މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ރާވައި އިންތިޒާމުކުރާ “ސަވާދީއްތަ”އިގެ ދެވަނަ ދަތުރުގެ ބައިވެރިން މިއަދު ބަނދަރުކުރީ ބ. ގޮއިދޫގައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ކުރިއަށް ގެންދާ ދަތުރުގައި ނުވަ ރަށަކާއި ހަ އެންކާ ޕޮއިންޓަކަށް ދިޔުމަށް ހަމަޖެހިފައިވާ އިރު މި ދަތުރުގައި 18 ދުވަސް ހޭދަވާނެއެވެ.
އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ރާއިދު ވިދާޅުވވިގޮތުގައި ދަތުރުގެ ބައިވެރިން މިރެއާއި މާދަމާ އެ ރަށުގައި މަޑުކުރާނެއެވެ.
ދަތުރުގެ ތެރެއިން ރާވާފައިވާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނެވެ. އެގޮތުން، ރަސްމީކޮށް ފަތުރުވެރިންނަށް މަރުހަބާ ދެންނެވުމަށް އެ ރަށުގެ އެންމެން މާދަމާ ފެންނާނީ ދިވެހި ހެދުމުގައެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރާއިދު ވިދާޅުވީ ގޮއިދޫގެ އެންމެހާ ރައްޔިތުން އެ ހަރަކާތްތަކުގައި ބައިވެރިވާ ކަމަށާއި އެ ނަމޫނާ ފެނި އޭނާ ވެސް ހުރީ ކޮސްވެފައި ކަމަށެވެ. ރަށްރަށަށް ކުރާ ދަތުރުގެ ތެރެއިން އެ ރަށްރަށުގެ މީހުން އެ ރަށްރަށް ފަތުރުވެރިކަމަށް ޕްރޮމޯޓު ކުރަން ބޭނުންވެފައި ތިބި މިންވަރު އެނގިގެން ގޮސްފައިވާ ކަމަށެވެ.
“އެންމެ ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެން ދާ މަންޒިލްތަކުގައި ކައުންސިލްތަކާއި ރައްޔިތުން ގުޅިގެން ރަށް ޕްރޮމޯޓު ކުރުމަށްޓަކައި ބޭނުންވެފައިވާ މިންވަރު ފެނިގެން މި ދަނީ. ފަތުރުވެރިކަމަށް ރަށް ޕްރޮމޯޓު ކުރުމަކީ ކިހާ ވަރެއްގެ މުހިއްމު ކަމެއްކަން ރާއްޖޭގެ ހަމަ ހުރިހާ ރަށަކަށް ވެސް މި ވަގުތު ވަނީ ގަބޫލުކުރެވިފައި,
އޭނާ ވިދާޅުވި ގޮތުގައި މި ކޮށްދެވޭ މަސައްކަތަކީ ގޮއިދޫ ޕްރޮމޯޓު ކުރުމާއި ފަތުރުވެރިއަކު ގޮއިދުއަށް އަންނަން ޖެހޭ ސަބަބު، މި ދުނިޔެއަށް ދައްކުވައިދިނުން ކަމަށެވެ.
ދަތުރުގެ ތެރެއިން މާދަމާ ހެނދުނު ބައިވެރިންނަށް މަރުހަބާ ކިއުމަށް ފަހު، މެންދުރުގެ ކެއުން ވެސް އޮންނާނެއެވެ. އަދި، ރޭގަނޑުގެ ކެއުމާއި ލައިވް މިއުޒިކް ވެސް އޮންނާނެއެވެ. ރާއިދު ވިދާޅުވީ ވަރަށް ބައިވަރު ހަރަކާތްތައް ގޮއިދޫގައި ވެސް ރާވާފައިވާ ކަމަށެވެ.