ރިސޯޓް މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭ ގޮތް ހެދުމަށް އެދި ޕެޓިޝަނެއް

4259968a-2438-468e-843c-7efc8dad7be7.jpeg

''ޓީމް'' އިން ތައްޔާރު ކުރި ޕެޓިޝަނެއް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުން

ރިސޯޓު ތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ކޮންމެ ދުވަހަކު މަސައްކަތަށް ނިކުތުމުގެ ކުރިން ތުނބުޅި ބާލައި އޮމާން ކުރަން މަޖުބޫރުކޮށް ހަދާފައިވާ ރިސޯޓު ޕޮލިސީ ބަދަލުކޮށް ތުނބުޅި ބެހެއްޓޭ ގޮތް ހެދުމަށް އެދި ޓޫރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ ފަރާތުން ޕެޓިޝަނެއްގައި ސޮއިކޮށް، އިކޮނޮމިކް މިނިސްޓްރީއަށް މިއަދު ހުށަހަޅައިފިއެވެ.

މިކަމަށް ހާއްސަ ޕެޓިޝަނެއް ތައްޔާރުކޮށް، އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައިވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ 1،500 އެއްހާ ފިރިހެން މުވައްޒަފުންގެ ސޮޔާ އެކު ކަމަށް ޓީމްގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާކިރު ވިދާޅުވި އެވެ.

ރިސޯޓު މުވައްޒަފުން ތުނބުޅި ބަހައްޓައިގެން މަސައްކަތް ކުރެވޭނެ ގޮތް ހެދުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި އަދި މިއީ އަސާސީ ހައްގެއް ކަމަށް ވާތީ އެކަން ކޮށްދިނުމަށް ޓީމް އިން ވަނީ ގޮވާލައިފައެވެ.

“އަޅުގަނޑުމެން އުއްމީދު ކުރަނީ ވަޒީފާދޭ ފަރާތްތަކާއި، މަސައްކަތްތެރިންގެ މަންދޫބުންނާއެކު މާނަ ހުރި މަޝްވަރާތަކެއް ކޮށް، މި ސިނާއަތުގައި މަސައްކަތް ކުރާއިރު، ތުނބުޅި ބަހައްޓަން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ލިބޭނެ މަގު ފަހިވެގެން ދާނެ ކަމަށް”. ޓީމް އިން ބުނެފައި ވެއެވެ.

އަދި މި އަސާސީ ހައްގު ރިސޯޓް މުވައްޒަފުންނަށް ލިބެން ދެން އިތުރު ރިސޯޓްތަކުން މި ކެމްޕެއިންގައި ބައިވެރިވާނެ ކަމަށް އުއްމީދު ކުރާ ކަަމަށްވެސް ބުނެފައި ވެއެވެ.

ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި އެއްވެސް ގޮތަަކަށް ފިރިހެން މުވައްޒަފުންނަށް ތުނބުޅި ނުބެހެއްޓެވެ. އަދި ކޮންމެ ހަފްތާއަކު ދެ ފަހަރު ނޫނީ ތިން ފަހަރު އެއްކޮށް ޝޭވް ކުރަން ޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top