ތުޅާދޫގައި ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަނީ

big_K0yMLvvKo6352LUJRrCd5fNbA.png

ބ.ތުޅާދޫ ހޮސްޕިޓަލް

ބ.ތުޅާދޫ ހިމެނޭހެން ތިން ރަށެއްގައި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފަށައިފި އެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަޅަން ނިންމާފައިވާ މި ތިންހޮސްޕިޓަލް އާބެހޭ މަސައްކަތް ކުރާނޭ ގޮތުގެ މާބޮޑު ތަފްސީލު މައުލޫމާތު ތަކެއް ކަމާ ގުޅޭ އިދާރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.

ތުޅާދޫގައި އަޅާ ހޮސްޕިޓަލުގެ އިތުރުން ހޮޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ ހއ. ހޯރަފުއްޓާއި ރ. މީދޫ އަށެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ހޯރަފުށި ހޮސްޕިޓަލް އެޅުމަށް ފަސްލައްކަ ރުފިޔާ ހިމަނާފައިވާއިރު ތުޅާދޫ ހޮސްޕިޓަލް އެޅުމަށް ހިމަނާފައިވަނީ 4.4 މިލިއަން ރުފިޔާ އެވެ. އަދި މީދޫ ހޮސްޕިޓަލް އެޅުމަށް ހަ މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، 31ޖުލައި 2019ގައި ބ.އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް އޭދަފުށީގައި ބޭއްވި ޚާއްސަ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން ބ.އަތޮޅު ހޮސްޕިޓަލްގެ އާއިމާރާތް އެ އަހަރުގެ ތެރޭގައި އަޅައި އަންނަ އަހަރު ޚިދުމަތް ދޭނެ ކަމަށް ވިދާޅުވިއެވެ.

އޭގެ ފަހުން ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ބ. އޭދަފުއްޓާއި ދ. ކުޑަހުވަދޫ އަދި ހއ.ދިއްދޫ ގައި އަޅާ ހޮސްޕިޓަލްގެ އާ އިމާރާތް ހުންނާނެ ގޮތުގެ ރީތި ކުރެހުންތަކެއް އާއްމުކުރީ ފެބްރުއަރީ 27، 2020 ގައި ހެލްތު މިނިސްޓަރަކަށް އަބްދުﷲ އަމީން ހުންނެވިި އިރު ބޭއްވި ބޮޑު ރަސްމިއްޔާތެއްގަ އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް މި އަހަރުގެ އެޕްރީލް 26ވަނަ ދުވަހު ވިދާޅުވީ އޭދަފުށީގައި އަލަށް އިމާރާތް ކުރަން ހަމަޖެހިފައިވާ ބ.އަތޮޅު ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވެގެން ދަނީ ހޮސްޕިޓަލް ޑިޒަިއިން ކުރަން ހަވާލު ކޮށްފައިވާ “ރިޔަން ޕްރައިވެޓް ލިމިޓެޑް” އިން އެމަސައްކަތް ނުނިންމާތީ ކަމަށެވެ.

މި ހޮސްޕިޓަލްތަކުގެ މަސައްކަތް ތަކަކީ ފައިސާ ވެސް ލިބިފައިވާ މަސައްކަތްތަކެއް ކަމަށާއި، މިހާ ބޮޑު ލަސްވުމެއް ޑިޒައިނިން މަސައްކަތްތަކަށް އައުމުން އެއީ ވަރަށް ދެރަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެެވެ.

މި ހޮސްޕިޓަލު ތަކުގެ ވާހަކަ މުޅިން ހުއްޓާލުމަށްފަހު މިއަދު މިވަނީ 12 ރަށެއްގައި ޒަމާނީ ހޮސްޕިޓަލްތަކެއް އެޅުމަށް ނިންމައި އެރަށްރަށް އިއުލާންކޮށްފަ އެވެ. މީގެތެރޭގައި ހިމެނެނީ ހއ. އިހަވަންދޫ، ހއ. ހޯރަފުށި، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ނ. ކެނދިކުޅުދޫ، ބ. ތުޅާދޫ، ފ. ނިލަންދޫ، ތ. ވިލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލީ އަދި ގދ. ގައްދޫ އެވެ.

މި ހުރިހާ ރަށެއްގައި ވެސް ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް އެއްވެސް ރަށެއްގައި އަމަލީ މަސައްކަތް އަދި ފަށާފައެއް ނުވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top