ގާސިމްގެ އެޑްވައިޒަރުންނަށް އަލީ ވަހީދާއި އިތުރު ދެބޭފުޅުން

F2hJjNvbcAAz4un.jpeg

ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެ މަގާމަށް ހަމަޖެއްސެވި ބޭފުޅުން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުންނަށް، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި އެ ޕާޓީގެ ކުރީގެ ރައީސް، އަލީ ވަހީދާއި އިތުރު ދެ ބޭފުޅަކު މިއަދު ހަމަޖައްސަވައިފި އެވެ.

އަލީ ވަހީދުގެ އިތުރުން ސްޕެޝަލް އެޑްވައިޒަރުންނަށް އައްޔަނުކުރީ ދެ ވިޔަފާރިވެރިން ކަމަށްވާ އިސްމާއިލް ސުޖާއާއި އިބްރާހިމް ސުޖާއެވެ.

މިބޭފުޅުންނަށް އެޑްވައިޒަރު ކަމުގެ ލިޔުން، ގާސިމް ހަވާލުކޮށްދެއްވީ މެންދުރު ފަހު މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ގާސިމް އިބްރާހިމްގެ އެޑްވައިޒަރުންގެ ގޮތުގައި މީގެ ކުރިން ވަނީ ކުރީގެ ހޯމް މިނިސްޓަރު ކަން ކުރެއްވި އަޒްލީން އަހްމަދާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ފުރުއްވާފައިވާ ދެ ބޭފުޅުން ކަމަށްވާ އަހްމަދު ނިހާނާއި ރިޔާޒް ރަޝީދު ވެސް ހަމަޖައްސާފައެވެ.

ޖޭޕީގެ ރައީސްގެ މަގާމުގައި އަލީ ވަހީދު ހުންނަވަނިކޮށް، އެ ޕާޓީގެ އަސާސީ ގަވައިދަށް ގެނައި އިސްލާހަކާ ގުޅިގެން އޭނާއަށް މަގާމު ގެއްލުނީ އެވެ. ނަމަވެސް، އޭނާއަކީ އަދިވެސް އެ ޕާޓީގެ މެމްބަރެކެވެ.

ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކޮށް، ދައުވާ އުފުލުމާ ގުޅިގެން ރާއްޖެއިން ބޭރުގައި ފިއްލަވައިގެން އުޅުއްވުމަށް ފަހު އަލީ ވަހީދު އެނބުރި މާލެ ވަޑައިގަތީ މިދިޔަ މަހުގެ 11 ގަ އެވެ. އޭނާ ރާއްޖެ ވަޑައިގަތީ އެ ދައުވާތައް ނުކުރެވޭ ކަމަށް ކަނޑައެޅުމުންނެވެ.

ރާއްޖެ ވަޑައިގެންނެވި ދުވަހު އަލީ ވަހީދު ވިދާޅުވީ އޭނާ ދެން ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށާއި ބޮޑަށް އުޅުއްވާނީ ކުޅިވަރު ކުރިއެރުވުމުގެ މަސައްކަތުގައި ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top