ބ. ހިތާދޫ ބަނދަރުގެ ބޭރުތޮށި ލުމާއި އެއްގަމުތޮށި ލުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްކަމަށް މި މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސި އިން ބުނެފި އެވެ.
އެކުންފުނިން ބުނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 14,929 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 4,101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ.
އަދި 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުން ހިމެނެއެވެ.
މީގެ އިތުރުން ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯމެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއަށް މި މަސައްކަތް ހަވާލުކުރީ 19.80 މިލިއަން ރުފިޔާ އަށެވެ.