ގަދަމީހުން: ޒާކިރު އަތުނުވާ ހިސާބުގައި

މެއިން-1.jpg

ހެނދުނު އަށެއް ޖަހަން އިރުކޮޅަކަށް ވެފައި ހުއްޓާ ސައިކަލަށް ޕެޓްރޯލް އަޅަން ޕެޓްރޯލް ޝެޑަށް ދިޔައިރު އޭނާ ހުރީ ޖެޓީ އާއި ކައިރިކޮށްފައި އޮތް ބޮޑު ލޯންޗަކަށް ޕެޓްރޯލް އަޅާށެވެ. އަހަންނަށް ބަލާލާފައި އަތުގެ އިޝާރާތުން މަޑުކޮށްލަން އެދުނެވެ. އެމަސައްކަތުން ނިމިގެން އައިސް އަހަރެންގެ ސައިކަލަށް ޕެޓްރޯލް އަޅައިދޭން ފެށި އެވެ. އަހާލީމެވެ. ޝެޑް ގެ މީހުން އަދި ނާންނަނީ ދޯއެވެ.

”ގަޑިޖެހެން އެންމެ ސިކުންތެއް ހުއްޓަސް ނާންނާނެ.“ އޭނާގެ ހާޒިރު ޖަވާބުން ހީވީ އެސުވާލު އަހާނެކަން އެނގޭތީ ޖަވާބު ދޭން ތައްޔާރަށް ހުރިހެންނެވެ. އެކަމަކު އޭނާ އެހެރީ ގަޑިޖެހުމުގެ މާކުރިން ހާޒިރު ވެގެންނެވެ.

ދިހައެއް ޖަހާކަށް ހާއިރު ދެން އޭނާ ފެނުނީ ނިޔާމަ ބޯޓުން މުދާ ބޭލުމުގެ މަސައްކަތުގައި ފަޅުވެރިންނާއެކު ކޮނޑަށް ފޮށިގަނޑުތަކެއް އަރުވައިގެން އުޅެނިކޮށެވެ. އެކަން ކުރަމުން ދިޔައިރު ބޯޓުން ބާލާ މުދަލުގެ ހިސާބު ކިތާބުވެސް ގެންދިޔައީ ބަލަހައްޓަމުންނެވެ. މެންދުރުވާން ކައިރިިވެފައި ހުއްޓާ ދެން ފެނުނީ ޕިކަޕެއްގައި މުދާތަކެއް ލޯޑުކޮށްގެން ރަށުތެރޭގައި ޑެލިވަރީގައި އުޅޭ ތަނެވެ. ހަމަ އެކަންޏެވެ. އެކަމަކު ހަވީރު ފެނުނީ ރައްޓެހިން ތަކަކާއި އެކު ކެފޭއެއްގެ ތެރޭގައި ނިކަން މަޖާވެލާފައި އިން ތަނެވެ. މިއީ ތަފާތު ހަތަރު އެންގަލަކުން އެންމެ ދުވަހެއްގެ ހަތަރު ދަންފަޅީގައި އެންމެ މީހަކު ފެނުނު ގޮތެވެ. ކޮންމެ ދުވަހެއްގެވެސް އާދައެވެ. ފަތިހު ހޭލާ ގޮތަށް ރޭގަނޑު އެކެއް ޖަހަންދެން އޭނާ އުޅޭނީ ސޯބެއް އެނބުރޭހެން މަސައްކަތުގައި އަވަދިނެތި އެވެ. މުރާލި ކަމުގެ އިންތިހާއެވެ.

މިދައްކަނީ އޭދަފުށީގެ ޒުވާން ވިޔަފާރިވެރިޔާ ޒާކިރު ހުސެންގެ ވާހަކަ އެވެ.

ޒާކިރަކީ އޭދަފުށި ރައްޔިތުންގެ މެދުގައި ޚާއްސަ ނަމެކެވެ. އިހްތިރާމް ކުރެވޭ ވިޔަފާރިވެރިއެކެވެ. އެންމެންގެ ވެސް ގާތް އެކުވެރި އެކެވެ. ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ދީލަތި އަތެއްގެ ވެރިއެއް މެއެވެ. މީހުންގެ މެދުގައި އެހާ މަގުބޫލެވެގެން ދިޔައީ މިހެންވެ ކަމަށް ވެދާނެ އެވެ.

ޒާކިރުގެ ވިޔަފާރީގެ މާޒީއާއި މިހާރަށް ބަލައިލާއިރު އެނގިގެން ދަނީ އޭނާ ވިޔަފާރި ކުރަމުން ގެންދަނީ އެންމެ ނިކަމެތި މީހާގެ ބޭނުންތަކާ އެންމެ މުއްސަނދި މީހާގެ ބޭނުންތަކަށް ވިސްނައިގެން ވަަކި ޕްލޭނެއްގެ ދަށުން ރޭވުން ތެރިކަމާއެކު ކަމެވެ.

ހަގީގަތުގައި އޭދަފުއްޓަށް ތަފާތު ވައްތަރުގެ ޒަމާނީ ވިޔަފާރިއާއި އޭގެ ވައްްޓަފާޅި ބަދަލުކޮށްލީ ޒާކިރު އެވެ. އެއީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ. އޭދަފުއްޓަށް ގާމެންޓް ވިޔަފާރި ތައާރަފްކޮށް ވައިޓް ވޯލްގެ ނަމުގައި އެންމެ ފުރަތަމަ ފިހާރައެއް ހުޅުވީ ޒާކިރެވެ. އޭދަފުށީގައި ހާޑްވެއަރ ވިޔަފާރި ކުރިން ކޮންމެވެސް ވަރަކަށް ފެށިފައި އޮތަސް އަސްލު ވައިޑް ރޭންޖެއްގައި އެ ވިޔަފާރި ހިންގަން ފެށީ އޭނާ އެވެ. އިލެކްޓްރޯނިކް ވިޔަފާރިއާއި ގެދޮރު ޒީނަތްތެރި ކުރުމަށް ބޭނުންވާ ސާމާނު ތައާރަފް ކޮށްދިނީ އޭނާ އެވެ. އޭދަފުށީގައި އިންޓަނޭޝަނަލް ފެންވަރުގެ ޕެޓްރޯލް ޝެޑެއް ހަދައި ޑިޖިޓަލް ކޮށް އެޚިދުމަތް ދޭން ފެށީ އޭނާ އެވެ. އަދި ބުނަން ހެއްޔެވެ. 3500 އަށް ވުރެ ބޮޑު އާބާދީއެއް އޮތް އޭދަފުއްޓަށް ކައްކާ ގޭސް ފޯރުކޮށްދެނީ ވެސް އޭނާއެވެ. އެހެންވީމާ އޭނާއަކީ ޒުވާނުންގެ ބަހުރުވައިން ބުނާނަމަ އޭދަފުށީގެ ހަމައެކަނި ”މޭން “އެވެ. މަސައްކަތެއް ނެތި ދެއަތް އުރާލައިގެން ހުންނަ ތަނެއް ނުފެންނާނެ އެވެ. ވަރަށް މަދުން ނޫނީ ހުންނާނީ ”ޗަންޕާ ސްޓައިލް“ގައި ޝޯޓް ބުރިއަކާ ޓީޝާޓަކާ ލައިގެން ކޮންމެވެސް މަސައްކަތެއްގައެވެ.

އެ ދިރިއުޅުމަށް އޭނާ ހުރީ ހޭނިފަ އެވެ. އެންމެ ފަތިހު ހޭލައި އެންމެ ލަހުން ނިދުމުގެ އާދަ އެވެ. އަމިއްލަ މަސައްކަތް އަމިއްލައަށް ކުރުމުގެ އާދަ އެވެ. މުވައްޒަފުން ގެންގުޅުނު ކަމަށް ވިޔަސް އޭނާ ދެކެނީ އޮފީހުގައި އިނދެގެން މުވައްޒަފުން ލައްވާ ކަންކަން ކުރުވުމަށްވުރެ ސީދާ އޭނާ ހުރެގެން ޚިދުމަތް ދިނުމަކީ ވިޔަފާރި ކުރާ ތަނާއި ވިޔަފާރިއާމެދު ކަސްޓަމަރު ދައްކާ ވާހަކަ އަޑުއަހާލަން ލިބޭ ފުރުސަތެއްގެ ގޮތުގައެވެ. ރަނގަޅު ކުރަން ޖެހޭ ކަންތައް ތަކާއި ގޯސްކޮށް ހިނގާ ކަންތައްތައް އެނގޭނީ ވެސް އޭރުން ތާއެވެ. އެ އާދައިގެ ސަބަބުން އޭނާގެ 25 އަހަރުގެ ވިޔަފާރި ފެންނަނީ ރަނގަޅު މިސްރާބުގައި ދަތުރު ކުރާ ރަނގަޅު ކުރިމަގެއް ވެސް އޮތް ވިޔަފާރި އެއްގެ ގޮތުގައެވެ. ރިސްކު ނަގައިގެން ބުރަ މަސައްކަތުންނެވެ. އޭނާގެ ބަހުންނަމަ ”ނޯ ރިސްކް ނޯގޭމް“ އެވެ.

ވިޔަފާރި އާއިލާއަކަށް ނިސްބަތްނުވާ މީހަކު ވިޔަފާރީގެ ތެރެއަށް ވަނުމަކީ އާއްމުކަމެއް ނޫނެވެ. އެކަމުގެ ތަޖުރިބާ އެއްނެތް ހާލު ކުރިއަށް ދާނެ މަގު ދައްކައިދޭކަށްވެސް މީހަކު ނުހުންނާނެ އެވެ. އެކަމަކު ބެންކޮކް ވިޔަފާރި ރާއްޖޭގައި އެންމެ ގަދަކޮށް އޮތް ދުވަސްވަރު ޒުވާން ޒާކިރު އޭދަފުށީގައި އޭނާގެ ވައިޓްވޯލް ތައާރަފް ކޮށްދިނީ ހިތްވަރެއް ހުރެގެންތާއެވެ. ކީއްވެގެން ކިހިނެއް ޚިޔާރުކުރި ކަމެއް ހެއްޔެވެ.

”ކުށް ހީއެއް ތިޔައީ. އަހަރެން ވިހެއީ ވިޔަފާރީގެ ތެރެއަށް. ތަންދޮރު ދަންނަން ފެށިއިރުވެސް އަހަރެންގެ ކުރިމަތީގައި ފެންނަން ހުންނަނީ ވިޔަފާރި މުދާ. އެހެންވީމާ ވިޔަފާރީގެ ޝައުގުވެރިކަން އެންމެ ކުޑައިރުވެސް ހުރޭ. “

ޒާކިރު އެ އިޝާރާތް ކުރަނީ އޭނާގެ ބޮޑުބޭބެ އިދްރީސް މަހުމޫދުގެ ފުއްކަފަ އިސްޓޯރަށެވެ. އުޅެބޮޑުވީ އެތަނުގައެވެ.

ވިޔަފާރީގައި ހިތްވަރާއި އެރޮނގުން ކުރިއަށް ދިއުމަށް ބާރު އަޅައިދިން މީހަކީ ދަރިއެއް ފަދައިން އޭނާއާމެދު މިއަދުވެސް ދެކެމުން އަންނަ ބޮޑުބޭބެ އެވެ.

މިއީ އޭގެ އެތައް އަހަރެއް ފަހެވެ. ވައިޓް ވޯލް އިން ފެށި ވިޔަފާރި އެތައް ގުނައެއް މައްޗަށް ޖެހިލައިފި އެވެ. ކުރިންވެސް ބުނިހެން އޭނާ ވިޔަފާރި ކުރަނީ ރައްޔިތުންގެ ބޭނުންތަކަށް ބަލައިގެންނެވެ. ބޮޑު ފައިދާއެއް ހޯދުމުގެ ބަދަލުގައި މީހުންގެ  ބޭނުންތަކަށް އިސްކަން ދީގެންނެވެ. މަސްވެރިކަމުން ފެށިގެން ދަނޑުވެރިކަމާ ހަމައަށެވެ. އާދައިގެ ސްޕީޑް ލޯންޗުން ފެށިގެން ބޮޑެތި މަސްއޮޑި ފަހަރާ ހަމައަށެވެ. ބޮޑެތި އިމާރާތްތައް އެޅުމަށް ބޭނުންވާ ތަކެތިން ފެށިގެން ގޭގެއަށް ބޭނުންވާ ފަރުނީޗަރު ތަކާ ހަމައަށެވެ. މިލިސްޓު ނިމުނީއެއް ނޫނެވެ. އެންމެ ފަހުން މި ޗެއިނަށް އިތުރުވީ މުޅި އަތޮޅަށް ބޭނުންވާ ވަރަށް ތެޔޮ ވިއްކުމެވެ. މިހުރިހާ ދާއިރާ އަކަށް ބޭނުންވާ ތަކެއްޗާއި ސްޕެއަރ ޕާޓްސް ގެނެސް ވިއްކަމުން ގެންދާ އިރު އެހެން ވިޔަފާރިވެރިން، މަދު ބަޔަކު ބޭނުންވާތީ ނުގެނެސް ދޫކޮށްލާފައި ހުންނަ ތަކެއްޗާއި ޒަރޫރީ ގޮތުން ބޭނުންވާ ތަކެތި ގެނައުމަށް އިސްކަން ދެއެވެ.

”ފަސް ގައުމަކުން މުދާ ގެންނަން. ބޭނުންވަނީ މިތަނަށް އަންނަ މީހުން ނިކަން އުފަލުން ވިޔަފާރި ކޮށްލައިގެން ދިއުން.“ އެހެން ބުނަމުން ދިޔައިރުވެސް އޭނާ ހުރީ ކަސްޓަމަރަކާ މުއާމަލާތު ކުރުމުގަ އެވެ.

ތަފާތަކީ ޒާކިރުގެ މައިގަނޑު ވިޔަފާރިތައް ހުންނަނީ އަވަށާ ދުރުގައެވެ. ބަނދަރުގެ އިރުމަތީކޮޅުގައި އޭނާ ކުއްޔަށް ހިފައިގެން ދެބުރިއަށް އިމާރާތް ކޮށްފައި ހުންނަ ބޮޑު ތިން ހަތަރު ގުދަނުގައެވެ. ތަފާތަކި އެބޮޑު ސިންގާ ފިހާރައިގާ އިތުރު މީހަކު ނުގެންގުޅުމެވެ. ތަފާތަކީ އެ ބޮޑު އިންވެސްޓްމެންޓް، އެހުންނަނީ ބަންދު ގދަނެއްކަހަލަ ތަނެއްގައި ކަމަށްވިޔަސް އެކަމުގެ ކަންބޮޑުވުމެއް ނެތް ކަމެވެ. ތަފާތު ވައްތަރުގެ މުދަލުން އެބޮޑު އިމާރާތުގެ ތިރި އާއި މަތި ފުރި ބަރާވެފައިވާ އިރު އެތަނުން ތަކެތި ގަންނަން ކޮންމެ ކޮންމެ ކޮންމެ މީހަކަށް ދިއުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ކީއްވެގެން ހެއްޔެވެ. ރަށު ތެރެއިން އެކަހެރިވެ މީހުން ދިރިއުޅޭ ހިސާބާއި ދުރުގައި މިހާ ބޮޑުކޮށް ވިޔަފާރި ކުރަމުން އެ ގެންދަނީ ކީއްވެގެން ބާއެވެ. އަނެއްކާވެސް ހާޒިރު ޖަވާބެކެވެ. ”އަހަރެން ބޭނުންވާ ވަރުގެ ބޮޑު ތަނެއް ނުލިބިގެން އަދިވެސް މިއުޅެނީ. ބޭނުންވަނީ މަދުވެގެން 100 ފޫޓު 100  ފޫޓުގެ ތަނެއް. އެވަރުގެ ތަނެއް ހަމަ ލިބުނީ އެތަނަށް ޝިފްޓު ވާނަން.“

ދެން އުފެދޭ ސުވާލަކީ އެތަނުގައި ވިއްކަން ހުންނަ މުދާ އިޝްތިހާރުކޮށް ކުޑަމިނުން މި ޒަމާނުގެ ގޮތަށް ވައިބަރު ގުރޫޕެއްވެސް ނުހަދައި ކުރުކޮށް ބުނާނަމަ އެއެއްޗެތި ވިއްކަން ނޫޅެނީ ކީއްވެގެން ހެއްޔެވެ. ”އޭރުން އެހެން ވިޔަފާރިވެރިން ރުޅި އަތުވެދާނެތީ“ އެވަރުން ފުއްދާލި އެވެ.

ޒާކިރުގެ ޕެޓްރޯލް ޝެޑުން ސައިކަލަކަށް ޕެޓްރޯލް އަޅައިދެނީ

ކިތަންމެ އެކަހެރި ތަނެއްގައި އޭނާގެ ފިހާރަފަތި ހުއްޓަސް އެތަނަށް ވިޔަފާރި ކުރަން އަންނަ މީހުން މަދެއް ނޫނެވެ. އަގުތައް ހެޔޮވެފައި ބައިވަރު ޗޮއިސްތައް ހުރުމާއެކު އެވެ. އޭނާގެ ހިތްހެޔޮ މިޒާޖާއި މީހުންނާއި ސަމާސާ ކުރުމުގައި ގެންގުޅޭ ރީތި އުކުޅުތައްވެސް ކަމުދަނީ އެވެ. ޚާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުން ”ޒާކިރު ފިހާރަ “އަށް އަންނަ މީހުން ގިނަ އެވެ. ހަމަ އެއާއެކު ވިކުރާގައި ބޮޑު އައުޓް ސްޓޭންޑިންގ އެއްވެސް އޮވެއެވެ. އެކަން އެހެން އޮތަސް ރަށުގެ އެހެން ވިޔަފާރިތައް ކޮޅަށް ޖަހައި ދިނުމުގައިވެސް ޒާކިރު ވަނީ ބޮޑެތި އެހީތައް ވެދީފައެވެ.

އަތޮޅުތެރެ ހިމެނޭ ގޮތަށް އަތޮޅުގެ ބައެއް ރިސޯޓު ތަކަށްވެސް މުދަލާއި ތެޔޮ ސަޕްލައި ކޮށްދެވޭނީ ވެސް އެވަރުގެ ކެޕޭސިޓީ އެއް ހުރެގެންނެވެ. ސަރުކާރާއި ރިސޯޓު ތަކަކީ ޚިދުމަތް ހޯދާފައި ވަގުތުން ފައިސާ ދައްކާ ތަންތަނެއް ނޫނެވެ. ފައިސާ ނުލިބި ބައެއްފަހަރު ވަރަށް ގިނަދުވަސްތަކެއް ވެގެން ހިނގައިދެއެވެ. ހަމައެކަނި ތެލުގެ ސަޕްލައި އަށް ބަލައިލިޔަސް އަބަދުވެސް އޭނާއަށް އަންނަންޖެހޭ ފައިސާގެ ބޮޑު އައުޓްސްޓޭންޑިންގ އެއް އޮންނާނެ އެވެ. ބައެއް ފަހަރު އޭތި ޑިލޭވެގެން މަސްތަކަކަށް ދިގުދެމިގެން ހިނގައި ދެއެވެ. އެފަދަ ހާލަތްތަކުގައިވެސް ޚިދުމަތް ދިނުމުގައި ފަހަތަކަށް ނުޖެހެ އެވެ.

ޒާކިރުގެ އުމުރުން 40ގެ ފަހުގެ އަހަރުތައް ގުނަމުން ދާއިރު އޭނާގެ މުޅި މާޒީ ވިޔަފާރިއަށް އެކަނި ހުސްވެގެން ކުރެވުނު މަސައްކަތާމެދު އޭނާހުރީ ހިތްހަމަޖެހިގެން ހެއްޔެވެ؟

”މިއަށްވުރެ މާ ރަނގަޅުވާނެ ރިސޯޓެއްގެ ބީޗް ކުނިކަހަން ހުއްޓަސް.“ އޭނާގެ މަޖާ މިޒާޖުގައި ހިނިތުން ވެލައިގެން ހުރެ ބުންޏެވެ. އެކަމަކު އެއީ އޭނާ ކޮށްލި ސަމާސާއެކެވެ. އެހެން ނަމަވެސް އޭނާ އެބުނީ މާނަވީ ވާހަކަ އެކެވެ. އެންމެ ޖުމްލަ އަކުން ބުނެލި ލައްކަ ވާހަކަ އެވެ.

ޒާކިރުގެ ވިޔަފާރި 25 އަހަރުގެތެރޭގައި މިހާ ހިސާބަށް އައީ ނަސީބަކުން ނޫނެވެ. ބުރަ މަސައްކަތާއި ގަދަ ހިތްވަރުންނެވެ. ރެއެއް ދުވާލެއްނެތި ކުރި ބުރަ މަސައްކަތުގެ ނަތީޖާއިންނެވެ. ހާލަތަށް ތަބައަ ވެގެން ކެތްތެރިވާން ޖެހޭ ހާލަތްތަކުގައި ކެތްތެރި ވެގެން ދޫ ދޭން ޖޭހޭ ކަންތަކުގައި ދޫ ވެސް ދީގެންނެވެ. އެއީ ވިޔަފާރީގެ އުސޫލެވެ. އޭނާގެ ޒުވާން އުމުރު ފަސްދީ ދާއިރު މިއަދު އޭނާގެ އަތުގައިމަދުވާ އެއްޗެއް ނެތެވެ. މާފަހުން ވިޔަފާރީގެ ތެރެއަށް ވަން މީހަކު އެންމެން ޖަހާލާފައި މިހާރު އެހެރީ އަތުނުވާ ހިސާބު އެންމެ ޓޮޕް ގައެވެ. އެކަމަކު އެއީ ކޮންމެ މީހަކަށްވެސް އާދެވިދާނެ ހިސާބެކެވެ. ޒާކިރު ފަދަ މީހަކަށް ވެގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top