ކަރަންޓާއި ގޭހުގެ އަގުބޮޑުކުރުމުގެ ވިސްނުމެއް ނެތް: ވަޒީރުން

original_1775565206165.jpg

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލާއި ގޭހުގެ އަގުތަކަށް ބަދަލު އަންނަމުން ދިޔަނަމަވެސް އެ ބާވަތްތަކުގެ އަގުތައް ބޮޑުކުރުމުގެ ވިސްނުމެއް ނެތްކަމަށް ސަރުކާރުން ބުނެފިއެވެ.

މި އަހަރު ތެރޭގައި، އެސްޓީއޯގެ ސަބްސިޑަރީ މޯލްޑިވް ގޭސްއިން ދެ ފަހަރެއްގެ މަތިން ގޭސް ކޮންޓްރޯލް ކޮށްގެން ވިއްކައިފައިވެއެވެ. އަދި ގިނަ ބަޔަކަށް މަދުން ގޭސް ލިބުމާއި، ގޭސް ލިބުން ލަސްވުމުގެ ޝަކުވާތައް ފާއިތުވި މަސްތަކުގައި އިތުރުވެފައިވެއެވެ.

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވިލާ ގޭހުގެ އަގު ބޮޑުކުރަން ވަނީ ނިންމާފައެވެ.

މެދުއިރުމަތީގެ މަޝްރަހާ ގުޅިގެން ކަރަންޓް އަދި ގޭހުގެ އަގުބޮޑުވެދާނެތޯ ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރުންގެ ޚާއްސަ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކަމާބެހޭ ދާއިރާތަކުގެ ވަޒީރުން ވަނީ ކަރަންޓާއި ގޭހުގެ އަގު ބޮޑުކުރަން ސަރުކާރުން ނިންމާފައިނުވާކަމަށް ވިދާޅުވެފައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވީ، ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގުތަކަށް ބަދަލު އަންނަމުންދިޔަ ނަމަވެސް ގޭބިސީތަކަށް ދެމުން އަންނަ ކަރަންޓްގެ އަގު ބޮޑުކުރަން ވިސްނާފައި ނުވާކަމަށެވެ. ތާރިގް ވިދާޅުވީ، ގޭބިސީތަކުގެ ކަރަންޓް ޓެރިފް ރޭޓަށް ބަދަލު ގެނައުމާ ގުޅޭގޮތުން އެއްވެސް ގޮތަކަށް ވާހަކަ ދެކެވެމުން ނުދާކަމަށެވެ. ގޭބިސީތަކަށް ކަނޑައަޅާފައިވާ ޓެރިފަކީ، ވަރަށް ބޮޑަށް ސަބްސިޑައިޒް ކޮށްގެން ދެމުން އަންނަ ރޭޓެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ގޭސް އަގުބޮޑުވުމުން އެކަމާ ގުޅޭ ފަރާތްތަކާއެކު މިހާރުވެސް މަސްވަރާތައް ކުރިއަށްދާކަމަށެވެ. އެގޮތުން ކައްކާ ގޭހުގެ ޝިޕްމަންޓެއް މިރޭވެސް ލިބޭނޭކަން ފާހަގަކުރއްވަމުން ވަޒީރު ވިދާޅުވީ، ގޭހުގެ އަގުތަކާ ގުޅޭގޮތުން ރައްޔިތުންނަށް އަގުބޮޑު ނުވާގޮތެއްގައި އިންތިޒާމުތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން އެސްޓީއޯއާއެކު ބައްދަލުވުންތައް ބާއްވަމުން ދާކަމަށެވެ.

ބާޒާރުގައި ގޭހުގެ އަގު ބޮޑުވިނަމަވެސް ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނަށް ލުއިފަސޭހަވާނޭ ގޮތަކަށްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އަގު ބޮޑުވާކަށް ހަމަ ކިރިޔާވެސް ފުރުސަތެއް އޮތިއްޔާ އެކަމަކަށް ފުރުސަތެއް ނުދޭނަން – މިނިސްޓަރު ސައީދު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުން އަންނަކަމަށް ވިދާޅުވެ، 164 ބާވަތެއްގެ މުދަލުގެ ސަޕްލައިގެ ކަންކަން ޚާއްސަ އިސްކަމެއް ދެއްވައިގެން ބަލަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރުމަށް އެކި ފަރާތްތަކާއެކު މިހާރުވެސް ކަމާ ގުޅުންހުރި މުއާމަލާތްތައް ކުރަމުން އަންނަކަމަށާއި ކުރަމުންގެންދާ މަސައްކަތްތައް ކާމިޔާބުކަމަށްވެސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top