ނުކުޅެދުންތެރިކަމުގެ މާނައަކީ ނުކެރުމެއް ނޫނެވެ. ނުކުރެވުމެއްވެސް ނޫނެވެ. ދިވެހި މުޖްތަމައުގައި އެފަދަ މީހުންނަށް ހަމްދަރްދީވުމުގެ ގޮތުން އެއީ ނުކުޅެދޭ މީހެކޭ ބުނެ އެމީހުންގެ ހިތްވަރަށް ސާބަސް ދިނުމުގެ ބަދަލުގައި ދެރަބަސް ބުނުމަކީ ބޭއިންސާފެކެވެ. އެކަން ހުއްޓާލަން ވެއްޖެއެވެ.
މިއީ ބ.ދޮންފަނު އަލީ ފާއިޒް ގަބޫލު ކުރާ ގޮތެވެ. އޭނާ ދިރިއުޅެނީ އެއްފައިގެ އެހީގައެވެ. އެހެން ނަމަވެސް އޭނާ ކުރަމުން އަންނަ މަސައްކަތްތަކަށް ބަލާއިރު އެއީ ބަރާބަރު ފިރިހެނެކެވެ. ގުނަވަންތައް ސަލާމަތުން ހުރި މީހުންނަށް ދޫނުކުރެއެވެ. ކުޅަދާނަ ފަންނުވެރިއެކެވެ. ދޮންފަނުގައި ފެނަކައިން ހިންގާ އިންޖީނުގޭގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމަކީ ރަސްމީ ވަޒީފާ ކަމަށްވިޔަސް ރަސްމީ ގަޑި ނިންމާލާފައި ދާނީ އޭނާގެ އަމިއްލަ ޑިންގީގައި އެއްރަށުން އަނެއް ރަށަށް މީހުން އުފުލުމުގެ މަސައްކަތަށެވެ. އެކަން ނެތްނަމަ ދެން ދާނީ ޑައިވިންގ އަށެވެ. އޭނާއަކީ މޮޅު ޑައިވަރެއްވެސް މެއެވެ. ހަމައެއާއެކު ސެކިއުރިޓީ ބެލެހެއްޓުމަކީ ވެސް އޭނާގެ މަސައްކަތުގެ ތާވަލުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އަލީ ވަނީ ދޮންފަނު ސްކޫލް އާއި ބ.އަތޮޅު ތައުލީމީ މަރުކަޒުން ގްރޭޑް 10އާހަމައަށް ކިޔެވުމަށްފަހު ބިޒިނަސް އެޑްމިނިސްޓްރޭޝަން ކޯހެއްވެސް ހަދާފައެވެ. ނޯޖަވާން ޒުވާނެއްގެ ނަމޫނާ ދައްކަމުން ގެންދަނީ އެއް ފައިނެތް ބަލި މީހެއްގެ ގޮތުގައި ހުރެގެން ހުރިހާ ހިއްސުތައް ސަލާމަތުން ހުރި އިންސާނެއްގެ ފެންވަރުގައެވެ. ނުކުޅެދުންތެރިކަމަކީ ނުކުރެވުން ނޫންކަން އެހެން ޒުވާނުންނަށްވެސް އަންގައިދެމުންނެވެ. ކޮންމެ މީހަކީވެސް ޒިންމާދާރުކަމާއެކު އުފާވެރި ދިރިއުޅުމަކަށް މަސައްކަތް ކުރަންޖެހޭނެ މީހެއް ކަން އަންގައިދެމުންނެވެ.
ފުރަތަމަ ކައިވެންޏަކާއެކު އުފާވެރި ދުވަސްތަކެއް ގުނަމުންދާ އަލީގެ ދަރިއަކުވެސް މިހާރު އެބަހުއްޓެވެ. އުމުރުން 25އަހަރުގެ މި ޒުވާނާ އެއްފައިގެ އެހީގައި ދުނިޔެއާ ހަނގުރާމަކޮށް ފަތަހަ ހޯދަމުން ދިޔަނަމަވެސް ހިނގާބިނގާވެ އުޅެނީ ދަނޑިގަނޑުގެ އެހީގައެވެ. އެކަމަކު މިހާރު ސައިކަލުގައެވެ. އޭގެ މާނައަކީ ދަނޑިދަނޑު ދޫކޮށްލީއެއް ނޫނެވެ.
އަލީ އުފަންވީއިރު ކަނާތުފައި ވާތުފަޔަށްވުރެ ކުރު ނަމަވެސް ޅައުމުރު ހޭދަކޮށްފައިވަނީ ދަނޑިގަނޑަލާނުލައެވެ. ދަނޑިގަނޑުގެ އެހީ ހޯދަންޖެހުނީ އޭދަފުށީގައި ކިޔަވަން ހުރި ދުވަސްވަރު ފުޓްބޯޅަ ކުޅެނިކޮށް ދިމާވި އެކްސިޑެންޓެއްގައި އެފަޔަށް ތަދުވުމާ ގުޅިގެންނެވެ.
މި ހާދިސާ ހިނގުމަށްފަހު ކުރީގެ ހާލަށް އެނބުރި އާދެވޭތޯ އޭނާވަނީ ގިނަ ވޭން ތަކަކާއެކު ހޮސްޕިޓަލްގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ.
“އެންމެ ފުރަތަމަ މާލެއިން އައިޖީއެމްއެޗުން ފަރުވާ ހޯދީ. އޭރު ޑޮކްޓަރުވެސް ބުނި ފައި ދިގުކުރަން އޮޕަރޭޝަން ކުރަންވީ ނޫންހޭ. ހީވެޔޭ ކުރިއެރުން ލިބޭނެހެން. އެކަމަކު އެކަމަށް ހުރަސްއެޅީ ފަގީރުކަން. މަންމަމެންނަށް ލިބޭ އެއްޗަކުން މަންމަގެ ހަކުދިންނަށް ޚަރަދުކޮށްފަ އަހަންނަށް އާޅާލެވޭ ވަރު ނުވި. އެކަމަކު ކުރިއެރުމެއް ފެނުނު. ނަމަވެސް ޑޮކްޓަރު ލިޔެދީފައި އޮތް ނުބައި ބޭހެއް ކެއުމުގެ ސަބަބުން ކަށިގަނޑު މަރުވެ އިންފެކްޓްވީ.” ދަނޑިގަނޑު ބޭނުންކުރަންޖެހުނު ގޮތް ކިޔައިދޭން ފަށަމުން އަލީ ބުންޏެވެ.
ޝުކުރު ކޮށްލައިގެން އެއް އަހަރާ ދެމަސްވަންދެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި އޮތުމަށްފަހު ނުކުތްއިރު ފައިގެ ހާލަތުވަނީ އިތުރަށް ގޯސްވެ ކުރިން ހުރިވަރަށް ވުރެވެސް ފައި ކުރުވެފައެވެ. ދެން އޮތްގޮތަކީ ރާއްޖެއިން ބޭރުން ފަރުވާ ހޯދުން ކަމަށް ވާތީ ދިޔައީ އިންޑިއާގެ މުންބާއީ އަށެވެ. އޭނާ ހޯދި މައުލޫމާތު ތަކުން މުމްބާއީ ގައި ހުންނަ ހޮސްޕިޓަލަކުން މިކަހަލަ ބަލިބައްޔަށް ފަރުވާކޮށް ކާމިޔާބުވެފައި ހުރިކަން އެނގުމުން އާއިލާގެ އެންމެންގެ އެހީތެރިކަމާއެކު ދިޔައީ މުމްބާއި އަށެވެ.
“އެއީ 2014ވަނަ އަހަރު. އެހޮސްޕިޓަލުގައި އެޑްމިޓްވެގެން ހަމަސް ދުވަހު ދުވަހު އޮތިން. އެހެންނަމަވެސް އާއިލާގެ ފޯރުންތެރިކަން ނެތުމުން މުޅި ޓްރީޓްމެންޓް ފުރިހަމަ ނުކޮށް އެނބުރި އަންނަން ޖެހުނީ. އެހިނދުން ފެށިގެން އެފަޔަށް އެއްވެސް ވަރަކަށް ބާރު ނުލުމަށް ޑޮކްޓަރ ލަފާ ދީފައިވާތީ ދެން ދަނޑިގަނޑުގެ އެހީތެރިކަން ހޯދަން ޖެހުނީ. ”
މުމްބާއީ އިން އެނބުރިއައީ އުފާވެރި އުއްމީދު ތަކަކާ އެކުގައެވެ. އިތުރަށް ފަރުވާ ކޮށްގެން ދަނޑިގަނޑުގެ އެހީއާނުލާ އުޅެވޭނެކަމުގެ ޔަގީންކަން އެ ހޮސްޕިޓަލުން ދީފައިވާތީއާ އެކުގައެވެ.
އަލީ މިހާރު ހުރީ އެއުންމީދު ފުރިހަމަވާނޭ ދުވަހެއްގެ އިންތިޒާރުގައެވެ. މިވަގުތު އާއިލާގައިވެސް އެފަދަ ތަނަވަސްކަމެއް ނެތުމަކީ މިކަމަށް އޮތް އެންމެ ބޮޑު ހުރަހެވެ. “އަހަންނަށް ލިބޭ އެއްޗަކުން ދިރިއުޅުން ހަމަޖެއްސުމަށްފަހު ބާކީ އެއް ނުވޭ” އަލީ ބުންޏެވެ.
އެހެންނަމަވެސް އަދި އެއީ އުއްމީދު ކަނޑާލުމެއް ނޫނެވެ. އޭނާ މިހާރުވެސް ވިސްނަމުން ގެންދަނީ އާމްދަނީ ހޯދުމަށް ކުރެވޭނެ އިތުރު މަސައްކަތަކާ މެދުގައެވެ. ބޭނުމަކީ މުމްބާއީއަށް ގޮސް އިތުރު ފަރުވާ ކޮށްގެން ކުރިން ހުރި ހާލަތަށް ރުޖޫހަ ވުމެވެ.
އަލީހުރީ އެއުންމީދުގައެވެ. އަހަރެމެންގެ އުއްމީދަކީވެސް އެއީއެވެ.