ކުނި މެނޭޖްކުރުމުގެ ރޮނގުން މުޅި ރާއްޖެއަށް ނަމޫނާ ދެއްކުމަށްފަހު މިހާރު އެ ކައުންސިލް އަމާޒު ހިފާފައި ހުރީ މާޅޮހުގައި ސިޓީހޮޓަލެއް އެޅުމަށެވެ. މިކަމާ ގުޅިގެން މާޅޮހު ކައުންސިލްގެ ފަރާތުން އެރަށުގައި ސިޓީ ހޮޓަލެއް އެޅުމަށް މިނިސްޓްރީއޮފް ޓޫރިޒަމާއި މާޅޮހު ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.
މާޅޮހު ކައުންސިލުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.
މާޅޮހުގައި ސިޓީހޮޓަލެއް އެޅުމަށް ކައުންސިލުން އިސްކަންދޭން ނިންމާފައިވަނީ އެރަށުގައި ނަރުދަމާ ނިޒާމް ގާއިމުކޮށްދޭ އަމިއްލަ ފަރާތަކަށް ކަމުގައި މާޅޮހު ކައުންސިލްގައި މިދިޔަ ދައުރު މަސައްކަތް ކުރެއްވި ކައުންސިލަރަކު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މާޅޮހުގައި ސިޓީ ހޮޓަލެއް އެޅުމުގެ ވާހަކައަކީ މިހާރު އުފެދިގެން އުޅޭ ޚިޔާލެއް ނޫންކަމުގައާއި ކައުންސިލުގެ މި ދިޔަ ދައުރުގައިވެސް އެކަމާބެހޭ ގޮތުން ވާހަކަދެކެވި ކޮންމެވެސް ވަރަކަށް މަސައްކަތްވެސް ކުރެވިފައިވާ ކަމެއްކަމުގައެވެ.
މާޅޮހު ކައުންސިލަކީ ހަރަކާތްތެރިކަމާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހި ކޮށްދިނުމުގައި އެހެން ކައުންސިލްތަކަށް ނަމޫނާ ދައްކަމުންދާ ކައުންސިލެކެވެ.
އެކައުންސިލުން ރަށަށް ކޮށްދިނުމަށް ނިންމާފައިވާ ކަންކަމާބެހޭ ގޮތުން މަޝްވަރާކުރުމަށާ އެކަންކަމަށް މަގު ފަހިކުރުމުގެ ގޮތުން އެލްޖީއޭ އަށާއި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކަށް ވެސް ވަރަށް ފަހުން ވަނީ ޒިޔާރަތްކޮށްފައެވެ. މިކަމުގެ ރަނގަޅު ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެކަމަށް އެކައުންސިލުން އުއްމީދު ކުރެއެވެ.