މިދިޔަ އަހަރު މަރާމާތަށް ބަންދު ކުރި އޭދަފުށީ މެޓް ފުޓްސަލް ދަނޑު، ޓާފް އަޅައި އަންނަ ރޯދަމަހު އާންމުކޮށް ބޭނުންކުރަންފެށޭނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.
ކައުންސިލުން ބުނީ ދަނޑުގެ މަރާމާތަށްފަހު އަލުން ހުޅެވޭއިރު ފުރަތަމަ ދަނޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ފިތުރު އީދުގެ ފުޓްސަލް މުބާރާތުގައި ބައިވެރިވެފައިވާ 12 ޓީމްގެ ޕްރެކްޓިސްތަކަށް އެކަނި ކަމަށެވެ. ކައުންސިލް މެމްބަރ ޒައިދު އަލީ ވިދާޅުވީ ދަނޑު އާންމުންނަށް މުޅިން ހުޅުވާލެވޭނީ އަންނަ ފިތުރު އީދަށްފަހު ކަމަށެވެ. ސަބަބަކީ ރެސްޓްރަމްގެ މަސައްކަތް އަދި މުޅިން ނުނިމޭތީ ކަމަށެވެ.
“ދަނޑުގެ ޕިޗު ނިމުނަސް އަދި ރެސްޓްރަމްގެ މަސައްކަތް މިހާރުވެސް ކުރެވެމުންދަނީ. ފިތުރު އީދުގައި ބޭއްވުމަށް ކައުންސިލުން ހަމަޖައްސާފައިވާ ފުޓްސަލް މުބާރާތުގައި ބައިވެރިވި 12 ޓީމް ޕްރެކްޓިސް ކޮއްލަން އެކަނި ދަނޑު މިހުޅުވާލަނީ. ކުޑައީދަށްފަހު އާންމުން ބޭނުންކުރުމަށް ދަނޑު ހުޅުވާލެވޭނެ” ޒައިދު ވިދާޅުވިއެވެ.
ޒައިދު ވިދާޅުވީ އަލުން ދަނޑު ހުޅުވޭއިރު ދަނޑުގެ ޕިޗު ސައިޒު ބޮޑުވެފައި ހިދުމަތްތައްވެސް އިތުރަށް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. ޕިޗުގެ ސައިޒު 20×25 މީޓަރުން 38×20 މީޓަރަށް ބޮޑު ކުރެވިފައިވާކަމަށާއި ލައިޓް ސިސްޓަމާއި، ރެސްޓްރަމް ފަދަ ކަންކަންވެސް އިތުރަށް ފުރިހަމަވާނޭ ކަމަށް ޒައިދު ވިދާޅުވިއެވެ.
”ކުރިޔަށްވުރެ ލައިޓިން ވެސް ރަނގަޅުވާނެ. ރެސްޓްރަމް ހުންނާނީ ދެބުރިއަށް، މަތީގައި ތިބެގެންވެސް މެޗް ބެލޭނެ. އަދި މުޅިދަނޑަށްވެސް ފެންޖެހޭގޮތަށް ފެންވައިރުކުރެވި ހިދްމަތްތައް ރަނގަޅުކުރެވިފަ ހުންނާނީ“
2014 ވަނަ އަހަރު ހުޅުވުނު މެޓް ފުޓްސަލް ދަނޑު ޓާފަށް ބަދަލުކުރަން ކައުންސިލުން ނިންމީ ގިނަ ޒުވާނުންތަކެއްގެ އެދުމުގެ މަތިންނެވެ. ކައުންސިލުން ބުނީ މަރާމާތަށްފަހު ދަނޑު ހުޅުވޭއިރު ކައުންސިލްގެ ބަޖެޓުން މިކަމަށް މިލިޔަނެއްހާ ރުފިޔާ ހަރަދުކުރެވޭނެކަމަށެވެ.