ސިއްހީ ޚިދުމަތްތެރިންގެ މުސާރަތައް ވަރަށް ބޮޑުކޮށްފި

big_GmEJ33mJth71ojIrYPSL3PLcw.jpg

މާދަމާއިން ފެށިގެން ސިއްހީ ޚިދުމަތްތެރިންގެ މުސާރަ ވަރަށް ބޮޑުކުރަން ނިންމަވައި އެކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފި އެވެ.

ރައީސް ސޯލިހު މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މިހާރު ސީނިއާ ނަރުހަކަކަށް އެވްރެޖްކޮށް ލިބެނީ -/20490 ރުފިޔާ ކަމަށާއި ނަމަވެސް ދެން އިތުރު ގަޑި ނުހިމަނާ ސީނިއާ ނަރުހެއްގެ މުސާރަ -/29271 ރުފިޔާ އަށް ބޮޑުވާނެ ކަމަށެވެ.

އަދި ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ މިހާރުވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި -/41976 ރުފިޔާ އަށް މަތިކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.

މެޑިކަލް ޕްރެކްޓިޝަނަރުންނަށް ވެސް، ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހަރުފަތްތައް ތައާރަފުކޮށް، ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރު ވަނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާ ކަނޑައަޅާފައެވެ.

ރައީސް ސޯލިހް ވިދާޅުވީ މެއި އެއްވަނަ ދުވަހުން ފެށިގެން ސޯޝަލް ސާވިސް ދާއިރާގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. ސޯޝަލް ވޯކަރަކަށް -/12944 ރުފިޔާ ލިބުނު ނަމަވެސް ދެން ލިބޭނީ /21585 ރުފިޔާ ކަމަށް ވިދާޅުވިއެވެ.

މިބަދަލުގެ ހެޔޮ އަސަރު 9838 މުވައްޒަފުންނަށް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުސާރައަށް ގެނައި ބަދަލާއިއެކު ދައުލަތުގެ ބަޖެޓުން އިތުރު 482 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭނެ ކަމަށެވެ.

މުސާރައަށް ގެންނަ ބަދަލުގެ އިތުރު ތަފްސީލްތައް ކަމާބެހޭ ވަޒީރުން މިރޭގެ ވަގުތެއްގައި ރައްޔިތުންނާއި ހިއްސާކުރާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް ވެސް، މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އެލަވަންސް ލިބެމުން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތެއް ކަމަށެވެ. “މި މަސައްކަތް ނިމޭއިރު، ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ. ޕޭ ހާމަނައިޒް ކުރުމުގެ މި މަސައްކަތުގެ ތެރޭގައި، ޝަރުޢީ ދާއިރާއާއި ސަލާމަތީ ޚިދުމަތްތަކާއި އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް، ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުއްމީދަކީ ސިއްހީ ދާއިރާއަށް ގެންނަ މިފަދަ ބަދަލުތަކުގެ ސަބަބުން، މި ދާއިރާއަށް ޝައުގުވެރިވާ ދިވެހިންގެ ޢަދަދު އިތުރުވެގެން ދިޔުން ކަމަށެވެ. އަދި ސިއްހީ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top