މޯލްޑިވިއަން އިން ދަރަވަންދުއަށް އަލުން ދަތުރުތައް ފަށައިފި

367694_3_e5095d39682c710549cd766fc8a18e9d4cae1c9e_large.jpg

ހަތަރު އަހަރު ފަހުން ބ. ދަރަވަންދުއަށް ބޭއްވި ފުރަތަމަ ފްލައިޓުން ދަތުރުކުރި ބައެއް ފަސިންޖަރުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުޑަރަސްމިއްޔާތަކާ އެކު ހަތަރު އަހަރަށް ފަހު ގައުމީ އެއާލައިން، މޯލްޑިވިއަން އިން ދަރަވަންދުއަށް ދަތުރުތައް ފަށައިފި އެވެ.

މޯލްޑިވިއަން އިން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް މާލެއިން ދަރަވަންދުއަށް އަދި އެ ރަށުން މާލެއަށް އެއް ފްލައިޓް ބާއްވާނެ ކަމަށެވެ. މި ދަތުރުތައް ފެށީ ވެސް ހާއްސަ ފެއާއެއްގައި، ކޮޅަކަށް 849ރ. އަށެވެ.

މޯލްޑިވިއަންގެ ސީއޯއޯ އިބްރާހިމް އިޔާސް ވިދާޅުވީ ދަރަވަންދުއަށް އަލުން ދަތުރުތައް ފެށުމާ އެކު ބ. އަތޮޅުގެ ރައްޔިތުންނާއި މި އަތޮޅުގައި ހިންގާ ރިސޯޓުތަކަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ. އަދި ޑިމާންޑް އޮތް މިންވަރަކުން ފްލައިޓްތައް އިތުރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެން ވިސްނާފައި އޮތީ މި އަހަރު ނިމެންވާއިރަށް ދުވާލަކު ތިން ފްލައިޓް މި ރަށަށް ބާއްވަން. ތަރުހީބު ލިބޭ ވަރަކުން ދަތުރުތައް އިތުރުކުރާނަން،” އޭނާ ވިދާޅުވި އެވެ.

ދަރަވަންދުއަށް އަލުން ދަތުރުތައް ފެށިއިރުގައި މޯލްޑިވިއަން އިން އޮޕަރޭޓްކުރަމުން އަންނަ ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓް ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައިވާ ކަން ގަބޫލުކުރައްވާ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް އެއާޕޯޓް ހެދި ކުންފުންޏާ އެކު މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އިޔާސް ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ދަރަަވަންދުއަށް ކުރިން ކުރި ދަތުރުތައް 2019 ވަނަ އަހަރު މެދުކަނޑާލީ މަންތާ އެއާގެ ދަތުރުތައް މި ރަށަށް ފެށުމާ އެކު އެވެ.

ދަރަވަންދޫ އެއާޕޯޓަކީ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ތެރެއިން އެންމެ ބާރުބޮޑު އެއް އެއާޕޯޓެވެ. މޯލްޑިވިއަންގެ އިތުރުން މަންތާ އެއާ އަދި ވިލާ އެއާގެ ފްލައިޓްތައް ވެސް ކޮންމެ ދުވަހަކު މި ރަށަށް ދަތުރުކުރެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top