ދުނިޔެ ބަލައިގަންނަ ވެކްސިން ޕާސްޕޯޓެއް ރާއްޖެއިން ވަރަށް އަވަހަށް ނެރޭނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ނަސީމް ވިދާޅުވީ އެކަމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
“އަޅުގަނޑުމެން ބަލަންޖެހޭ ބައެއް ކަންކަން އަދި އެބަހުރި. އިރާދަކުރެއްވިއްޔާ އެ ބަލަންޖެހޭ ކަންކަމަށް ބަލާފައި، އަޅުގަނޑުމެން ވަރަށް އަވަހަށް މި ޕާސްޕޯޓް ނެރޭނަން.” ”ސަން ”އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ކުރަމުން އަންނަނީ ވެކްސިން ޕާސްޕޯޓަކީ ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ އެއްޗެއްގެ ގޮތުގައި ހެދުމުގެ މަސައްކަތްކަމަށެވެ.
ރާއްޖޭގައި މިހާރު ވެކްސިން ޖަހާ މީހުންނަށް ދޫކުރަމުން އަންނަނީ “ކޮވިޑް-19 ދިފާއު” ގެ ނަމުގައި ދޫކުރާ ކާޑެކެވެ. މިކާޑުގައި ވެކްސިން ޖަހާ ސެންޓަރުގެ ތައްގަނޑުގެ އިތުރަށް، އެއީ ރަސްމީ ލިޔެކިޔުމެއް ކަން އެނގޭނެ އިތުރު ނިޝާނެއް ނުހުރެ އެވެ. އެކަމަކު ކޮވިޑް ސޭފް ޕޯޓަލްގައި “ޑިސްކްލެއިމާ”އެއްގެ ގޮތުގައި، އޭގައި ހިމެނޭ މައުލޫމާތަކީ ހެލްތް މިނިސްޓްރީގެ ވެރިފައިޑް ޑޭޓާ ކަމުގައި ލިޔެފައި ވެއެވެ.
އެހެންވީމާ ބޭރު ގައުމުތަކުން ކާޑު ބަލައިގަތުމަށް ބޮޑެތި ދަތިތަކެއް ދިމާވަމުން އަންނަކަމުގެ ޝަކުވާ ރާއްޖެއިން ބޭރަށް ދަތުރުކުރާ ބައެއް ދިވެހީން ކުރެއެެވެ. އަދި އެގޮތަށް ކަންތައް ވުމުގެ ސަބަބުން އަމިއްލަ ޖީބުން ހަރަދުކޮށްގެން ޕީސީއާރު ޓެސްޓު ހަދަން ޖެހޭކަމަށްވެސް އެމީހުން ފާހަގަކުރެއެވެ.
ނަމަވެސް އަލަށް ތައާރަފްކުރުމަށް ނިންމާފައިވާ ވެކްސިން ޕާސްޕޯޓާއެކު މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރާނެއެވެ.