އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނިންމަވައިފިއެވެ.
ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް އަދި ދިވެހިންނަށް އެންމެ ރަނގަޅު ގޮތަކީ ޕްރޮގްރެސިވް ކޯލިޝަންގެ ސެނެޓާއި އާންމު މެމްބަރުންނާއި ލައްކައަކަށް ވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާ އެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރެއްވުން ކަމުގައި ޔާމީން ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.
އެހެންވެ، ސެނެޓްގެ ވިސްނުމާ އެއްގޮތަށް ޔާމީން، އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވައި ޕީއެންސީން ނެރޭ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެހެންމެ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން ނެރުއްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ ނިންމަވާފަ އެވެ.
މުއިއްޒަށް މަރުހަބާ ދަންނަވަމުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރޮގެސިވް ކޮންގްރެސް ކޯލިޝަން އަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސްގެ ސެނެޓާއި އާއްމު މެމްބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާއެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރެއްވުން ކަމަށެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ މުއިއްޒަށާއި އޭނާގެ ރަނިންމޭޓު ރައްޔިތުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފަށް މަރުހަބާ ދަންނަވައިފައެވެ. އަދި ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއި ރައްޔިތުންގެ ބުރަ މަސައްކަތާއެކު މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ޕީޕީއެމާއި ޕީއެންސީން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
“ރައީސް ޔާމީން ބޭނުންފުޅެއް ނުވޭ އިންތިޚާބު ބޮއިކޮޓް ކުރައްވަން. ވެރިކަމާ ހެދި އުޅޭ ބޭފުޅުން ބޮޑާހާކާތީ އެކަން ހުއްޓުވަން ރައީސް ޔާމީން ނިންމެވީ ބޮއިކޮޓް ކުރަން. މިހާރު ލީޑާޝިޕަށް އާންމުންގެ ޕްރެޝަރު ބޮޑުވެ ދަނީ ރައީސް ޔާމީނަށް އާދޭސް ދަންނަވަމުން ބޮއިކޮޓް ނުކުރައްވަން” އެބޭފުޅާ ވިދާޅުވިއެވެ.