މި ހިނގާ އޭޕްރީލް މަހާއި މެއި މަހަކީ މިއަހަރުގެ އެންމެ ހޫނުގަދަ ދެމަސް ކަމަށްވާތީ ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި ކަރަންޓު އިސްރާފު ވިޔަނުދިނުމަށް ސްޓެލްކޯއިން މިއަދު އިލްތިމާސްކޮށްފި އެވެ.
ސްޓެލްކޯއިން މިއަދު މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ބުނީ މިހާރު މި ހިނގަނީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރަށް ވާތީ ކަރަންޓް ބޭނުން ކުރުމުގައި ސަމާލުކަން ދޭން އެދޭ ކަމަށެވެ. އަދި ކޮންމެ އަހަރެއްގެ އޭޕްރީލް އާއި މެއި މަހަކީ އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްތަކަށް ވާތީ މި ދުވަސްވަރު ކަރަންޓު އިގުތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް އެ މެސެޖްގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ރޯދަ މަސް ކަމުން ވެސް ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އޭގެ އިތުރުން ކަރަންޓު އިސްރާފުވިޔަ ނުދީ، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުންކުރުމަށް ވެސް އެކުންފުނިން އެދެއެވެ.
ކޮންމެ އަހަރެއްގެ ވެސް ހޫނު ގަދަ ދުވަސްވަރު ކަރަންޓު ބިލް ވަރަށް ބޮޑުވެ އެވެ. ބައެއް ފަހަރު، ގޭގޭގެ ކަރަންޓު ބިލް ދެ ގުނަ ވެސް ބޮޑުވެފައި އެބަހުއްޓެވެ. އެހެންވެ، އެކަމުގެ ޝަކުވާތައް މި ދުވަސްވަރު ބޮޑުވެ އެވެ.
ކަރަންޓު ބިލު ބޮޑުވުމަށް އޮތް ހަމައެކަނި ހައްލެއްގެ ގޮތުގައި ކަރަންޓާއި ހަކަތައާ ބެހޭ ހުރިހާ އިދާރާއަކުން ވެސް ފާހަގަކޮށްފައިވަނީ ބޭކާރު ގޮތުގައި ބޭނުން ކުރާ ކަރަންޓުގެ މިންވަރު ދަށް ކުރުމެވެ. އެގޮތުން، އޭސީ 16ގައި ބެހެއްޓުމުގެ ބަދަލުގައި 25 ގައި ބެހެއްޓުމާއި މީގެ ސަބަބުން ހަކަތަ ބޭނުންކުރެވޭވަރު %10 މަދުވެގެންދާނެ ކަމަށާއި ބޭނުންކޮށް ނިމުމުން ސްވިޗުތައް އޮފް ކުރުމާއި އޭސީ ކޮށްފައި ހުންނަ ކޮޓަރިތަކުގެ ކުޑަ ދޮރުތައް ހުޅުވާފައި ނުބެހެއްޓުން ހިމެނެ އެވެ. އަަދި ގަވާއިދުން އޭސީ ސާރވިސްކޮށް، ސާފުތާހިރު ކަމާއެކު ބަލަހައްޓައި، އޭސީ ގެ ފިލްޓަރުތައް ގަވާއިދުން ސާފު ކުރުމަކީވެސް ކަރަންޓު ބިލު ކުޑަކުރެވިދާނެ ގޮތެއްކަމަށް ބުނެފައިވެއެވެ. ގިނަގިނައިން އޭސީ ނިވަނިވާފައި ނުޖެއްސުމާއި 15 މިނިޓަށްވުރެ މަދު ވަގުތަކަށް ބޭރަށް ދާނަމަ، މި ވަގުތުކޮޅު ތެރޭގައި އޭސީ ޖައްސާފައި ބެހެއްޓުން މާ ރަނގަޅުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.