ބ. އަތޮޅާއި ރ. އަތޮޅުގެ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމް ގާއިމުކުރަނީ

b_G1f40GpvMd11mIh0glziSpG43.jpeg

ބ އަތޮޅާއި ރ.އަތޮޅުގެ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ވަން ފޮޓޯ: ހުމާމް އަހުމަ

ބ. އަތޮޅާއި ރ.އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށެއްގައި 6.35 މެގަވޮޓުގެ ސޯލާ ޕީވީ، 7.66 މެގަވޮޓު އަވާގެ ބެޓަރި އެނާޖީ ސްޓޯރޭޖު ސިސްޓަމް އަދި އެނާޖީ މެނޭޖުމަންޓް ސިސްޓަމް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ “ސައިނޮސޯ – ޔިންގްލީ ކޮންސޯޓިއަމް” ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެ އެއްބަސްވުމުގައި އެންވަޔަރންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. ޗައިނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު، ސާއޯ ސިއޯ މިންއެވެ.

އެ ސިސްޓަމުތަކުގެ ސަބަބުން، އަހަރަކު 2.9 މިލިއަން ލިޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށާއި އަންދާޒާކުރެވޭ ގޮތުގައި އަހަރަކު 47 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވި، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 7900 ޓަނުގެ ކާބަންޑައޮކްސައިޑް އިކްއިވެލަންޓް މަދުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖެ އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަވެ، ހަކަތައިގެ ޔަގީންކަން އިތުރުކުރުމަށް ރާއްޖޭން ލިބެން ހުރި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުވެ، ރާއްޖޭން އިއުލާނުކޮށްފައިވާ ނެޓް-ޒީރޯ 2030 ލަނޑުދަނޑި ހާސިލުކުރުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމްތައް ގާއިމުކުރުމަކީ ސަރުކާރުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން މިހާރުވެސް މުޅި ރާއްޖޭގައި 53 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމްތައް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރެއިން 36.5 މެގަވޮޓަކީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ގާއިމުކޮށްފައިވާ ސިސްޓަމްތަކެވެ.

މި މަޝްރޫއުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. އެ މަޝްރޫއުގެ ޖުމުލަ އަގަކީ 18.24 މިލިއަން އެމެރިކާ ޑޮލަރެވެ. އެ މަޝްރޫއަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ އެހީގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top