމްޕިއަންގެ ޝަރަފްވެރި ތަށި އޭދަފުށްޓަށް ލިބުނު އިރު މަޖީދު އަކީ އެ ޓީމްގެ ޒިންމާދާރު މެނޭޖަރއެވެ. އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ ގެ ފުޓްބޯޅަ ޓީމް ދެވަނަ ޑިވިޜަންގެ ތަށި ހިފައިގެން އޭދަފުށީ ރައްޔިތުންނާ ބައްދަލު ކުރަން އައީ ކެޕްޓަން މަޖީދުގެ ގޮތުގައި އެ ޝަރަފް ވެރި ކަމާ އެކުގައެވެ.

އަބްދުލްވާހިދު ހުސައިން

ބަހިއްޔާސްކޫލް އިން ކިޔަވައި ނިމުމަށް ފަހު އެހެން ކުދިންނެކޭ އެއްގޮތަށް ވާހިދުވެސް ނުކުތީ އޭދަފުށީ ދަނޑަށެވެ. ކޯޗެއްގެ އެހީތެރިކަމާ ނުލާ އަމިއްލަ ވިސްނުމާއި ހުނަރުވެރިކަމުން ކުރިއަރައިދިޔަ އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ފުރަތަމަ ފުޓްބޯޅަ ޓީމް އެކުލަވާލިއިރު ވާހިދުގެ ޒިންމާއަކީ އެޓީމްގެ ފަހަތް ބެލެހެއްޓުމެވެ. އެކަން އޭނާ ކުރިއެވެ. ގަލޮޅު ދަނޑުގައި ރާއްޖޭގެ އެތައް ސަތޭކަ ބައެއްގެ ކުރިމަތީގައި ވާހިދު އޭނާގެ ހުނަރު ދައްކަމުން ދިޔައިރު މާލޭގެ މުއްސަނދި ކްލަބްތަކުން ދިޔައީ ކަޅި އަޅަމުންނެވެ. ނަމަވެސް އެއަށްވުރެ ކުރިން ރާއްޖޭގެ ގައުމީ ޓީމްގެ ކޯޗްގެ ލޯ ވާހިދުގެ ކުޅުމަށް އަމާޒުވީ ގައުމީ ޓީމުގެ ފަހަތް ބެލެހެއްޓޭ ވަރުގެ ވަރުގަދަކަމާއި އިތުބާރާއި ޔަގީން ކަން އޮތުމުންނެވެ. އެޔަގީންކަން އޭނާ ސާބިތު ކޮށްދިނީ ރާއްޖޭގެ ގައުމީ ޓީމް 1991 ވަނަ އަހަރު ސާފް ގޭމްސްގެ ސިލްވަރ މެޑެލް ހޯދުމުގައި އިދިކޮޅު ޓީމް ހިފަހައްޓައި ގޯލާ ދިމާއަށް އަންނަ ހަމަލާތައް ނާކާމިޔާބު ކޮށް އިދިކޮޅު ފޯވާޑް ލައިން ކުރިއަށް އެރުމުގެ މަގު ބަންދުކޮށްފައިވާ ފާރެއްގެ ގޮތުގައެވެ،

އިބްރާހީމް ފައުޒީ

އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން އުފެއްދި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ފައުޒީ ގެ ފުޓްބޯޅައިގެ ކެރިއަރުގެ ބޮޑުބައި ހޭދަކުރީ ވިކްޓަރީ ސްޕޯޓްސް ކްލަބްގައެވެ. ވިކްޓަރީއަކީ ހަގީގަތުގައި ވެސް ވިކްޓަރީކަން އަންގައިދީ ފުޓްބޯޅައިގެ ރާއްޖޭގެ އެންމެ ގަދަ އެއް ބާރުގެ ގަޮތުގައި އަދިވެސް ދެމިއޮތް މިޓީމްގެ ޒުވާން ދުވަސްތައް ހޭދަކޮށްފައިވަނީ ފައުޒީއާއެކުގައެވެ. ޖުމްލަ 13 އަހަރުވަންދެން ދަނޑުމަތީގައި ހޭދަކުރުމަށް ފަހުވެސް ދަނޑުން ފޭބީ ހިތުން ރުހުމަކުން ނޫނެވެ. ނަމަވެސް ޒުވާނުންނަށް ފުރުސަތު ދޭން އެނަޖެހެއެވެ. އޭނާއަށްވުރެ މޮޅު އެހެން މީހަކު އެމަގާމަށް އުފައްދަންވެސް ޖެހެއެވެ. އެއީ އޭނާ އެންމެ ދެކޭ ހިތްވާ މަންޒަރެވެ. ކެރިއަރު ނިންމާލީ އެހެން ވީމައެވެ. އޭގެ މާނައަކީ އޭނާ ފުޓްބޯޅައާ މުޅިން ވަކިވީއެއް ނޫނެވެ. އޭނާގެ އުމުރުގެ ކުޅުންތެރިންނާއެކު މިއަދުވެސް ފައުޒިއަކީ އިތުބާރު ކުޅުންތެރިއެކެވެ. 21ވަނަ ދުވަހުގެ މެޗުގައި އެކަން ދައްކައިދޭނެއެވެ.

މުހައްމަދު އިމްރާން

އޭދަފުށީ ޒުވާނުންގެ ޖަމިއްޔާގެ ރަން ޒަމާނުގައި ޖަމިއްޔާގެ ފުޓްބޯޅަ ޓީމްގެ އެންމެ އަލިގަދަ އެއް ތަރިއެވެ. މީނާއާ ނުލާ ޓީމް ފުރިހަމަ ނުވާނެކަމަށް އެންމެން ވެސް އިއްތިފާގުވާ މުހައްމަދު އިމްރާނުގެ ފެންވަރާބެހޭ ގޮތުން ބުނާނެ އިތުރުވާހަކައެއް ނެތެވެ. ފުޓްބޯޅަ ޓީމް ގަލޮޅު ދަނޑުގައި ކުޅުނު އަހަރުތަކުގައި އިތުބާރާއެކު ވަރަށް ހަމަޖެހިލައިގެން ހާސްކަމެއް ނެތި ޓީމް ދިފާއުކުރަމުން ގެންދިޔައީ މުހައްމަދުއެވެ. ފުޓްބޯޅަކުޅުމާ ދުރަށް ދިޔަ ފަހުންވެސް ބައެއް ޚާއްސަ މެޗުތަކުގައި ބައިވެރިވެ މިހާރުވެސް އެންމެ ޒުވާން އިރުގައި ދެއްކި ފުޓްބޯޅަ ޖާދޫއާއި ހަމަ އެކުޅަދާނަކަން އެބަހުއްޓެވެ. ހިތްވަރު އެބަހުއްޓެވެ. ބުންވަރަސް ކުޑަ ބަދަލެއް އައީއެވެ. އެއީ އުމުރަށް އައި ބަދަލާއި ކުޅުން މެދުކެނޑުނީތީވެ ވީގޮތެއްކަމަށް ބަލަމާ ހިނގާށެވެ.

މުހައްމަދު ޒާހިދު

ފުޓްބޯޅަ ދަނޑުގައި ބައްޓޭގެ ނަމުގައި އުދުހެމުން ދިޔަ ޒާހިދު ބައްޓޭއަކަށް ވުމުގެ ކުރިން އޭދަފުށީ ދަނޑުން ފެނުނަސް އޭނާ މަޝްހޫރު ވެގެން ދިޔައީ ސްކޫލްދައުރުގައި އެމްއީއެސް ޓީމުން ނެވެ. އޭގެ ފަހުން ކްލަބް ވެލެންސިއާއަށް ކުޅެ ރާއްޖޭގެ އެންމެ އަގުބޮޑު ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން އައެވެ. ފުޓްބޯޅައިގެ ކެރިއަރު ނިންމަން ޖެހުނީ ވަގުތުގެ ކުރިން ކަމުގައި ވިޔަސް ކުއްލިއަކަށް އޭނާ ފެނުނީ މޮޅު ކޯޗެއްގެ ގޮތުގައި އޭދަފުށީގެ ހަނަފަސް ދަނޑުގައި މޮޅު ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމަށް މަސައްކަތް ކުރާ ތަނެވެ.

އަހްމަދު ރިޒާ

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު އޭނާ އުޅުނީ އޭނާ ފަދަ މޮޅު ކުޅުންތެރިންތަކެއް އުފެއްދޭތޯއެވެ. ބަލިވެ ގިނަ ދުވަސްތަަކު އުޅުމަށްފަހު އޭނާ އޭދަފުށި ދަނޑުން ފެންނަން ފެށިއެވެ. އެކަމަކު އެއީ ކުޅުންތެރިއެއްގެ ގޮތަކު ނޫނެވެ. ކުޅުންތެރިންތަކެއް އުފައްދަން މަސައްކަތް ކުރާ ކޯޗެއްގެ ގޮތުގައެވެ. ކުޑަކުދިންނަށާއި ޒުވާނުންނަށް ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި އޭނާގެ ތަޖްރިބާ ސަތޭކައިން ސަތޭކައެވެ. އޭދަފުށީގެ ފުޓްބޯޅަ މިހާ ހިސާބަށް އައިއިރު އުޖޫރައަކާ ނުލައި ކުޅުންތެރިން އުފެއްދުމާއި އޭދަފުށިގެ އެކި އެކި ޓީމަށް ކޯޗުކޮށްދިނުމުގައި ރަނގަޅު ނަތީޖާތަކެއް އޭނާ ވަނީ ހޯދަދީފައެވެ.  ކޯޗް ރިޒާގެ ނަމުގައި މިއަދު އޭނާ މަޝްހޫރުވެފައިވަނީ ސަބަބެއް ނެތިއެއް ނޫންކަމަށް ގަބޫލު ކުރެވެނީ މިހެން ވީމައެވެ.

މާފަންނު ޓާފް ދަނޑުގައި އޭރުގެ މަޝްހޫރު ކުޅުންތެރިޔާ މޫސާމަނިކު ،50 އަހަރުންމަތީގެ މީހުން ބައިވެރިވާ ވެޓެރަންސް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ޕްރެކްޓިސްގައި -ފޮޓޯ މިހާރު

މިފަދަ11 ކުޅުންތެރިން 21ވަނަ ދުވަހު އޭދަފުށީ ދަނޑުގައި އޭދަފުށީ ވެޓެރަންސް ޓީމާއި މާލޭ ވެޓެރަންސް ޓީމް ބައްދަލު ކުރާ މެޗުގައި ފެނިގެން ދާނެއެވެ. ފުޓްބޯޅައިން އޭދަފުށްޓަށް ރީތިނަން ހޯދައި ދިނުމާއި މިއަދާހަމައަށް އޭދަފުށީގެ ފުޓްބޯޅަ ކުރިއެރުވުމަށް މި ކުޅުންތެރިން ކޮށްދީފައިވަނީ  ކޮޅެއް މިނެއް ނެތް އަގުހުރި ޚިދުމަތްތަކެކެވެ. މިކަމުގެ ބަދަލުގައި ޝަރަފްވެރިކަމުގެ އިނާމަށް ނޮމިނޭޓް ވާން ޖެހޭ މި 11 ކުޅުންތެރިންގެ ކުޅުމުގެ އެހާރާއި މިހާރުގެ ބަދަލާއި އެކުޅުންތެރިންގެ ރަންޒަމާނާ އަޅާކިޔާލަން  މިކަހަލަ ފުރުސަތެއް ދެން ލިބޭނެ ކަމެއް ނޭގެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top