ޕީޕީއެމްގެ ލީޑާޝިޕް އެކުގައި ޑރ. މުއިއްޒުގެ ފަހަތަށް

large_169151300116Mrph.jpeg

ޕީޕީއެމް/ޕީއެންސީ ލީޑާޝިޕް އެކުގައި، އަންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ.

ރޭ އިދިކޮޅުން ބޭއްވި ނޫސްކޮންފަރެންސު ގައި މުއިއްޒާއި އެކު ލީޑާޝިޕްގެ ހުރިހާ މެންބަރުން ބައިވެރިވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެ ޕާޓީގެ ލީޑާޝިޕްގައި އިންތިޚާބުގެ މަައްސަލައިގައި އެއްވެސް ދެބަސްވުމެއް ނެތް ކަމަށެވެ. މިކަމުގައި އަޅުގަނޑުމެންގެ ސަފު މިއޮތީ ބަދަހިކޮށް، އަޅުގަނޑުމެންގެ ލީޑާޝިޕް އެކުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފުރިހަމަ ތާއީދު މުއިއްޒު އަށް އޮތްކަމަށް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވިދާޅުވިއެވެ.

ރޭގެ ނޫސް ކޮންފަރެންސާ ހަމައަށް ވެސް އިދިކޮޅުގެ އެންމެ އިސްސަފުގައި މުއިއްޒު އެންޑޯސް ކުރަން ދެކޮޅު ހަދާ ބައެއް ބޭފުޅުން ތިބި ކަމަށް އަޑުފެތުރުނެވެ. އެ އަޑުތައް އެންމެ ގަދަވީ ޕީޕީއެމް އޮފީސް ކައިރީ ބޭއްވި އެއްވުމެއްގައި ލީޑާޝިޕްގެ ބައެއް ބޭފުޅުން ވާހަކަދެއްކެވި އިރު، ރިޔާސީ އިންތިހާބުގެ ވާހަކަ އެއްވެސް ވަރަކަށް ދައްކަވާފައި ނުވާތީއެވެ.

ނަމަވެސް، މިއަދުގެ ބައްދަލުވުމުގައިއެ ހުރިހާ ބޭފުޅުން ވެސް މުއިއްޒަށް ތާއީދުކުރައްވާ ކަން ހާމަކުރެއްވި އެވެ.

”އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް މިތާކު ނެތް. އަޅުގަނޑުމެން ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން، ހާއްސަކޮށް ލީޑާޝިޕް އެއްކޮށް ޑރ. މުއިއްޒުއާ އެކުގައި، އަޅުގަނޑުމެންގެ އަޚު ހުސައިން މުހައްމަދު ލަތީފް ހިމެނޭ ޕެއާ އިންތިހާބު ކުރުމަށް ތައްޔާރަށް“ މަހިބަދޫ ދާއިރާގެ މެންބަރު، އަހްމަދު ތޯރިގު (ޓޮމް) ވިދާޅުވިއެވެ.

ނައިފަަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފުގެ އިތުރުން ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވެސް މުއިއްޒުގެ ފަހަތުގައި ތިބިކަން ފާހަގަކުރެއްވި އެވެ.

އިދިކޮޅު ކޯލިޝަނުން އިންތިހާބުގައި ވާދަކުރާނެ ކަމާމެދު ޚިޔާލު ތަފާތުވީ، ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައި ނުގަތުމަށް ނިންމުމުން، އެދުވަހު އިންތިޚާބު ބޮއިކޮޓް ކުރުމަށް އެދި، ޔާމީންގެ ނޯޓެއް ލިބުމާއެކުއެވެ. އެއާއެކު، ސެނެޓުން ވަނީ އެ ނޯޓުގައި އޮތް ގޮތާ ދެކޮޅަށް ކަން ކުރުމަށް ނިންމާފައެވެ. މުއިއްޒު އިންތިހާބަށް ފޯމު ހުށަހަޅުއްވަން ވަޑައިގެންނެވި އިރު، ދެ ފަހަރެއްގެ މަތިން ސެނެޓާއި، ލީޑާޝިޕުގައި އެ މައްސަލަ އޮތީ މަޝްވަރާ ކޮށްފައެވެ. ރައީސް ޔާމީންގެ ތާއީދު މުއިއްޒަށް ދެއްވި ކަން ހާމަކުރެއްވީ، އޭނާގެ ފޯމް ވެސް ހުށަހެޅި ފަހުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top