ދިވެހިން ރަނގަޅަށް ވާހަކަދައްކަން ނޭނގޭ ކުދިން ގިނަ: ރައީސް

305119-aba5e0dd-e-1536x1024-1.jpg

ދިވެހި މުޖުތަމައުގައި އުޅެ ބޮޑެތިވަމުން އަންނަ ބައެއް ކުދިންނަށް ދިވެހިބަހުން ވާހަކަދައްކަން ނޭނގުމަކީ ވަރަށް ފުންކޮށް ވިސްނަންޖެހޭ ގައުމީ މައްސަލައެއް ކަމަށާއި އަޅުގަނޑުމެންގެ ތެރޭގައި މިއޮތީ، ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް އަހުލުވެރިވެފައިވާ މިންވަރާ މެދު ކަންބޮޑުވާންޖެހޭ ހާލަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ލިޔުންތެރިންގެ ގުޅުމުގެ ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށާއި އެ ޖަމިއްޔާގެ 13 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އިސްލާމް ދީނުގެ ހިދާޔަތަށް ފަހުގައި ދިވެހިންނަށް ލިބުނު އެންމެ ބޮޑު ނިއުމަތަކީ ދިވެހިންގެ މާދަރީ ބަސް ކަމަށެވެ. ދިވެހިންގެ އަމިއްލަ ޅެންވެރިކަމާއި ލިޔުންތެރިކަމާއި އަދި ވަކި ފަންނެއްގެ ގޮތުގައި ވާހަކަ ދެއްކުންތެރިކަމާއި ބަހުސްކުރުން ފަދަ ދިވެންނަށް ލިބިފައިވާ އަދަބިއްޔާތުގެ މުއްސަނދިކަން އެމަނިކުފާނު  ބޮޑަށް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ޒަމާނުގެ ދަތުރުގައި އަޅުގަނޑުމެންނާ މިއަދު ބައްދަލުކޮށްފައި މިވަނީ، ދިވެހި ބަހާ މެދު ވަރަށް ފުންކޮށް ވިސްނަންޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ. މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި މުޖުތަމައުގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް އަހުލުވެރިވެފައިވާ މިންވަރާ މެދު ކަންބޮޑުވާން ޖެހޭ ކަމަށެވެ.

”މަދަރުސީ މާހައުލުގައި ވެސް، އަދި އާންމު މުޖްތަމައުގައި ވެސް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ، އަދަބީ ފަންނުތަކަށް ދަރިންގެ ސިކުނޑިތައް ހުޅުވައިދޭ ވެށްޓެއް. ކޮންމެ ބަހަކުން ތަޢުލީމު އުނގެނުނަސް، އެ މީހެއްގެ މާދަރީ ބަހަށް މޮޅުވުމަކީ، އުނގެނެމުންދާ އަނެއް ބަހުގެ މުއްސަނދިކަން ލިބިގަތުމަށް އެޅޭ ވަރަށް ބޮޑު ބާރެއް. ” ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ސޯލިހު ވަނީ އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން، އެ އުމުރުފުރަޔަކާ އެކަށީގެންވާ، އޮއްޓަރު ހުރި ފޮތްތައް ދިވެހި ބަހުން ލިޔެ އާންމު ކުރަމުން ގެންދިއުމަށް އަދީބުންނަށާއި ބަހުގެ އުސްތާޒުންނާ އަދި ލިޔުންތެރިންނަށް އިލްތިމާސް ކުރައްވާފައެވެ. ޚާއްޞަ ކޮށް ކުޑަކުދިން ކިޔަން އެކަށީގެންވާ އޮއްޓަރު ހުރި އިބުރަތްތެރި ދިވެހި ފޮތްތައް، ގިނަ ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ބޭއްވި ވާހަކަ ލިޔުމުގެ މުބާރާތުން 1، 2 އަދި 3 ވަނަ ހޯދި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top