ވެލާ ފެޅި މީހުންނަށް ޖޫރިމަނާ ފައިސާ ނުދެއްކުނު

356704_3_d25ac46b5400f6658e867d9176d839166150d210_large.jpg

ކެޔޮދޫގައި ފަޅައި ކެއްކި ވެލާތަކުގެ ބައިތައް -- ފޮޓޯ: ޕޮލިސް

ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި، މީހުން ޖޫރިމަނާ ފައިސާ ދައްކަން އަންގާފައި އޮތް މުއްދަތު ހަމަވިއިރުވެސް އެފައިސާ ދައްކާފައި ނުވާކަމަށް އެންވަޔަރަމަންޓް ޕްރޮޓަކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

މި ކަމުގައި އަމަލީގޮތުން ބައިވެރިވި ފަސް މީހަކާއި އިތުރު ދެ މީހުންނާ އެކު ޖުމްލަ ހަތް މީހެކެވެ. މި ހަތް މީހުންގެ ތެރެއިން ކޮންމެ މީހަކު 198،000 ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

އެމީހުން ޖޫރިމަނާ ކޮށްފައި ވަނީ މިދިޔަ ޖޫން މަހު 20 ވަނަ ދުވަހުގައެވެ. އެ ފައިސާ ދެއްކުމަށް އީޕީއޭއިން ދީފައި ވަނީ ޖޫރިމަނާ ކުރި ދުވަހުން ފެށިގެން 30 ދުވަހެވެ. އެމުއްދަތު މިމަހު 20 ވަނަ ދުވަހު ހަމަވިއިރު އެ ފައިސާ ދައްކާފައި ނުވާ ކަމަށް އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާޙިމް ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ، މި މައްސަލާގައި ހިމެނޭ މީހުންގެ ބަހެއް އަޑުއެހުމަށް ފަހު މި މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށެވެ.
ކެޔޮދޫގައި މިއަހަރުގެ ފެބްރުއަރީ ތިންވަނަ ދުވަހު ވެލާ ފަޅައި ކައްކަނިކޮށް އަތުލައިގަތް މީހުންނަކީ ބ. ކެންދޫ މީހުންނެވެ.

ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގައި ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެއަށް ގޯނާ ކުރުން ވަނީ މަނާކޮށްފައެވެ. އެއީ ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް ވިޔަސް އަދިވެސް ދިވެހިންގެ ތެރޭގައި ވެލާ ހިފައި އެ ކައި ހަދާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ.

ރާއްޖޭގެ ނުވަ އަތޮޅެއްގައި އާދައިގެ ވެލާ ވިހައި، އާލާވާ ކަމަށް ރިކޯޑް ކޮށްފައި ވާއިރު، މި ބާވަތް އެންމެ ގިނައިން ފެންނަނީ ބ، ކ، ތ އަދި ލ. އަތޮޅުންނެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކުން މި ބާވަތުގެ 1،170 ވެލާ ފެނިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top