ރާއްޖޭގައި ސިމެންތީގެ އަގު ވަރަށް ބޮޑުވުމަށް ފަހު، ކުރިއަށް ވުރެން ދަށަށް ދާން ފަށައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ވިލާ ކުންފުނިން މާލެއަށް ސިމެންތި ބަސްތާއެއް ޑެލިވަރީކޮށްދޭ އަގު ވަނީ 200 ރުފިޔާއަށް ކުޑަކޮށްފައެވެ.
ވިލާ ކުންފުނިން ވިއްކާ ސިމެންތި ތިލަފުށިން ގަންނަނަމަ މިހާރު ބަސްތާއެއްގެ އަގަކީ 184 ރުފިޔާއެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ސިމެންތި ބަސްތާއެއް 129 ރުފިޔާއަށް ވިއްކަން ކަނޑައަޅާފައިވީ ނަމަވެސް، އެ ކުންފުނިން ބުނެފައިވަނީ އާ އޯޑަރުތައް ނެގޭނީ ފަސް ދުވަސް ފަހުން ކަމަށެވެ. އެހެންކަމުން މި ވަގުތު އެސްޓީއޯއިން އޯޑަރެއް ނުނަގައެވެ.
ސިމެންތީގެ އަގު ދަށް ވާން ފަށާފައިވާއިރު، މި މަހުގެ އެއްވަނަ ދުވަހު މާލޭގެ ބާޒާރުގައި ސިމެންތި ބަސްތާއެއްގެ އަގު ހުރީ 300 ރުފިޔާއަށްވުރެ މަތީގައެވެ. އާންމުކޮށް 140 ރުފިޔާއާއި 160 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކަމުންދިޔަ ސިމެންތި ބަސްތާއެއްގެ އަގު ނިމިދިޔަ މާޗު މަހު 250 ރުފިޔާއަށް އެރުމަށްފަހު، ވިލާއިން މާލެއަށް ޑެލިވަރީކޮށްދޭ އަގު 313 ރުފިޔާއަށް އަދި ތިލަފުށިން ވިއްކާ އަގު 302 ރުފިޔާއަށް އުފުލުނެވެ. އެ ދުވަސްވަރު އެސްޓީއޯއިން ސިމެންތި ލިބޭކަށް ނެތެވެ.
ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި ސިމެންތީގެ އަގު ކުއްލިއަކަށް އުފުލެން ދިމާވީ ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން މުދާ އުފުލާ އުޅަނދުފަހަރުގެ ފްރައިޓް ކޯސްޓް ބޮޑުވުމާ ގުޅިގެންނެވެ. ސަޕްލައި ޗޭންއަށް އައި މި ބަދަލުތަކުގެ އަސަރު އެހެން ބާވަތްތަކަށްވެސް ކުރިއެވެ.






