އުޅަނދުތަކުގެ އަހަރީ ފީ ބަލައިގަތުން ރަށު ކައުންސިލު ތަކަށް

DSCN3341-3.jpg

ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުގެ އަހަރީ ފީ މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގަތުން ހުއްޓާލައި ރަށު ކައުންސިލުތަކުން އެފައިސާ ބަލައިގަންނަ ގޮތަށް ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާއެއްގައި ބުނެފައިވަނީ އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ ބަލައިގަތުން ކައުންސިލްތަކަށް ބަދަލުކުރުމުގެ ގޮތުން މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން މީރާއިން ފީ ބަލައިގަތުން ހުއްޓާލާނެ ކަމަށެވެ.

އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީ ދެން ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް އެ ފީ ނިސްބަތްވާ ކައުންސިލަކުންނެވެ. ސިސްޓަމް މެދުވެރިކޮށް ކައުންސިލްތަކުގެ އެކައުންޓަށް ފީ ޖަމާކުރެވޭނީ ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ބަނޑޭރި ޕޭ އާ ގުޅުވާލުމުންނެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބަނޑޭރި ޕޭ އާ ގުޅުވާލާފައިވާ ކައުންސިލްތަކުގެ ބޭންކް އެކައުންޓްތަކަށް އެ ފީ ޖަމާކުރެވޭނީ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާ ގޮތަށެވެ.

މި މުއްދަތުގެ ނިޔަލަށް އެއްވެސް ކައުންސިލެއްގެ ބޭންކް އެކައުންޓް ބަނޑޭރި ޕޭއާ ގުޅާލާފައިނުވާނަމަ އެ ކައުންސިލަކަށް ނިސްބަތްވާ ފީ ޖަމާވާނީ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ބަނޑޭރި ޕޭއާ ގުޅާލާފައިނުވާނަމަ މި މަސް ނިމުމުގެ ކުރިން އެކަން ކުރުމަށްވެސް ކައުންސިލްތަކަށް ވަނީ އަންގާފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއަހަރުގެ ތެރޭގައި އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީގެ ގޮތުގައި ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާވެފައިވާ އާމްދަނީ އެ ފީ ނިސްބަތްވާ ކައުންސިލްތަކަށް ޓްރާންސްފާ ކުރުމުގެ މަސައްކަތް ވެސް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top