ޔޫރަޕުން ރާއްޖެ އެތެރެ ކުރަމުން އައި ތަރުކާރީތަކެއްގައި ޖަރާސީމު

depositphotos_133251190-stock-photo-bags-with-frozen-vegetables-in-1.jpg

ޔޫރަޕުން ރާއްޖެއަށް އެތެރެ ކުރަމުން އައި ގަނޑުކޮށްފައިވާ ތަރުކާރީގެ ބާވަތްތަކެއްގައި އިންސާނާގެ ހަށިގަނޑަށް ނުރައްކާތެރި ބެކްޓީރިއާއެއް ކަމަށްވާ “ލިސްޓީރިއާ މޮނޮސައިޓޮޖެންސް” ހުރުމުން އެ ތަކެތި ރާއްޖޭގެ ބާޒާރުން ނެގުމުގެ މަސައްކަތް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ފަށައިފިކަމަށް އެއޮތޯރިޓީން ބުނެފިއެވެ.

އެފްޑީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ “ލިސްޓީރިއާ މޮނޮސައިޓޮޖެންސް” ބެކްޓީރިއާއިން ތަޣައްޔަރުވެފައިވާ ގަނޑު ކުރި ތަރުކާރީ ރާއްޖެ އަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީ ނެޓްވޯކް އަދި ޔޫރަޕްގެ އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަށް ދީފައިވާ ކަމަށެވެ. އެހެންވެ މިހާރު އެ ތަރުކާރީ ރާއްޖޭގެ ބާޒާރުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީ އިން ވަނީ ބުނެފައެވެ.

ތަޣައްޔަރުވެފައިވާ ތަރުކާރީ ހިމެނެނީ “ޑަޓް ޝައުބް” ބްރޭންޑުގެ މިކްސްޑް ވެޖިޓަބަލްސް އެ ބްރޭންޑުގެ ސްވީޓް ކޯންގަ އެވެ. މީގެ އިތުރުން ތަޣައްޔަރު ވެފައިވާ ކަމަށް ބެލެވޭ އެހެން ބްރޭންޑުތަކެއް އެފްޑީއޭ އިން ވަނީ އެލާޓް ކޮށްފަ އެވެ. އެއީ “ޓްރާންސްގޯމޭ ކުއަލިޓީ” އަދި “ޕިންގުއިން” މި ދެ ބްރޭންޑުގެ ގަނޑު ކުރި ތަރުކާރީއެވެ.

އެފްޑީއޭ އިން ބުނަނީ މި ޖަރާސީމު އެކުލެވިގެން ތަޣައްޔަރުވެފައިވާ ކާ ތަކެތީގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާ ކަމެއްކަމަށާ އެ ބާވަތްތަކުގެ ކާއެއްޗެހި ނުކެއުމަށް ވެސް އިލްތިމާސް ކޮށްފަ އިވެއެވެ. އަދި މި ބްރޭންޑުތަކުގެ ތަރުކާރީ ވިއްކަން ހުރިނަމަ އެކަން އެފްޑީއޭއަށް އެންގުމަށް ވެސް އެ އޮތޯރިޓީ އިން އެދިފައިވެ އެވެ.

“ލިސްޓީރިއާ މޮނޮސައިޓޮޖެންސް” އަކީ ސިކުނޑި އަދި ސްޕައިނަލް ކޯޑު ފަދަ ހަށިގަނޑުގެ މުހިންމު ގުނަވަންތަކުގައި އިންފެކްޝަން އުފައްދާ ބެކްޓީރިއާއެކެވެ. މި ބެކްޓީރިއާ އަކީ މާބަނޑު އަންހެނުންނަށާއި، އަލަށް ވިހާ ކުދިންނަށާއި، އުމުރުން ދަވަސްވީ މީހުންންގެ އިތުރުން ދިފާއީ ނިޒާމުގައި މައްސަލަ ހުންނަ މީހުންނަށް ހާއްސަކޮށް ނުރައްކާތެރި ބެކްޓީރިއާއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top