އޯޓީ ހިމެނޭހެން ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފި

257409_3_0cf3fd3c4fab473d4cd173590112b1bd1264200d_medium.jpeg

ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ ތެރެއިން ތެލާއި ކާބޯތަކެތީގެ އަގުތައް އުފުލެމުންދާތީ، ދައުލަތުގެ ހަރަދުތައް ކުރިން އަންދާޒާ ނުކުރެވޭ މިންވަރަކަށް އިތުރުވަަމުން ދިއުމާ ގުޅިގެން ގިނަ ދާއިރާ ތަކަކުން ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވައި ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ރަޝިއާ- ޔުކްރޭން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން ބާވަތްތަކުގެ އަގު އިންތިހާ އަށް އުފުލިފައިވާ ކަމަށާއި އެގޮތުން ދައުލަތުގެ ހަރަދުތައް ކުރިން އަންދާޒާ ނުކުރެވޭ މިންވަރަކަށް އިތުރުވަަމުންދާ ކަމަށެވެ. މީގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އާއި ފައިނޭންސިންގެ ތެރެއިން ހަރަދުތައް ހަމަޖެއްސުމަށް ލިބޭ ޖާގަ ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށް އެ ސާކިއުލާގައިވެ އެވެ.

އެގޮތުން މިއަދުން ފެށިގެން ރަސްމީ ގަޑިއަށް ފައްތައިގެން އިތުރުގަޑީގައި މަސައްކަތްތައް ކުރަންނުޖެހޭ ގޮތަށް މަސައްކަތްތައް ރޭވުމަށާއި ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް އެއްވެސް އާ މަގާމެއް ނުއުފެއްދުމަށް އަންގަވާފައިވެއެވެ. މީގެ އިތުރުން މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި، އާ އެލަވެންސެއް ދޭން ނުފެށުމަށާއި މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ ޕްރޮމޯޝަން އަދި މުސާރައާއި އިނާޔަތްތަކަށް ބަދަލެއް އަންނާނެ ފަދަ ކަމެއް ނުކުރަން ވެސް ވަނީ އަންގާފަ އެވެ.

ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގެ ތެރެއިން ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތައް ފިޔަވައި އެހެން ހުރިހާ ދަތުރުތަކެއް ހުއްޓާލުމަށް ވެސް އަންގާފައިވެ އެވެ. އަދި ރާއްޖެތެރެއަށް ކަނޑުމަގުންނާއި ވައިގެ މަގުން ކުރާ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށް ވެސް އަންގާފައިވެ އެވެ.

މީގެއިތުރުން ކޮންމެހެން ހޯދަންޖެހޭ އޮފީސް ހިންގުމަށް ބޭނުންވާ އެއްޗެއް މެނުވީ މިވަގުތު ނުހޯދުމަށާއި، އޮފީސް ހިންގުމަށް އާ ހިދުމަތެއް ހޯދާނަމަ 5،000ރ. އަށްވުރެ ބޮޑު ހިދުމަތެއް ހޯދަން ވާނީ މިނިސްޓްރީގެ ހުއްދަޔާއެކު ކަމަށްވެސް ބުނެފައިވެ އެވެ.

މި ސާކިއުލާގައި، މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ހަރަދުތަކުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ފިޔަވައި އިތުރު އެއްވެސް މަރާމާތެއް ނުކުރުމަށާއި އަދި މަރާމާތު ކުރުމުގެ ހަރަދު 5،000ރ. އަށް ވުރެ ބޮޑު މަސައްކަތެއްނަމަ ފިނޭންސްގެ ހުއްދަ ހޯދަން ވަނީ އަންގާފަ އެވެ.

މި ސާކިއުލާ އަށް އަމަލުކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top