މިޔަރެއްގެ ހަމަލާގައި މީހަކު ޒަޚަމްވެއްޖެ

large_1708026529601urx.jpg

މިޔަރެއް ދިން ހަމަލާގައި ޒަޚަމްވި މީހާ: އޭނާއަށް ފަރުވާ ދެމުން އަންނަނީ އުނގޫފާރު ހޮސްޕިޓަލުގައި -- ފޮޓޯ/ އެމްއެންޑީއެފް

މިޔަރެއް ހަމަލާގައި މީހެއްގެ ހާލު ދެރަވެ، އަވަސް ފަރުވާ ދޭން ޖެހިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިފަހަރު މިޔަރެއްގެ ހަމަލާ އަމާޒުވީ ރ. އަތޮޅު ކޯރާކޯރާ ރިސޯޓް ކައިރިން ދޮށި އުކައިގެން މަސްވެރިކަން ކުރަމުންދިޔަ މީހަކަށް ކަމަށެވެ.

ސިފައިން ބުނީ، “ރިހިވެލި” ނަމަކަށް ކިޔާ ޑިންގީ ލޯންޗެއްގައި ހުރި އެ ފަޅުވެރިޔާ ބޭނި މަހަކުން ބުޅި ނައްޓަން އުޅުމުގެ ތެރޭގައި މިޔަރެއް އޭނާގެ އަތުގައި ދަތް އެޅީ ކަމަށެވެ.

އެ މީހާ ޒަޚަމްވެ، ހާލު ދެރަވުމުން ޞިއްޙީ އަވަސް ފަރުވާ ބޭނުންވާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އަށް ލިބުނީ މިރޭ 18:55 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާސް “033 ލޯންޗު” އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ގޮސް، މިރޭ 19:42 ހާއިރު ހާލުދެރަވި ފަޅުވެރިޔާ، ރ. އުނގޫފާރަށް ގެންގޮސްދީފައިވާ ކަމަށް ވެސް ސިފައިން ބުންޏެވެ.

އުނގޫފާރު ހޮސްޕިޓަލުން “ސަން”އަށް މައުލޫމާތު ދިން ގޮތުގައި އެ މީހާ އެ ހޮސްޕިޓަލަށް ގެންގޮސް، އޮޕަރޭޝަނެއް ކުރުމަށް ފަހު މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައެވެ.

މިޔަރެއްގެ ހަމަލާގައި މިމަހުގެ 6ވަނަދުވަހު ވެސް ވަނީ މީހަކު ޒަޚަމްވެފަ އެވެ. އެއީ ހއ. އަތޮޅުގައި ފާނަ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދިޔަ، ފ. ފީއަލި ދޯންޏެއްގެ ފަޅުވެރިއެއް ކަމުގައިވާ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ ހަމަލާގައި އޭނާގެ އަތް ވަރަށް ބޮޑަށް ޒަޚަމްވުމުން، އެ މީހާއަށް ހއ. ހޯރަފުށީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާ ދީފައިވެއެވެ.

އޭގެ ކުރިން މިދިޔަ ޑިސެމްބަރު މަހު، ފެމުނު މިޔަރަށް ކާން ދޭން އުޅެނިކޮށް، ޑައިވް އިންސްޓްރަކްޓަރަކަށް މިޔަރުތައް ހަމަލާދީފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top