ލިބޭ މިންވަރަށް ބަލައިގެން އިގްތިސާދު ކުރުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް: ޚުތުބާ

big_bWvxo8kA5ooHLnEiNan2XGf6F.jpg

ލިބޭ މިންވަރަށް ބަލައިގެން އިގްތިސާދު ކުރުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

“އިގްތިސާދު ކުރުން” މި މައުލޫއުގެ މައްޗަށް ޚާއްސަކޮށްގެން މިއަދު ދެއްވި ހުކުރު ޚުތުބާގައި ބުނީ، އިސްރާފު ކުރާ މީހުންދެކެ މާތްﷲ ލޯބިވެވޮޑިގެން ނުވާ ކަމަށާއި، މުއުމިނުންގެ ސިފައަކީ މާތްﷲ ތިމާއަށް ދެއްވި އެއްޗަކަށް ފުދިގެން އިގްތިސާދު ކޮށްގެން ދިރިއުޅުން ކަމަށެވެ.

ލިބިފައިިވާ މިންވަރަށް ރުުހި މާތްﷲ އަށް ޝުކުރު ކުރުންމަތީ ދެމިތިބޭ މީހުންނަށް ތައުރީފުގެ ބަސް މާތްﷲ ރައްދުކުރައްވާފައިވާ ކަމަށާއި، އެފަދަ މީހުންނަށް މާތްﷲ ކަނޑައަޅުއްވާފައިވާ މުއްދަތެއްގައި ތަނަވަސްކަމާއި ތިޔާގިކަން ދެއްވާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެ އެވެ.

އަދި ތިމާގެ އަތުގައި ހުރި އެއްޗެހި ހޭދަކުރަންވީގޮތް ވެސް މާތްﷲ އަންގަވާފައިވާ ކަމަށާއި، މުދަލުން ހޭދަކުރުމުގައި އިސްރާފު ނުކުރުމާއި، ހޭދަކުރުމުގައި މުއްބާރު ނުކޮށް އެދެމެދުގައި މެދުމިން ކުރުމަށް މާތްﷲ އަންގަވާފައިވާ ކަން ފާހަގަކޮށް ހުތުބާގައި ބުނީ، ބައެއް މީހުން ކަންކުރަމުންދަނީ އެޔާއި ހިލާފަށް ކަމަށާއި ލިބޭ އާމްދަނީއަށް ބެލުމެއްނެތި ބާޒާރަށް އަަލަށް އަންނަ ކޮންމެ އެއްޗެއް ބައެއް މީހުން ހޯދާ ކަމަށާއި ދަރިންގެ ކުޅޭ އެއްޗެހިވެސް ބާ ނުވަނީސް އާ އެއްޗެހި ގަނެދީ، ހަދާ ކަމަށެވެ. އަދި އަތުގައި ފުއްދުންތެރިކަން ނެތަސް ދަރަނި ނުވަތަ ލޯނުނަގައިގެންނާއި، ސަލާންޖަހައިގެން ވެސް ބޭކާރު ހަރަދުތައް ކުރާ ކަމަށެވެ.

“ޙާޖަތްތެރިން ތިމާމެންގެ ބޭނުންތައް ފުއްދުމަށްޓަކައި ދަރަނި ނެގުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް. ނަމަވެސް އެ ދަރަނި އަދާކުރުމަށް އަވަސްވެ ގަންނަން ޖެހޭ. އެހެނީ އިންސާނުންގެ ދިރިއުޅުމަކީ އޭގެ މިންވަރު ކަނޑައެޅިފައިވާ އެއްޗެއް. އެހެންކަމުން އަބަދުވެސް ހުންނަން ޖެހޭނީ މީހުންގެ ހައްގުތަކާއި ދަރަނިތައް އަދާކޮށް މަރަށް ތައްޔާރުވެގެން،” ޚުތުބާގައި ބުންޏެވެ.

މިހާރު އާއްމު ރައްޔިތުންނާއި ޒުވާނުން އިގްތިސޯދު ކުރުމަށް ހޭލުންތެރިކުރުވައި އެކަމުގެ ތަމްރީން އެމީހުންނަށް ފޯރުކޮށްދެން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ. އަދި އިސްލާމްދީނުގައި މަސައްކަތްތެރިކަމާއި ހޭދަކުރުމާއި އިގްތިސޯދުކުރުމުގެ ކަންތައް ހުރި ނެތް ގޮތުގެ މައްޗަށް އަދުގެ ޖީލު ހޭލުންތެރި ކުރުވަން ޖެހޭ ކަމަށާއި އެއީ މައިންބަފައިންނާއި ކަމާބެހޭ މަސްލޫވެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ޚުތުބާގައި ބުންޏެވެ.

ދުނިޔޭގައި ހޭދަކުރާ ދުވަސްތަކަކީ އަޖަލު ކަނޑައެޅިފައިވާ މަދު ދުވަސްތަކެއް ކަމުން، މީހުންގެ ހައްގުތަކާއި، ދަރަނިތައް އަދާކޮށް އަބަދުވެސް ހުންނަންޖެހޭނީ މަރަށް ތައްޔާރުވެގެން ކަމަށް ހުތުބާގައި ބުންޏެވެ. މީހުންގެ ދަރަންޏާއި، ހައްގުތައް އަދާނުކޮށް ހުއްޓައި އެމީހެއްގެ މަރު ގެންދަވައިފި މީހާއަށް އޮތީ ފާފަޔާއި، ނުރައްކާ ބޮޑުވެގެންވާ އަޒާބު ކަން ހުތުބާގައި ފާހަގަކުރި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top